08 Nov 2023, 18:11
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ލީޑަރުންނަށް ބޭރު ގައުމުތަކަށް ނޭރޭވަރު ކުރާނެ ކަމަށް އެ ޕާޓީ އުފެއްދެއްވުމުގައި ގިނަ މަސައްކަތްތައް ކުރައްވައި ޕާޓީގެ ރައީސްކަން ކުރެއްވި މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދުބާއީގައި އޮތް 17 ވަނަ ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސްގައި ތަގުރީރު ކުރައްވަން ނަޝީދު މިހާރު ހުންނެވީ ޔޫއޭއީގައެވެ.
އެ މަނިކުފާނު މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި އެމްޑީޕީގެ މެންބަރުންނަށް އިންޒާރު ދެއްވީ، އެމްޑީޕީގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދަށް އިންޓަ ޕާލިމެންޓްރީ ޔޫނިއަންގެ ކޮމިޓީ އޮން ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސްގެ ރައީސްގެ މަގާމު ލިބިވަޑައިގަތުމާ ގުޅިގެން، ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އެ ގުރޫޕުގައި އޭނާއަށް މަރުހަބާ ވިދާޅުވުމުންނެވެ.
"އަސްލަމް ތިޔަ ހުރިހާ ތަނަކުން އެމްޑީޕީ މީހުން ވަކިކުރާނަން. އަދި ބޭރު ގައުމުތަކަށް ނޭރޭ ވަރު ކުރާނަން،" ނަޝީދު ވިދާޅުވިއެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، އެމްޑީޕީ ރިޔާސީ އިންތިޚާބުން ބަލިވުމަކީ އެ ޕާޓީން މުސްތަގުބަލުގައި ކުރިމަތިލާން ޖެހޭނެ ކަންތައްތަކުގެ ކުޑަ މިންވަރެއް ކަމަށެވެ.
ނަޝީދުގެ މެސެޖުތަކުގެ ސްކްރީންޝޮޓެއް އެކްސްގައި ހިއްސާކުރައްވައި، އެމްޑީޕީގެ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވެސް ޖީހާންއަށް މަރުހަބާ ވިދާޅުވިއެވެ. އަދި މަޖިލީހުގެ އެންމެ ހަތަރު އަންހެން މެންބަރު ތިއްބެވިއިރު މިއީ އެ މެންބަަރުންނަށް ލިބުނު ޝަރަފެއް ކަމަށާއި ނަމަވެސް މި މުނާސަބަތުގައި ވެސް، މަޖިލީހުގެ އިތުބާރު ގެއްލިފައިވާ ރައީސް ނަޝީދު ނިންމެވީ ޖީހާނަށް އިންޒާރު ދިނުމަށް ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
އެމްޑީޕީގައި މިހާރު އިސްކޮށް ހުންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާ ދެމެދު އުފެދުނު ދެބަސްވުންތަކަށް ފަހު މިދިޔަ ޖޫން މަހުގެ 21ގައި އެ ޕާޓީން ވަކިވެވަޑައިގަތް ނަޝީދު ވަނީ އެ ޕާޓީ ރޫޅާލާނެ ކަމުގެ އިންޒާރު މީގެ ކުރިން ތަކުރާރުކޮށް ދެއްވާފައެވެ.
އެމްޑީޕީން ދަނީ ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ މައްސަލަ ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހަޅައި އެޖެންޑާ ކުރި ނަމަވެސް، މައްސަލަ ކުރިއަށް ނުދާތީ އެ ޕާޓީން ވަނީ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.
އެ މައްސަލައިގެ އަޑުއެހުންތައް އިއްޔެ ނިންމާލައިފައިވާއިރު، ހުކުމް ކުރާނެ ތާރީޚެއް އަދި ހާމަކޮށްފައިނުވެއެވެ.