ސަރުކާރު ބަދަލުވި ނަމަވެސް، އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތައް ނުހުއްޓޭނެ ކަމަށާއި އެކަމާ މެދު އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށް އެގްޒިމް ބޭންކުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ރަމޭޝް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އިކޮނޮމިކް ޓައިމްސްއަށް ރަމޭޝް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ، ރާއްޖޭގެ ސަރުކާރު ބަދަލުވުމުގެ މި ދުވަސްވަރު ވެސް މަޝްރޫއުތަކަށް އެއްވެސް ބަދަލެއް ނައިސް ކުރިއަށް ދާކަމަށެވެ.

"އަހަރެމެން ގަބޫލު ކުރަނީ އާ ސަރުކާރުން ނިންމާނީ ހަމަޖެހޭ ނިންމުންތަކެއް ކަމަށް. އަހަރެމެން މަސައްކަތް ކުރަނީ ރާއްޖޭގެ ތަރައްގީއަށް އެހެންވީމަ އުންމީދު ކުރަނީ މިހާރު ކުރިއަށް ދާގޮތަށް މަސައްކަތްތައް ކުރިއަށް ދާނެކަމަށް. މިވަގުތު އަދި އެއްވެސް ކަންބޮޑުވުމެއް ނެތް،" އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދަނީ އަވައްޓެރި ގައުމުތަކަށް އެހީތައް ފޯރުކޮށްދެމުންނެވެ. އެގޮތުން އެގްޒިމް ބޭންކުގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރުއުތަކަށް ބަލާއިރު، ހަނިމާދޫ އަދި ގަން އެއާޕޯޓުގެ މަސައްކަތާއި ގްރޭޓާ މާލެ ކަނެކްޓިވީ ޕްރޮޖެކްޓް އަދި ގުޅީފަޅުގައި ޕޯޓު ގާއިމް ކުރުމުގެ މަޝްރޫއު ހިމެނެއެވެ. އެކި މަޝްރޫއުތަކަށް އެގްޒިމް ބޭންކުން ރާއްޖެއަށް 1.4 ބިލިއަން ރުފިޔާ ފަންޑު ކުރެއެވެ.

ރާއްޖޭގެ އެއްވެސް ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއަކީ ފައިދާހުރި މަޝްރޫއެއް ނަމަ އެ މަޝްރޫއެއް ހުއްޓާ ނުލާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައި ވެއެވެ.