09 Nov 2023, 20:42
އެމެރިކާއިން އިސްރާއީލަށް ތާއީދު ކުރާ ކަމަށް ބުނެ، އެގައުމުގެ ރައީސް އޮފީސް ކަމަށްވާ ވައިޓް ހައުސްއިން ދިން ދައުވަތެއް ގަބޫލުނުކުރަން ކެނެޑާގެ ޅެންވެރިޔާ ރޫޕީ ކޯރު ނިންމައިފިއެވެ.
އިންޑިއާއަށް އުފަން ރޫޕީއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ވައިޓް ހައުސްގައި، ހިންދޫ ދީނުގެ މުނާސަބަތެއް ކަމަށްވާ ދިވާލީ ފާހަގަކުރަން ނައިބު ރައީސް ކަމަލާ ހެރިސް ބާއްވަވާ ހަފުލާއަކަށް ރޫޕީއަށް ވަނީ ދައުވަތު ދީފައެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޖޯ ބައިޑެން އަކީ އިސްރާއިލަށް ތާއީދުކުރައްވައި، އެމީހުންނަށް އެހީތެރިވެސްވާ މީހެއް ކަމަށް ބުނެ، ރޫޕީ ވަނީ އެ ހަފުލާއަށް ދެވެން ނެތް ކަމަށް ވައިޓް ހައުސްއަށް އަންގާފައެވެ.
"ތާށިވެފައި ތިބި އާންމު އާބާދީއަކަށް ހަމަލާތައް ދިނުމަށް ތާއީދުކުރާ މުއައްސަސާއަކުން ލިބޭ އެއްވެސް ދައުވަތެއް ގަބޫލެއް ނުކުރާނަން," ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ރޫޕީ ލިޔެފައިވެއެވެ.
ރޫޕީ ވަނީ ޣައްޒާއަށް ތާއީދުކޮށް އަޑު އުފުލުމަށް އޭނާގެ ފޮލޯވަރުންނަށް ވެސް ގޮވާލާފައެވެ. އަދި އެއްވެސް ކަމަކާ ބިރު ނުގަނެ، އިންސާފަށް ގޮވާލުމަށް އޭނާ ވަނީ އެދިފައެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 10،000އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފައިވާއިރު އެމެރިކާއިން ދަނީ އިސްރާއީލުގެ އަމަލުތައް ދިފާއުކޮށް، މާލީ ގޮތުންނާއި އަސްކަރީ ގޮތުން އެހީ ފޯރުކޮށްދެމުންނެވެ.