08 Nov 2023, 23:37
މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ޒުވާނެއްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ އިބްރާހީމް ފައިހް ނިޒާމްގެ ތަހުގީގު އިތުރަށް ދިގުލައިގެން ދިއުމުގެ ފުރުސަތު އޮތްކަމަށް ބުނެ، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
މިދިޔަ ފެބްރުއަރީ މަހު ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ޒުވާނާގެ މަރުގެ މައްސަލައިގައި ފުލުހުން ވަނީ ފައިހަށް ތުހުމަތުކޮށް އޭނާ ހޯދަން އިއުލާނު ކޮށްފައެވެ. ނަމަވެސް، މަހަކަށްވުރެ ގިނަ ދުވަހު ފިލައިގެން އުޅުމަށްފަހު އޭނަ އަމިއްލައަށް ފުލުހުންނާ ހަވާލުވުމުން ހައްޔަރު ކުރިއެވެ. އަދި މިދިޔަ މޭ މަހުގެ 10ވަަނަ ދުވަހު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ.
ނަމަވެސް، މިއަދު ފުލުހުން ބުނީ އޭގެ ފަހުން ފައިހް ދޫކޮށްލުމަށްފަހު އަލުން ހައްޔަރު ކޮށްފައިވާކަމަށެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ވަނިކޮށް އޭނާ ދޫކޮށްލީ ކިހިނެއް ވެގެން ކަމެއް އަދި އަލުން ހައްޔަރު ކުރީ ކިހިނެއް ވެގެން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އިއްޔެ ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރެއްގައި ވަނީ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ޓަކައި އޭނާ 45 ދުވަހަށް ބަންދުކުރުމަށް އެދިފައެވެ.
ކޯޓު އަމުރުގައި ވަނީ އޭނާގެ މައްޗަށް ތުހުމަތެއް ކުރެވޭވަރަށް ހެކި ލިބިފައި ވާކަމަށެވެ. އެގޮތުން، ހުށަހަޅާފައިވާ ސީސީޓީވީ ފުޓޭޖާއި، އިންޓެލިޖެންސް ރިޕޯޓާއި ޑީއެންއޭ ތަހުލީލު ރިޕޯޓުން، މާފަންނު ކްރާސާ ފިހާރައިގައި ހިނގި މާރާމާރީގައި ފައިހްގެ ބައިވެރިވުން އޮތްކަމަށް ބެލެވޭ ކަމަށް ކޯޓު އަމުރުގައި ވެއެވެ.
ފުލުހުން މިފަހަރު ވެސް އެދިފައި ވަނީ، ތަހުގީގާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން އޭނާ ބަންދުކުރުމަށެވެ. ނަމަވެސް ގާޒީ ވިދާޅުވެފައި ވަނީ، މި މައްސަލައިގެ ތަހުގީގު މިހާރު ވެސް އަށް މަހަށް ވުރެ ދިގު ދެމިގެން ގޮސްފައިވާއިރު، ތަހުގީގު އިތުރަށް ދިގުލައިގެން ދިއުމުގެ ފުރުސަތު އޮތުމުން ވަކި މުއްދަތެއް ނެތް ގޮތަށް ބަންދު ކުރުމަކީ އިންސާފުވެރި ގޮތްކަމަށް ނުދެކޭ ކަމަށެވެ.
އެހެންކަމުން، އިސްތިސްނާ ހާލަތެއް ދިމާ ނުވާނަމަ، ބަންދުކުރަން 45 ދުވަހުގެ މުއްދަތެއް ކަނޑައަޅާފައި ވާތީ އެ މުއްދަތަށް އޭނާ ބަންދު ކުރީކަމަށް ވެސް ކޯޓު އަމުުރުގައި ވެއެވެ.
މާފަންނު ބީޖީ ގަރާޖު ކައިރީ ހުރި ފިހާރައެއްގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫ، އިޒްމީރު، މުހައްމަދު އަހުމަދު ދީދީ (ނައުޝާދު)އަށް ހަމަލާ ދިނީ ފެބްރުއަރީ މަހުގެ 24ގައެވެ. އެ ހަމަލާގެ ސަބަބުން، ހަމަ އެ މަހުގެ 27ވަނަ ދުވަހު އޭނާ ވަނީ މަރުވެފައެވެ.
ސިލްސިލާ މާރާމާރީތަކެއް މާލޭގައި ހިންގަމުން ދަނިކޮށް ފައިހު ހޯދަން އިއުލާންކުރީ ފެބްރުއަރީ މަހުގެ 15ވަނަ ދުވަހުއެވެ. ނަމަވެސް މަހަކަށްވުރެ ގިނަ ދުވަހު ފިލައިގެން އުޅުމަށްފަހު އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވީ މާޗު މަހުގެ 21ވަނަ ދުވަހުއެވެ.
ފައިހުގެ މައްޗަށް އޭރު އުފުލާފައި ވަނީ ތިން ދައުވާއެކެވެ. އެއީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާގެ އިތުރުން ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާ އަދި، ގައިގައި އަތްލުމުގެ ދައުވާއެވެ.
ނައުޝާދުގެ މަރުގެ މައްސަލައިގައި މިދިޔަ ފެބްރުއަރީ މަހު 20 އަހަރުގެ ޒުވާނަކު ވެސް ހައްޔަރުކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.