19 May 2012, 13:01
މެލޭޝިޔާގެ ނެކްސް ބިޒް ކުންފުންޏާ ހަވާލުކޮށްގެން އިމިގްރޭޝަނުން ކުރިއަށް ގެންދާ 39 މިލިއަން ޑޮލަރުގެ ބޯޑާ ކޮންޓްރޯލް ނިޒާމުގެ ޕްރޮޖެކްޓްގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށް އެ ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެ ކުންފުނިން ނިންމައިފި އެވެ.
ސަން އޮންލައިނާ ވާހަކަ ދެއްކެވި ސަރުކާރުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން ކުރިއަށް ގެންދާ ބޯޑާ ކޮންޓްރޯލްގެ މަސައްކަތް މި އަހަރުގެ ޖެނުއަރީގައި އަލުން ފެށީ އެ މަސައްކަތް ހުއްޓާލުމަށް އޭސީސީ އަށް ނޭނގޭނެ ކަމަށް ބުނެ ސިވިލް ކޯޓުން އޭރު ކުރި ހުކުމާ ގުޅިގެން ކަމަށެވެ. އަދި އެ މަސައްކަތް މި މަހުގެ 10 ވަނަ ދުވަހު ހުއްޓާލަން ކޯޓުން އަމުރުކުރި އިރު އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެއާޕޯޓުގައި ހަރުކުރަން ޖެހޭ މެޝިންތަކާއި އެހެނިހެން ސާމާނާއި އަދި މުޅިން އާ ސާވާ ރޫމެއް ވެސް އެ ކުންފުނިން ގާއިމުކޮށް ނިންމާފައިވާ ކަމަށެވެ.
"އެ އަމުރު [ހުއްޓާލުމުގެ އަމުރު] ކޯޓުން އައުމާ އެކު އެބޭފުޅުން ދެ ދުވަހެއްގެ ތެރޭގައި ފުރައިގެން ދިޔައީ. އޭރު ހުރީ ކޮމްޕިޔުޓަރުތަކާއި ޖޯމެޓްރިކަލް އެހެންވެސް އިކުއިޕްމަންޓްތައް އެއާޕޯޓުގައި ބަހައްޓާފައި. އަދި ޒަމާނީ މުޅިން އާ ސާވާ ރޫމެއް ވެސް ހުރީ އެބޭފުޅުން ހައްދަވާފައި، އެއީ ގާތްގަނޑަކަށް 10 މިލިއަނެއްހާ ރުފިޔާގެ މަސައްކަތް،" އެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތް ހުއްޓާލަން ޖެހުނު އިރު އަލަށް ބަހައްޓާފައި ހުރި ސިސްޓަމަށް އިމިގްރޭޝަންގެ މުވައްޒިފުން ފަރިތަކުރުމުގެ ޕްރޮގްރާމެއް މި މަހުގެ 10 އެއްގައި ބާއްވަން ނިންމާފައިވާ ކަމަށާއި ނިޒާމުގެ ބޭނުން މި މަހުގެ 20 ހާތަނުގައި ފަށަން ވެސް ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑަށް އެނގިފައި އޮތީ ހަމަ އެކަނި ސޮފްޓްވެއާއޭ އަޅާލަން ޖެހޭނީ، ހަމަ ފުލީ ސިސްޓަމްތައް ބެހެއްޓިފައި އެ ހުރީ އެގްރިމަންޓުގައި އެ ބުނާ ފުރަތަމަ ފިޔަވަހީގެ،" އޮފިޝަލް ވިދާޅުވި އެވެ.
ދެހާސް ދިހަ ވަނަ އަހަރުގެ ފަހުކޮޅު ނެކްސްބިޒްއާ 39 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 601 މިލިއަން ރުފިޔާ) އަށް ހަވާލުކުރި އެ މަޝްރޫއުގެ މަސައްކަތް ނެކްސްބިޒްއާ އޭރު ހަވާލުކުރީ ވެސް އެގްރިމެންޓްގައި ސޮއި ކުރުން ފަސްކުރުމަށް އޭސީސީން އިމިގުރޭޝަނަށް އަންގާފައި ވަނިކޮށެވެ. އަދި އެ މަޝްރޫއުގައި ކޮރަޕްޝަންގެ ކަންތައްތަކެއް ހިމެނޭ ކަމަށް ބުނެ އެ މަޝްރޫއު ހުއްޓާލަން އޭސީސީ އިން އެންގީ މިދިޔަ އަހަރުގެ ޖެނުއަރީގަ އެވެ.
އެ ޕްރޮޖެކްޓްގެ މަސައްކަތް ހުއްޓާނުލުމުން އެ މައްސަލަ އޭސީސީން ކޯޓަށް ވެއްދީ މި ދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހު އެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ އޭސީސީއަށް އެ ޕްރޮޖެކްޓް ހުއްޓާލަން ނޭންގޭނޭ ކަމަށެވެ. މިދިޔަ އެޕްރީލް މަހު އޭސީސީން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އޭސީސީގެ އެދުމުގެ މަތިން ހައިކޯޓުން ވަނީ އެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މަސައްކަތް ހުއްޓާލާފައި ބޭއްވުމަށް އިމިގުރޭޝަންގެ މައްޗަށް އަމުރުކޮށްފަ އެވެ.
ސަރުކާރުގެ އެހެން އޮފިޝަލަކު ވެސް މިއަދު ވިދާޅުވީ އެ މަސައްކަތް ހުއްޓާލި އިރު އެ ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމި ބޭނުންކުރާ މަރުހަލާގައި ހުރިކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވި އެވެ.
ސަރުކާރުން ބުނެފަފައި ވަނީ ސަރުކާރުގެ ޕޮލިސީ އަކީ ގިނަ މައްސަލަތަކެއް އެކަމުގައި ހުއްޓަސް ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިޔުން ކަމަށެވެ. ނެކްސް ބިޒްއާ އެކު ސަރުކާރުން އެއްބަސްވެފައި ވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ތިން ފިޔަވައްސަކަށް ބަހާލައިގެން އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށެވެ.
ސަން އޮންލައިންއާ ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވީ ދެން އެ ޕްރޮޖެކްޓުގައި ބާކީ އޮތީ އިމިގުރޭޝަންގައި ގާއިމް ކުރަން ޖެހޭ ބައެއް ސިސްޓަމްތައް ގާއިމްކޮށް އޮންލައިން ވިސާ ހެއްދުމާއި ފީދެއްކުމުގެ ބައެއް ޒަމާނީ ހިދުމަތްތައް ގާއިމް ކުރުން ކަމަށެވެ. އަދި ތިން ވަނަ ފިޔަވަހީގައި އޮންނާނީ ޕާސްޕޯޓުގެ މެކޭނިޒަމް ރަނގަޅުކޮށް ޒަމާނީ އިތުރު ވަސީލަތްތައް ޕާސްޕޯޓްގެ ޕްރޮސެސްއަށް އިތުރުކުރުން ކަމަށްވެސް ވިދާޅުވި އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ އެ ޕްރޮޖެކްޓްގެ ބައެއް ފިޔަވަހިތަކުގެ މަސައްކަތް މިހާރު ވެސް ނިންމާފައިވާކަމުގެ އަޑުތައް އިވޭ ކަމަށާއި އެ ގޮތައް އެކަން ގޮސްފައިވާ ނަމަ އެއީ "ވަރަށް ދެރަ ކަމެއް" ކަމަށެވެ.
"ސަރުކާރުން ވިދާޅުވެފައި ވަނީ މިނިވަން މުއައްސަސާތަކަށް އެއްބާރުލުން ދެއްވާނަމޭ، އެކަމަކު އެގޮތަށް އެކަންތައްތައް ދާކަމަށް ވެއްޖިއްޔާމުން އެއާ ހިލާފު މަންޒަރެކޭ ފެނިގެން މިދަނީ،" ލުތުފީ ވިދާޅުވި އެވެ.
މައްސަލަ ގަނޑުގެ ތެރޭގައި ވަނިކޮށް، ފުރަތަމަ ފޭހުގެ މަސައްކަތް ނިންމެވީ ކީއްްވެތޯ ސާފު ކުރުމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިލާޔާސު ހުސައިން އިބްރާހިމާ ގުޅި އިރު އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.