08 Nov 2023, 20:34
މިފްކޯ ފްލީޓަށް މަސްކިރުމަށް އިތުރުކުރާ އާ ތިން ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު "ޖަޒީރާ 106" ރާއްޖެ އައުމަށް ދަތުރު ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިފްކޯއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އައުމަށްޓަކައި އެ ބޯޓު ދަތުރު ފެށީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. އަންނަ އާދިއްތަ ދުވަހު އެ ބޯޓު ފޯރާނެ ކަމަށް އެ ކުންފުނިން ބުނާއިރު، ޖަޒީރާ 104 އަދި 105 މިއަހަރު ނިމުމުގެ ކުރިން ގެންނާނެ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މިފްކޯއިން ބުނީ މި ސީރީޒްގެ މަސްކިރާ ބޯޓުތަކަކީ ދުވާލަކު 60 ޓަނުގެ މަސް ގަނޑުކުރެވޭ އަދި 200 ޓަނުގެ މަސް ރައްކާކުރެވޭ ބޯޓުތަކެއް ކަމަށެވެ.
މި ތިން ބޯޓު ކުންފުނީގެ އޮޕަރޭޝަނާ ގުޅުމުން ދުވާލަކު 180 ޓަނުގެ މަސް އިތުރަށް ގަނެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެ ކުންފުނީގެ އަމާޒަކީ, ދެކުނާއި މެދު ރާއްޖެތެރޭގައި މަސްވެރިކަން ރަނގަޅު ދުވަސްވަރު ދިމާވާ ދަތިތަކަށް ހައްލެއް ހޯދުން ކަމަށް މިފްކޯއިން ބުންޏެވެ.

މިފްކޯގެ ފްލީޓަށް އިތުރުކުރާ 'ޖަޒީރާ 106' މަސް ކިރާ ބޯޓު ތައިލެންޑުގެ ބަނދަރެއްގައި --- ފޮޓޯ/ މިފްކޯ
މަސްކިރުމަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މިއަހަރު މިފްކޯއިން ވަނީ ހަތަރު ބޯޓު ގަނެފައެވެ. އެގޮތުން މާޗު މަހު ގެނައި ޖަޒީރާ 103 އަކީ ރާއްޖޭގެ ދެކުނުގައި މިހާރުވެސް މަސްކިރުމުގެ މަސައްކަތް ކުރަމުންދާ ބޯޓެކެވެ.
މި ބޯޓަކީ ދުވާލަކު 120 މެޓްރިކް ޓަނު މަސްގަނެ ފިނިކުރެވޭ ޖުމްލަ 420 ޓަނުގެ މަސް ރައްކާ ކުރެވޭ ބޯޓެކެވެ. އަދި މި ބޯޓާ އެއް ކެޕޭސިޓީއެއްގެ ބޯޓެއް 2021 ވަނަ އަހަރު މިފްކޯއިން ވަނީ ގަނެފައެވެ.
މިފްކޯއިން ބުނީ މި ހިނގަމުންދާ ފަސް އަހަރުތެރޭ ކެރިއާ ބޯޓާއެކު ހަ ބޯޓު އިތުރުކުރެވިފައިވާ ކަމަށެވެ.
ކޫއްޑޫގެ ކެޕޭސިޓީ އިތުރުކުރަން ޝިފްޓަކަށް 120 ޓަނުގެ ފްރީޒިން ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށާއި ތިނަދޫ ކޮންޕްލެކްސްގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށް އެ ކުންފުނިން ބުންޏެވެ.