09 Nov 2023, 13:56
އާ ފޮތްތަކަކާއެކު އިސްލާމިކް ޔުނިވާސިޓީގެ "އައިޔޫއެމް އިގްރާ ބުކް ފެއާ" މިއަދު ހުޅުވައިފިއެވެ.
މި ބުކް ފެއާ ފެށީ މިއަދު ހެނދުނު އައިޔޫއެމް ހޯލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިޔާތުގައި އެ ޔުނިވާސިޓީގެ ލިޔުންތެރިންގެ އާ ފޮތްތައް އިފުތިތާހު ކުރުމުގެ އިތުރުން، އައިޔޫއެމްގެ ޔޫޓިއުބް ޗެނަލް ވަނީ ލޯންޗްކޮށްފައެވެ.
ތިން ބޭފުޅެއްގެ ޖުމުލަ ހަ ފޮތް މި ރަސްމިޔާތުގައި ވަނީ ނެރެފައެވެ.
އެގޮތުން، ފުރަތަމަ ނެރުނީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ލިޔުއްވި އުސޫލުލް ފިޤުހުގެ ސިލްސިލާގެ ތެރެއިން މި ޒަމާނުގައި ބޭނުންކުރެވޭ ފިޤްހީ ޝަރުއީ ދަލީލު ތަކެވެ. ދެވަނައަށް، އިފްތިތާހު ކުރީ އިބްރާހިމް ދީދީ ލިޔުއްވާފައިވާ 'ޔައުޖޫޖް މައުޖޫޖް ފާޅުވުން' މި ފޮތެވެ. ތިންވަނަ އަށް އިފުތިތާހު ކުރީ އައިމިނަތު އިބްރާހިމް ދިވެހި ބަހުން ލިޔުއްވި ތިން ފޮތަކާއި އިނގިރޭސި ބަހުން ލިޔުއްވާފައިވާ ފޮތެކެވެ.

ފޮތް މައުރަޒު ހުޅުވައިލުމުގެ ރަސްމިޔާތުގައި ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވާހަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ/ މުހައްމަދު ޝާތިއު
މިއަދު ހުޅުވައިލި އެ ފެއާގައި 11 ފަރާތަކުން ބައިވެރިވިއެވެ. މި ފެއާ އޮންނާނީ މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އައިޔޫއެމްގައެވެ.
އާއްމުކޮށް ހުޅުވާލާފައިވާ އެ ފެއާއިން ތަފާތު އުމުރުފުރާގެ ދިވެހި އަދި އިނގިރޭސި ފޮތް ގަންނަން ލިބެން އެބަހުއްޓެވެ.
މި ފެއާ ކުރިއަށް ގެންދާއިރު އެކި އުމުރު ފުރާތަކަށް ހާއްސަކޮށް ގިނަ ހަރަކާތް ތަކެއް ކުރިއަށް ގެންދަން ވެސް ވަނީ ނިންމައިފައެވެ.