09 Nov 2023, 13:03
އިންޑިއާގެ ނިއު ދިއްލީއަށް ނިސްބަތްވާ ވިޔަފާރިވެރިޔާ ޖަސްމީނު ކޯރު, އޭނާގެ އަންނައުނު ވިއްކުމަށް ތައްޔާރުކުރި ވީޑިއޯ އިޝްތިހާރެއް ވައިރަލްވެ ސޯޝަލް މީޑިއާގެ އެތައް ބައެއްގެ ސަމާލުކަން ވަނީ ހޯދައިފައެވެ. އާދައިގެ އެހެން ވިޔަފާރިތައް ވެސް އިޝްތިހާރުކުރަން ބޭނުންކުރާ އުކުޅު ކަމަށްވާ ލައިވް ސްޓްރީމިންގް އެއްގައި ޖަސްމީނު ކޯރު ބޭނުންކުރި، 'ސޯ ބިއުޓިފުލް، ސޯ އެލިޖެންޓް....ޖަސްޓް ލުކިންގް ލައިކް އަ ވާއު' ޖުމްލާއާއެކު މި ވީޑިއޯ ވަރަށް ގިނަ ބައެއްގެ މެދުގައި ވައިރަލްވެ، ޖަސްމީނުގެ އިންސްޓަގްރާމް އެކައުންޓަށް ބޮޑު އިންގިލާބެއް ގެނުވިއެވެ.
އިންސްޓަގްރާމްގައި ރީލްއެއްގެ ގޮތުގައި ޖަސްމީނު އަޕްލޯޑުކުރި ވީޑިއޯގެ ކޮމެންޓް ސެކްޝަން ފުރި ބާރުވެ ޖަސްމީނުގެ އެކައުންޓު ފޮލޯކުރާ މީހުންގެ ޢަދަދު އިތުރުވުމަށް މާގިނަ ގަޑިއިރު ތަކެއް ނުނަގައެވެ.
ފަހުން އަމިއްލަ ޓިކްޓޮކް އެކައުންޓުގައި ޖަސްމީނު މި ވީޑިއޯ ޕޯސްޓުކުރުމާއެކު ދެން ފެނުނީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޕިކާ ޕަދުކޯން ޖަސްމީނުގެ އަޑު ބޭނުންކޮށްގެން ކުޅުނު ޓިކް ޓޮކް ވީޑިއޯއެއް 'ޖަސްޓް ލުކިން ލައިކް އަ ވާއު' ޓްރެންޑްވާން ފެށިތަނެވެ. އޭގެ ފަހުން އިންޑިއާގެ އިތުރުން ސިންގަޕޫރު، މެލޭޝިއާ، ސައުތު ކޮރެއާ، އޮސްޓްރޭލިއާ އަދި ކެނެޑާ ފަދަ ޤައުމުތަކުގެ ޒުވާނުން ވަނީ ޖަސްމީނުގެ އަޑު ހިމެނޭގޮތަށް މީމް ކްލިޕްތައް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ.
ހަމައެއާއެކު ދާދިފަހުން ރާއްޖޭގައި ވެސް ޖަސްމީނު ބޭނުންކޮށްފައިވާ ފްރޭޒް ބައެއް ފަރާތްތަކުގެ ސޯޝަލް މީޑިއާ ސްޓޭޓަސްތަކަށް އަރާފައިވާއިރު ބައެއް ފަރާތްތަކުން އެ ފަރާތްތަކުގެ ވިޔަފާރި އިޝްތިހާރުކުރުމަށް ވެސް ވަނީ ބޭނުންކުރަން ފަށާފައެވެ.

ޕްރިޔަންކާގެ ފިރިމީހާ ނިކް ޖޯނަސްގެ އިންސްޓަގްރާމް ޕޯސްޓު
ޖަސްމީނުގެ "ކެޗް ފްރޭޒް"އަށް ބޭރުގެ ގިނަ ބައެއްގެ ސަމާލުކަން ލިބުނުއިރު އެމެރިކަން މިއުޒީޝަން ނިކް ޖޯނަސް އަންހެނުން ޕްރިޔަންކާއަށް ތަޢުރީފުކުރުމަށް ވެސް ބޭނުންކޮށްފައި ވަނީ ޖަސްނީމުގެ ވައިރަލްވި ކެޗް ފްރޭޒްއެވެ.
ޖަސްމީނަށް ލިބެމުން އަންނަ މަޝްހޫރުކަމުގެ ސަބަބުން އޭނާގެ ފިހާރަ އޮންލައިންކޮށް ފޮލޯކުރާ މީހުންގެ ޢަދަދު 672،000އަށް ވަނީ އަރާފައެވެ.
މިދިޔަ ހަފުތާތެރޭގައި އިންޑިއާގެ ހިންދުސްތާނު ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ޖަސްމީނު ބުނީ ބަތަލާ ދިޕިކާ ޕަދުކޯންގެ ވީޑިއޯއާއެކު އޭނާގެ ދިރިއުޅުމަށް ވެސް 'ވާއު ފީލިންގް' އެއް އައިސްފައިވާ ކަމަށެވެ. އެކި މީޑިއާތަކުން އޭނާގެ އިންޓަވިއު ހޯދަން ގުޅުމުގެ އިތުރުން ދިރިއުޅުމަށާއި އޭނާގެ ވިޔަފާރިއަށް ބޮޑު އިންގިލާބެއް އައިސްފައިވާކަމަށް ޒުވާން ވިޔަފާރިވެރިޔާ ވަނީ ބުނެފައެވެ. އަދި މިއީ އޭނާ މިހާތަނަށް ކުރި ބުރަ މަސައްކަތްތަކާއެކު ވެސް އޭނާގެ އަންނައުނު ވިޔަފާރީގައި ކުރިޔަށްދާން ލިބުނު އިތުރު ހިތްވަރެއް ކަމަށް ޖަސްމީނު ވަނީ ބުނެފައެވެ.