09 Nov 2023, 13:24
އިސްރާއީލުން ބަޑި ޖަހައި ޝަހީދުކުރާ ފަލަސްތީނު މީހުންނާއި އިސްރާއީލުގެ ޖަލުތަކުގައި މަރުވާ ފަލަސްތީނު މީހުންގެ ހަށިތަކުގެ ބައިތައް ވަގަށް ނަގައިގެން އެއިން ވިޔަފާރި ކުރުމަކީ އިސްރާއީލު ސަރުކާރުން ޒަމާނުއްސުރެ ސިއްރިޔާތުގައި ހިންގަމުން ގެންދާ ޖަރީމާ އެކެވެ.
މި ޖަރީމާގައި ބައިވެރިވާ އިސްރާއީލު ޑޮކްޓަރުންގެ ފަރާތުން މި ޖަރީމާ ވަރަށް ގިނަ ފަހަރު ބޭޒާރުވެފައި ވިޔަސް މި ކަމާ ދެކޮޅަށް އެޅޭ އެއްވެސް ފިޔަވަޅެއް ނެތެވެ. މި ޖަރީމާތައް ބޭޒާރުވުމާ އެކު މިކަން އިސްރާއީލު ސަރުކާރުން ދޮގުކުރަން ފަށައެވެ.
އިސްރާއީލުގެ ބައެއް ޑޮކްޓަރުން ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގެ އެއްވެސް ގައުމަކަށް ޑެޑްބޮޑީ ނުލިބޭހާ ފަސޭހައިން އިސްރާއީލުގެ މެޑިސިން ފެކަލްޓީތަކަށާއި ފޮރިންސިކް އިންސްޓިޓިއުޓްތަކަށް ޑެޑްބޮޑީތައް ހިތުހުރި ގޮތަކަށް ލިބެއެވެ.
ފަލަސްތީނު ބައެއް މީހުން މަރުވާން ފެށުމުން އެ މީހުންގެ ގުނަވަންތައް ނަގާ ކަމަށް އިސްރާއީލު ޑޮކްޓަރުން ބުނެއެވެ. ބައެއް ގުނަވަންތަކަކީ މަރުވުމުގެ ކުރިން ނުނަގައިފި ނަމަ ބޭނުން ނުކުރެވޭނެ ގުނަވަންތަކެއް ކަމަށްވާތީ އެ ގުނަވަންތައް ނަގާ ކަމަށް ވަނީ މަރުވުމުގެ ކުޑައިރުކޮޅެއް ކުރިންނެވެ. އަނެއްބައި ގުނަވަންތައް މަރުވާތާ ހިނދުކޮޅެއްގެ ތެރޭގައި ނަގާ ކަމަށް އެ ކަންކުރާ އިސްރާއީލުގެ ބައެއް ޑޮކްޓަރުންނާ ހަވާލާދީ ތުރުކީގެ "ޓީއާރުޓީ" ނެޓްވާކުން ބުނެއެވެ.
"ޓީއާރުޓީ" ބުނާ ގޮތުން ދުނިޔޭގައިވާ އެންމެ ބޮޑު "ސްކިން ބޭންކް" ހުންނަނީ އިސްރާއީލުގައެވެ. ކުރިން 1986 ވަނަ އަހަރު އުފެއްދި އިންސާނުންގެ ހަމުގެ މި ބޭންކްގައިވާ އިންސާނުންގެ ހަމުގެ ތެރެއިން 95 އިންސައްތަ ހަމަކީ އިސްރާއީލުން ބަޑިޖަހައި ޝަހީދުކުރާ ފަލަސްތީނު މީހުންގެ ހަމާއި އަދި އިސްރާއީލުގެ ޖަލުތަކުގައި މަރުވާ ފަލަސްތީނު މީހުންގެ ހަށިތަކުންނަގައި ހަންތައްކަން އިސްރާއީލުގެ ޑޮކްޓަރުން ހާމަކޮށްފައިވެއެވެ.

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ -- ފޮޓޯ: ރޮއިޓާސް
އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކަށް ބޮޑު އަގުގައި މި ހަންތައް ވިއްކައިގެން އިސްރާއީލު ސަރުކާރުން ފައިދާ ބޮޑު ވިޔަފާރިތަކެއް ކުރެއެވެ. މަރުވާ މީހުންގެ ހަމަކީ ކެންސަރުގެ ސަބަބުން ހަންގަނޑު ގެއްލޭ މީހުންނާއި ފިހިގެން ހަންގަނޑު ގެއްލޭ މީހުންގެ ހަންތައް ރިޕްލޭސް ކުރުމަށް ކުރާ ޕްލާސްޓިކް ސާޖަރީތަކުގައި ވަރަށް ގިނައިން ބޭނުން ކުރާ އަގުބޮޑު އެއްޗެކެވެ.
ގިނަ ގައުމުތަކުގައި އިންސާނުންގެ ގުނަވަންތައް ލިބެނީ އެ މީހުން މަރުވުމުގެ ކުރިން އެ މީހުން އެ ކަމަށް އެއްބަސްވެގެންނެވެ. އިންސާނުންގެ ހަމާއި ކިޑްނީ އާއި ލޮލުގެ ކޮއި ފަދަ ގުނަވަންތަކާއި ބައިތަކަކީ އޭގެ ބޭނުން އެހެން މީހުން ކުރުމަށްޓަކައި އެ ތަކެތީގެ ބޭންކްތައް ހަދައިގެން ރައްކާކުރާ ތަކެއްޗެކެވެ.
އިސްރާއީލުގައި ފަލަސްތީނު މީހުންގެ ގުނަވަންތައް ވަގަށް ނަގަނީ އިސްރާއީލު ސިފައިންގެ ވަކި ޔުނިޓަކާ އަދި އަދި އިސްރާއީލުގެ ޑޮކްޓަރުންގެ ޖަމްއިއްޔާ ގުޅިގެން ކަމަށް "ޓީއާރުޓީ" ބުނެއެވެ. "ޓީއާރުޓީ" ބުނާ ގޮތުން ހަމާއި ކިޑްނީ އާއި އަތްފަދަ އިންސާނުންގެ ގުނަވަންތައް އެހެން ގައުމުތަކަށް ވިއްކާ އެންމެ ބޮޑު ބާޒާރު އޮތީ އިސްރާއީލުގައެވެ. މި ވިޔަފާރީން އެތައް ސަތޭކަ މިލިޔަން ޑޮލަރެއްގެ ފައިދާ އިސްރާއީލަށް ކޮންމެ އަހަރަކު ލިބޭ ކަމަށްވެއެވެ.
އިސްރާއީލުން ފަލަސްތީނު މީހުންގެ ގުނަވަންތަކުގެ ވިޔަފާރި ކުރާ މައްސަލަ އެންމެ ފުރަތަމަ ބޭޒާރުކޮށްލީ 2001 ވަނަ އަހަރު ސްވިޑްންގެ މަޝްހޫރު ނޫސްވެރިޔާ އަދި އިންވެސްޓިގޭޝަން ސްޕެސަލިސްޓް ޑޮނަލްޑް ބޮސްޓޯރޮންއެވެ. އޭނާ 2001 ވަނަ އަހަރު ނެރުނު އިންވެސްޓިގޭވް ޖާނަލިޒަމްގެ ރިޕޯޓުން އިސްރާއީލުގެ މި ޖަރީމާ ދުނިޔެއަށް ފުރަތަމަ ފަހަރަށް ހާމަވިއެވެ.
ނަމަވެސް އިސްރާއީލަށް ވާގިވެރިވާ ހުޅަނގުގެ ގައުމުތަކުން މިއީ މާ ބޮޑު ކަމަކަށް ނުހެދިއެވެ. ފަލަސްތީނު މީހުންގެ ހުއްދައަކައިނުލައި އަދި އެ މީހުންގެ އާއިލާތަކުގެ ހުއްދައަކައި ނުލައި އެ މީހުންގެ ހަށިތަކުގެ ބައިތައް ވަގަށް ނަގައިގެން އިސްރާއީލު ކުރާ ވިޔަފާރިއަކީ އިންސާނީ ހައްގުތަކުގެ ނަމުގައި އަޑުއުފުލާ ހުޅަނގަށް މާ ބޮޑު މައްސަލައަކަށް ނުވިއެވެ.
ސްވިޑްންގެ އިންވެސްޓިގޭވް ޖާނަލިސްޓް އަދި އިންވެސްޓިގޭޝަން ސްޕެސަލިސްޓް ޑޮނަލްޑް ބޮސްޓޯރޮން، އިސްރާއީލުގެ މި ޖަރީމާތަކާ ބެހޭ ދެވަނަ ރިޕޯޓް 2009 ވަނަ އަހަރު ސްވިޑިޝް މަޖައްލާއެއް ކަމަށްވާ 'އެފްޓޮންބްލޭޑެޓް'ގައި ޝާއިޢު ކުރިއެވެ. މި ރިޕޯޓް ބުނާ ގޮތުން މި ޖަރީމާތައް ހިންގަން އިސްރާއީލުން ފަށާފައިވަނީ 1992 ވަނަ އަހަރު އޭރުގެ އިސްރާއީލުގެ ސިއްހަތާ ބެހޭ ވަޒީރު އިހޫދް އޮލްމާޓްގެ އަމުރަށް އޭނާގެ އިސްނެގުމުގެ މަތިންނެވެ.

އޮލްމާޓް ވަނީ ފަހުން އިސްރާއީލުގެ ބޮޑުވަޒީރުކަން ވެސް ކޮށްފައެވެ. ކޮރަޕްޝަނުގެ މައްސަލަތަކެއް ސާބިތުވެގެން އޮލްމާޓް ދިގު މުއްދަތެއްގައި ފަހުން ޖަލުގައި ވެސް ފަހުން އޮންނަން ޖެހުނެވެ. އިސްރާއީލުން މި ޖަރީމާތައް ހިންގާކަން ފަލަސްތީނު މީހުންނަށް އެނގެނީ އިސްރާއީލު ސިފައިން ބަޑި ޖަހާ ފަލަސްތީނުގެ ޒުވާނުން މަރުވުމުގެ ކުރިން އިސްރާއީލު ސިފައިން އެ މީހުން ނަގައިގެން ގެންދިޔުމާ އަދި އެތައް ދުވަހެއް ފަހުން އެ މީހުން މަރުވިކަމަށް ބުނެ އެ މީހުންގެ ހަށިތައް ބަންދުކޮށްފައިވާ ސަންދޯކުގައި ގެނަސް އާއިލާތަކާ ހަވާލުކުރުމަށް ފަހު ހިނެވުމަކާ ނުލައި އެހަށިތައް އެ ހުރިގޮތަށް ވަޅުލަން މަޖުބޫރު ކުރަން ފެށި ހިސާބުންނެވެ.
ނުހިނަވައި ވަޅުލަން މަޖުބޫރު ކުރަނީ ހިނަވައިފިނަމަ އެ މީހުންގެ ހަށިތަކުގައި ހަންގަނޑު ނެތްކަމާއި ހަށިގަނޑު ފަޅާލައިގެން އެތެރޭގެ ބައިތައް ނަގާފައިވާކަން އެނގޭނެތީ ކަމަށް ބެލެވިގެން ފަަލަސްތީނުގެ އާއިލާތަކުން މިކަން ބަލަން ފެށުމުން ފަލަސްތީނު މީހުންނަށް މި ޖަރީމާތައް އެނގިގެންދިޔައެވެ.
ނަމަވެސް އެޅޭނެ ފިޔަވަޅެއް ކުރެވޭނެ ކަމެއް ނެތެވެ. އަނެއްކޮޅުން އިސްރާއީލަށް ވެސް މިކަން ސިއްރުކޮށްގެން އަބަދަކު ނޫޅެވުނެވެ. ކުރިން 1992 ވަނަ އަހަރު ހުޅަނގު އައްސޭރީގެ އުންމުއްތީން އަވަށުގައި އިސްރާއީލު ސިފައިން ބަޑިޖަހައި ޒަޚަމްކޮށްލި އުމުރުން 19 އަހަރުގެ ބިލާލު އަހްމަދު ޣިނާން މަރުވެފައިވާ ހަށިގަނޑު އޭނާގެ އާއިލާއާ ހަވާލުކުރުމުން އާއިލާއިން އެ ހަށިގަނޑު ބެލިއެވެ. ބެލި ބެލުމުން ބިލާލުގެ ހަށިގަނޑުގެ ހަމާއި ބައެއް ގުނަވަންތައް މަދުކަން ފަޅާއެރިއެވެ.
މިކަން ފަޅާއެރުމުން މިކަން ހިނގީ އިސްރާއީލުގެ ކަމާ ބެހޭ ފަރާތްތަކަށް ނޭންގި ކަމަށް ބުނެ އެކަން ބަލައި ތަހުގީގު ކުރާނެ ކަމާ އަދި ބަދަލު ވެސް ދޭނެކަމުގެ ޔަގީންކަން އިސްރާއީލު ސަރުކާރުން ބިލާލުގެ އާއިލާއަށް ދިނެވެ. ނަމަވެސް ފަހުން ތަހުގީގު ވެސް ކޮށްފައެއް ނުވެއެވެ. އަދި، އެ އާއިލާއަށް ބަދަލު ވެސް ދީފައެއް ނުވެއެވެ.
މި މައްސަލަ އިސްރާއީލުގެ ބައެއް މަދަނީ ޖަމްއިއްޔާތަކުގެ ސަމާލުކަމަށް އައުމާ އެކު 2009 ވަނަ އަހަރު މި ކަމާ ބެހޭ ޑޮކިއުމެންޓްރީ ފިލްމެއް އިސްރާއީލުގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބަޔަކު އުފެއްދިއެވެ. މި ފިލްމުގައި އިސްރާއީލުގެ އޭރުގެ ފޮރެންސިކް އިންސްޓިއުޓްގެ ޑައިރެކްޓަރު ޔަހޫދާ ހޭސް ވަނީ އިސްރާއީލުން ޝަހީދުކޮށްލައި ފަލަސްތީނު މީހުންގެ ހަށިތަކުން އެ މީހުންގެ ގުނަވަންތައް އާއިލާއަށް އެނގުމެއްނެތި ނަގަމުންގެންދާ ކަމަށް އެއްބަސްވެފައެވެ. ނަގައި ގުނަވަންތަކުގެ ތެރޭގައި ހަމާއި ކައްޓާއި، ހިތާއި ލޮލޮގެ ކޯނިއާ އާއި ކިޑްނީ ފަދަ ގުނަވަންތައް ހިމެނޭކަމަށް ޔަހޫދާ ހޭސް އިއުތިރާފު ވެފައިވެއެވެ.
ޓެލްއަވީވުގައި ހުންނަ އިސްރާއީލުގެ "އަބޫކަބީރު ފޮރިންސިކް ސެންޓަރު"ގައި މަސައްކަތް ކުރާ އެންޓްރޮޕޮލޮޖިކަލް ރީސާޗަރެއް ކަމަށްވާ މީރާ ވެއިސް ވަނީ އޭނާ އެ މަރުކަޒުގައި މަސައްކަތް ކުރި ދުވަސްވަރު އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން މަރުވާން ގާތްވެފައިވާ ފަލަސްތީނުގެ ޒުވާނުން މަރަށް ހާޒިރުވެފައިވަނިކޮށް ސިފައިންގެ އެހީގައި އެ ޒުވާނުން އެ މަރުކަޒަށް ގެނަސް އެ މީހުންގެ ގުނަވަންތައް ނަގާ މަންޒަރު އެތައް ފަހަރަކު އޭނާއަށް ފެނިފައިވާކަން ކަށަވަރުކޮށްދީފައެވެ.
މީގެ އިތުރުން، އިސްރާއީލުގެ ޔުނިވާސިޓީތަކުގެ މެޑިސިން ފެކަލްޓީތަކުގައި ފަލަސްތީނު ޒުވާނުންގެ އެތައް ބައެއްގެ ހަށިތައް ފުޅާ ދާއިރާއެއްގައި ބޭނުން ކުރާކަން ވެސް މީރާ ވެއިސް ވަނީ ކަށަވަރުކޮށްދީފައެވެ.
ކުރިން 2009 ވަނަ އަހަރު އެމެރިކާގެ އެފްބީއައިއިން ލޭވީ އިސްހާގް ރޮޒޮންބާވުމް ނަމަކަށް ކިޔާ އިސްރާއީލުގެ ބްރޯކަރަކު އިންސާނުންގެ ގުނަވަންތަކުގެ ވަގު ވިޔަފާރި ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރިއެވެ. މި ބްރޯކަރަކީ ފަލަސްތީނު މީހުންގެ ހަށިތަކުގެ ބައިތައް ވަގަށް ނަގައިގެން ހުޅަނގުގެ ބައެއް ގައުމުތަކުގެ ލެބޯޓްރީތަކަށް ސިއްރިޔާތުގައި ވިއްކުމުގައި އިސްރާއީލުގެ ރައްބީންނާއި ޕާލަމެންޓް މެންބަރުންނާއި އަދި ސަރުކާރުގެ ބައެއް މުވައްޒަފުން ގުޅިގެން ހިންގާ ކްރިމިނަލް ސެލްތަކަކާ ހުޅަނގުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅުވައިދޭ ބްރޯކަރެއްކަން އެފްބީއައިގެ ތަހުގީގުތަކުން ހާމަވިއެވެ.
ނަމަވެސް އިސްރާއީލުގެ ޖަރީމާތަކަކީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގައި އަދަބެއް ދެވޭ ވަރަށް ކުރިއަށް ގެންދެވޭގޮތަށް އޮންނަ ކަންތައްތަކެއް ނޫންކަމުން އެފްބީއައިއިން މި މައްސަލަ އޮއްބައިލިއެވެ. އެއީ އިސްރާއީލާ ގުޅޭ ކަމެއް ނަމަ މަތިން އަންނަ ޕްރެޝަރުތަކުގެ ސަބަބުން ވަކި ހިސާބަކުން އެކަން ހުއްޓައިލަން ޖެހޭތީއެވެ.
އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ އަސީރުން މިނިވަން ކުރުމަށް މަސައްކަތް ކުރާ ފަލަސްތީނުގެ އިދާރާގެ މަސްއޫލުވެރިއެއް ކަމަށްވާ އަބްދުއްނާސިރު ފަރާވްނާ ވިދާޅުވެފައިވާ ގޮތުގައި އިސްރާއީލުން އާއިލާތަކާ ހަވާލުނުކޮށް ފަލަސްތީނުގެ 370 އަށް ވުރެ ގިނަ މީހުންގެ ހަށިތައް މިހާރު ވެސް އެބަ ގެންގުޅެއެވެ. މީގެ ތެރޭގައި މި އަހަރު ޝަހީދުކޮށްލި މީހުންނާއި ބަޑިޖެހުމަށް ފަހު ޝަހީދު ނުވަނީސް ވަގަށް ނަގައިގެން ގެންދާ މީހުންނާއި އަދި، އެކި ބަލިތަކުގައި އިސްރާއީލުގެ ޖަލުތަކުގައި މަރުވާ މީހުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.