ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ގޮތުން ހަނގުރާމަ މެދުކަނޑާލުމަށް ދުނިޔޭގެ އެންމެ މުއްސަނދި ހަތް ގައުމު، ގްރޫޕް އޮފް ސެވަން (ޖީ7) ގެ ގައުމުތަކުން ގޮވާލައިފިއެވެ.

ޖީ7 ގައުމުތަކުގެ ހާރިޖީ ވަޒީރުން މިގޮތަށް ގޮވާލައްވާފައި ވަނީ ޖަޕާނުގެ ޓޯކިޔޯގައި ބޭއްވި ބައްދަލުވުންތަކަކަށްފަހު އިއްޔެއެވެ.

ގައުމުތަކުން ނެރުނު ބަޔާނަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި އިސްރާއީލާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާ ދެމެދު ކުރާ ހަނގުރާމަގައި ޖީ7 ގައުމުތަކުން ވަނީ ހަމާސް ކުށްވެރިކޮށްފައެވެ. އަދި އިސްރާއީލުން ހަނގުރާމަ ކުރަނީ އަމިއްލަ ދިފާއުގައި ކަމަށްވެސް އެ ގައުމުތަކުން ވަނީ ބުނެފައެވެ.

ނަމަވެސް ޣައްޒާގެ އާންމުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ގޮތުން ހަނގުރާމަ މެދުކަނޑާލުމަށް އެ ގައުމުތަކުން ވަނީ ގޮވާލާފައެވެ.

ޖީ7 ގައުމުތަކުގެ ބަޔާނުގައި ބޮޑަށް ވަނީ ހަމާސްއަށް ފާޑުކިޔައިފައެވެ.

ޖީ7 ގައުމުތަކުގެ އިތުރުން އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން އާއި އިނގިރޭސިވިލާތާއި ކެނެޑާ، ފްރާންސް، ޖަރުމަންވިލާތް، ޖަޕާން އަދި އިޓަލީވިލާތުގެ ޚާރިޖީ ވަޒީރުންވެސް ވަނީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހަނގުރާމަ މެދުކަނޑާލުމަށް ގޮވާލައްވައިފައެވެ.

ޖީ7 ގައުމުތަކުގެ ބައްދަލުވުން ޓޯކިޔޯގައި ފެށުމުގެ ކުރިން ޓޯކިޔޯގެ ހާރިޖީ ވަޒީރާއި އެެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ބައްދަލުކުރައްވަނީ ފޮޓޯ/ޓައިމްސް އޮފް އިސްރާއީލް

ޖީ7 ގައުމުތަކަކީ ކެނެޑާ، ފްރާންސް، ޖަރުމަނު، އިޓަލީ، ޖަޕާން, އިނގިރޭސިވިލާތް އަދި އެމެރިކާއެވެ.

ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އުތުރުގައި ތިބި ގިނަ ބަޔަކު އަންނަނީ ދެކުނަށް ބަދަލުވަމުންނެވެ.

ހަނގުރާމައިގެ ކުރިން ގާތްގަނޑަކަށް 650،000 މީހުން ދިރިއުޅުނު ޣައްޒާ ސިޓީގައި ހަމާސްގެ ހަނގުރާމަވެރިންނާ ހަނގުރާމަ ކުރަމުންދާ ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް މެދުނުކެނޑި ހިންގާތާ އެއް މަސް ދުވަސްވެފައިވާއިރު، ޣައްޒާއިން ޝަހީދުވި މުސްލިމުންގެ އަދަދު ވަނީ 10000 ން މަތިވެފައެވެ. އޭގެތެރެއިން 40 އިންސައްތަ މީހުންނަކީ ކުޑަކުދިންނެވެ.

ޣައްޒާގެ އިތުރުން އިސްރާއީލުން ހިފާފައި އޮންނަ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި ދިރިއުޅޭ ފަލަސްތީނު މުސްލިމުންނަށްވެސް ހަމަލާތައްދެމުން އަންނައިރު، މިހާތަނަށް 154 ފަލަސްތީނު މުސްލިމުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 2150 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ދެ މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާގެ ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަށް ވަނީ އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ދޫކޮށްލަން މަޖުބޫރުވެފައެވެ.