ތިން ގަނޑު ފޮޓޯއިން ދިވެހީންނަށް ތިމާވެށީގެ ފިލާވަޅެއް
ތިން ގަނޑު ފޮޓޯއިން ދިވެހީންނަށް ތިމާވެށީގެ ފިލާވަޅެއް

ތަރައްގީގެ ނަމުގައި ރާއްޖެ ކުރިއަރައިގެން ދަނީ ބާރު ސްޕީޑެއްގައެވެ. ކޮންމެ ދުވަހަކު އެތައް މަޝްރޫއެއްގެ މަސައްކަތްތައް ރަށްތަކުގައި ފަށައި ނިންމާއިރު މި މަޝްރޫއުތަކުގެ ސަބަބުން ކަންބޮޑުވާންވީ މައްސަލަތައް ފެންމަތިވެއެވެ.

ތިން ގަނޑު ފޮޓޯއިން ދިވެހީންނަށް ތިމާވެށީގެ ފިލާވަޅެއް
ތިން ގަނޑު ފޮޓޯއިން ދިވެހީންނަށް ތިމާވެށީގެ ފިލާވަޅެއް

އޭގެން އެއް މައްސަލައަކީ މަސައްކަތެއް ފެށުމުގެ ކުރިން ބިން ސާފުކުރުމުގެ ނަމުގައި މުޅި ސަރަހައްދުގައި ހުންނަ ރުއްގަސް ކެނޑުމެވެ. މި މައްސަލައަކީ ރިސޯޓުތަކުގައާއި ރާއްޖޭގެ އެތައް ރަށެއްގައި ކުރިމަތިވެފައިވާ މައްސަލައެކެވެ. ރާއްޖޭގައި މިކަން މިގޮތަށް ކުރާއިރު މިއީ ބޭރު ގައުމުތަކުގައި ވެސް މިކަން ކުރާގޮތް ބާވައެވެ.

ތާރީޚު ދިރާސާކުރައްވާ މުހައްމަދު ނާޖިހު މިއަދު ސޯޝަލް މީޑިއާއަށް ދޫކޮށްލި ތިން ގަނޑު ފޮޓޯއިން ދައްކުވައިދެނީ އަވައްޓެރި އިންޑިއާގެ ލަކްޝަދީބުގެ އަންދްރޯތުގައި މިކަން ކުރާ ގޮތެވެ. ޖަޒީރާއެއްގެ ގޮތުގައި އޮންނަ އަންދްރޯތުގައި އިމާރާތެެއް ކުރުމުގެ މަސައްކަތް ކުރާއިރު، ވަށައިގެންވާ ރުއްގަހެއް ނުކަނޑައެވެ. ރާއްޖޭގެ ރަށެކޭ އެއްގޮތަށް އެ ސަރަހައްދު ފެންނަނީ ރުއް ގިނަ ކޮށެވެ.

މި ފޮޓޮއާ އެކު ނާޖިހު ލިޔެފައި ވަނީ، މިއީ ރާއްޖޭގެ ރަށެއްގައި ކުރެވޭ އިމާރާތެއް ނަމަ، އެ ތަނުގެ ވަށައިގެން ފެންނަން ހުރި އެއްވެސް ރުކެއް ނުހުންނާނެ ކަމަށެވެ. އަދި، އިމާރާތް ކުރާނީ އެ ސަރަހައްދުގައި ހުރި ހުރިހާ ރުއްގަހެއް ކެނޑުމަށް ފަހު ކަމަށެވެ.

ނާޖިހު ވަނީ އެ ރަށުގެ މަތިން ނަގާފައިވާ ފޮޓޯއެއް ވެސް ހިއްސާކޮށްފައެވެ. އެ ފޮޓޮއާ އެކު ލިޔެފައި ވަނީ ރަށުގެ މަތިން ބަލާލުމުން އެ ރަށުގެ މީހުން އުމްރާނީ ތަރައްގީ ގެނައުމަށް ރުއްގަސް ކެނޑުމާ ދުރު މިންވަރު ހާމަވާ ކަމަށެވެ.

ތަރައްގީގެ މަޝްރޫތަކަށް ރުއްގަސް ކެނޑުމުގެ ނުރައްކާ

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި ހުންނަ ބޮޑެތި ހުސްބިންތަކުގައި މަސައްކަތްތައް ކުރާއިރު، ކޮންމެ ވެސް ވަރަކަށް ގަސް ކަންޑަން ޖެހޭ ކަމަށެވެ. ނަމަވެސް، މައްސަލައަކީ ކަނޑަންޖެހޭ މިންވަރަށް ވުރެ މާ ގިނައިން ކެނޑުން ކަމަށާއި ގިނަ ފަހަރު މުޅި ސަރަހައްދު ސާފުކުރާކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރިން މިހުރި ރުއްތަކާ ބޮޑެތި ހިޔާލިބޭ ގަސްތައް ކަނޑާ މުޅިތަން ހުސްކޮށްފައި، އިމާރާތްކޮށްފައި ދެން މި އިންދަނީ ބަގީޗާ ގަހާ ރައްޖޭގައި އާންމުކޮށް ނުހައްދާ އެކި ފާޑުފާޑުގެ ގަސްތައް،" ނައީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ މެދުގައި އޮންނަނީ ރުއްގަސް ކަނޑައިގެން ކަންކަން ކުރުމުގެ ރޫހެއް ކަމަށެވެ. އެހެންކަމުން އަބަދު ވެސް ބޭކާރު ގޮތުގައި ރުއްގަސް ކަނޑާކަމުގެ ޝަކުވާ ލިބޭކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު މި އޮންނަ ގޮތުން ގަހެއް ކަނޑާލައިގެން ނޫނީ މަގެއް ވެސް ނުހެދޭ. އިމާރާތެއް ވެސް ނޭޅޭ،" އޭނާ ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ، މި ކަމުގެ އަސަރުތައް މިހާރު ވެސް ރާއްޖެއަށް ކޮންމެ ވެސް ވަރަކަށް ކުރާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ނިސްބަތުން ރުއް ގިނަވި ނަމަވެސް މިހާރު ކާށި ހޯދުމުގައި ވެސް ދަތިވާކަން އޭނާ ފާހަގަ ކުރިއެވެ.

އަދި، މި ނޫން ވެސް ނުރައްކާތައް މި ކަމުގެ ސަބަބުން ކުރިމަތިވުން ގާތްކަމަށް ނައީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ގަސް ކެނޑުމަށް ފަހު ގަސް އިންދި ނަމަވެސް އެ ގަސްތައް ފޯދި ހެދި ބޮޑުވާން ގިނަ ދުވަސް ނަގާނެ ކަމަށެވެ.

އެހެންކަމުން ބޮޑެތި ގަސްތަކާއި ރުއްތައް ހުރުމަކީ މުހިންމު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.