10 Nov 2023, 13:41
ޗައިނާގެ ބައެއް ހައިވޭތަކުގައި ލޭޒަރ ލައިޓް ހަރުކޮށްފިއެވެ.
ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ބުނީ، މިއީ ރޭގަނޑުގެ ވަގުތުތަކުގައި ހައިވޭއިން ދިގު ދަތުރުތައް ކުރާ ޑްރައިވަރުންގެ ރައްކާތެރިކަމަށް އެޅި ފިޔަވަޅެއް ކަމަށެވެ.
އެގޮތުން، ޑްރައިވަރުން ވަރުބަލިވެ، ނިދިޖެހޭތީ އެކަމަށް ހައްލު ހޯދުމަށާއި މަގުމަތީގެ ސަލާމަތްތެރިކަން އިތުރުކޮށް، އެކްސިޑެންޓްތައް މަދުކުރުމަށް އެޅޭ ފިޔަވަޅަކަށް މި ފިޔަވަޅު ވާނެ ކަމަށް އެގައުމުން ބުނެއެވެ.
އެފަދަ ހައިވޭއެއްގައި ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމު މީހަކު ހިއްސާކޮށްފައިވާއިރު އެ ވީޑިއޯއިން ފެންނަނީ، ގަދަ ކުލަތަކުގެ ލޭޒާ ލައިޓްތަކުން ހައިވޭ ދިއްލިފައި އޮންނަ މަންޒަރެވެ.
ގަދަ ކުލަތަކުން ހައިވޭގައި ދިއްލާފައި އޮންނަ ލޭޒާ ލައިޓްތައް ފެންނަން ހުރުމުން، ދިގު ދަތުރުތައް ކުރާ ޑްރައިވަރުންގެ ވަރުބަލިކަން ފިލައި، ސަމާލުކަން އިތުރުވާނެކަމަށް ބެލެވޭ ކަމަށް ބުނެ ބައެއް މީހުން މިވީޑިއޯއަށް ކޮމެންޓްކޮށްފައިވެއެވެ.
ނަމަވެސް އަނެއް ބަޔަކު ބުނެފައިވަނީ މިއީ މާ ރަނގަޅު ގޮތެއް ނޫންކަމަށެވެ. އެގޮތުން އެ ދިއްލުންތަކުގެ ކުލައާއި އަލި ގަދަވެގެން ލޮލާއި ބޮލަށް އުނދަގޫވެ، އިތުރު ވަރުބަލިކަން އިހުސާސްކުރެވޭނެ ކަމަށްވެސް ބައެއް މީހުން ބުނެފަވެއެވެ.
އެ ވީޑިއޯ 67 މިލިއަނަށް ވުރެ ގިނަ މީހުން ބަލާފައިވެއެވެ.