ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މިރޭ ބަޔާން މިއުނިކާ ދެކޮޅަށް ނިކުންނާނީ ސީޒަނުގެ "ބޮޑު" ހަގުރާމައާ ކުރިމަތިލާ ތަށި ދިފާއު ކުރަން ކަމަށް ޗެލްސީގެ މިޑްފީލްޑަރު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

ބެޔާން މިއުނިކާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗް ފަށާނީ ރާއްޖެގަޑިން މިރޭ 11:45 ގައެވެ.

މެޗުގެ ކުރިން ޗެލްސީގެ މިޑްފީލްޑަރު ލަމްޕާޑް ބުނެފައި ވަނީ، މިރޭގެ މެޗަކީ ފަހުގެ ތާރީހެއްގައި ޗެލްސީ ކުޅޭނެ އެންމެ ވަރުގަދަ އެއްމެޗް ކަމަށާއި އިދިކޮޅަށް ނިކުންނަ ބެޔާން އަތުން މޮޅުވުމަށް ޗެލްސީއިން "ބޮޑު" ހަގުރާމައެއް ކޮށް، ބުރަ މަސައްކަތް ތަކެއް ކުރާނެ ކަމަށެވެ.

"ބޭނުންވާ އުންމީދު ސީދާ ކަމާއެކު ހޯދުމަށް ޗެލްސީ އޮތީ ފުރިހަމައަށް ތައްޔާރަށް. ބެޔާންއާ އިދިކޮޅަށް ކުޅެ މޮޅުވުމުގެ ހިތް ވަރު ޗެލްސީގެ ކުޅުންތެރިން ކިބައިގައި އެބަހުރި" ލަމްޕާޑް ބުންޏެވެ.

އޭނާ ބުނީ، ޓީމުގެ މުހިންމު ކުޅުންތެރިންނަށް ކުދިކުދި އަނިޔާއާ ދިމާވި ކަމުގައި ވިޔަސް، ކެޕްޓަން ޓެރީ މިރޭގެ މެޗުގައި ނުފެނުމަކީ ޓީމަށް ކުރާނެ ބޮޑު އަސަރެއް ކަމަށާއި އެހެންނަމަވެސް ޓެރީގެ ބަދަލުގައި ކުޅެންނިކުންނަ ކުޅުންތެރިޔަކީ ޗެލްސީއަށް ކާމިޔާބީއެއް ހޯދާދިނުމުގެ އަޒުމުގައި ނިކުންނާނެ ކުޅުންތެރިއެއް ކަމަށް ވެސް ލަމްޕާޑް ވަނީ ބުނެފައެވެ.

ކެޕްޓަން ޓެރީއަށް މިރޭގެ މެޗުގައި ނުކުޅެވެނީ އޭނައަށް ސަސްޕެންސަނަކާ ކުރިމަތި ލާންޖެހިފައި ވާތީއެވެ.

"އަހަރުމެން ފައިނަލަށް ވެސް ދަތުރުކުރީ ކާމިޔާބީތައް ހޯދާ ހިތް ވަރު ކޮށްގެން. މިރޭވެސް ހިތް ވަރު ކޮށް ކާމިޔާބު ހޫދާކަށް އަހަރުމެން ފަސް ނުޖެހޭނަން. ޕެނަލްޓީއަކާ ހަމައަށް ވެސް ހިގައިދާނެ. އެކަން އެގޮތަށް ވެއްޖެއިއްޔާވެސް އަހަރެމެންގެ ހިތް ވަރެއް އަދި އަޒުމެއް ވެސް ނުގުޑާނެ" ލަމްޕާޑް ބުންޏެވެ.

އިނގިރޭސި ބައެއް މީޑިއާ ރިޕޯޓައް ބުނާގޮތުން ޗެލްސީގެ ކެޕްޓަން ޓެރީ ސަސްޕެންޑްވެފައި ވުމުން މިރޭ ކެޕްޓަން ބޭންޑް އަޅާނީ ލަމްޕާޑް ކަމަށްވީއިރު، މި ސީޒަނަށް ފަހު ޗެލްސީގެ ފޯވާޑް ޑްރޮގްބާގެ ކޮންޓްރެކްޓް ހަމަވާއިރު މިރޭގެ މެޗަކީ އޭނާ ޗެލްސީ އަށް ކުޅޭނެ ފަހު މެޗް ކަމަށް ވަނީ އަޑުތައް ފެތުރުފައެވެ.