09 Nov 2023, 10:07
ފަލަސްތީނުގެ ޣައްޒާއަށް އެހީ ހިފައިގެން ދިޔަ ޓްރަކްތަކަކަށް ޔަހޫދީ އިސްރާއީލު ސިފައިން ހަމަލާދީފިއެވެ.
ދަ އިންޓަނޭޝަނަލް ކޮމެޓީ އޮފް ދަ ރެޑް ކްރޮސްއާ ހަވާލާދީ އަހްރަމް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހަމަލާތަކުގައި ދެ ޓްރަކަކަށް ވަނީ ގެއްލުންވެފައެވެ. އަދި, އެއް ޑްރައިވަރަކު ވަނީ ޒަޚަމްވެފައެވެ.
އެހީގެ ޓްރަކްތަކުގައި ޣައްޒާއަށް ގެންގޮސްފައި ވަނީ ސިއްހީ ފަރުވާއަށް ބޭނުންވާ ސާމާނު ކަމަށް ރެޑް ކްރޮސް ޖަމިއްޔާއިން ބުނެއެވެ.
"މިއީ އިންސާނީ އެހީ ފޯރުކޮށްދޭ މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ހާލަތެއް ނޫން. އަހަރުމެން މި ތިބެނީ ޣައްޒާއަށް ބޭނުންވާ އެހީ ފޯރުކޮށްދޭން،" ރެޑް ކްރޮސް ޖަމިއްޔާގެ ފަރާތުން ޣައްޒާގައި ހުންނަ މަންދޫބު ވިލިއަމް ސްކޮމްބާގާ ވިދާޅުވިއެވެ.
ހަމަލާދިނުމުން އެހީގެ ޓްރަކް ވަނީ ދަތުރުކުރަމުންދިޔަ މަގު ބަދަލުކޮށް އަލް ޝިފާ ހޮސްޕިޓަލަށް އެހީ ހިފައިގެން ވަދެފައެވެ.
އެހީ ހިފައިގެން ދިޔަ ޓްރަކަކަށް ހަމަލާދިންއިރު، މިސްރާއި ޣައްޒާ ގުޅޭ ރަފަޙް ބޯޑަރު ހުރަސްކޮށް އާދީއްތަ އަދި ހޯމަ ދުވަހު 118 އެހީގެ ޓްރަކް ޣައްޒާއަށް ވަދެފައިވާ ކަމަށް ފަލަސްތީނުގެ ރެޑް ކްރޮސެންޓު ޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ. މިއާ އެކު އޮކްޓޫބަރު 21 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 569 އެހީގެ ޓްރަކް ވަނީ ޣައްޒާއަށް ވަދެފައެވެ.
ރަފަޙް ބޯޑަރު ހުރަސްކޮށް އެހީ ހިފައިގެން ޣައްޒާ ތެރެއަށް އެންމެ ފުރަތަމަ ވަނީ އިސްރާއީލާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާއި ދެމެދު ހަނގުރާމަ ފެށިތާ 13 ދުވަސް ފަހުން އޮކްޓޫބަރު 21 ވަނަ ދުވަހުއެވެ. އޭގެ ކުރިން ފެނާއި ކާނާ، އަދި ކަރަންޓު ވެސް ނުލިބޭ ގޮތަށް ޣައްޒާއަށް އެއްވެސް އެއްޗެއް އެތެރެކުރުން އިސްރާއީލުން އޮތީ މަނާކޮށްފައެވެ.