ދިރާގް ދިވެހި ލީގުގެ ފުރަތަމަ ބުރުގައި އިއްޔެ ކުލަބް އީގަލްސް އަތުން 3-6 ލަނޑުން މޮޅުވެ، ލީގުގެ ލީގުގައި ފުރަތަމަ ފަހަރަށް ވީބީ އައްޑޫ އެފްސީ މޮޅެއް ހޯދައިފި އެވެ.

އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުން ވީބީއަށް ލިބުނު މޮޅާއެކު ލީގް ތާވަލްގައި އެޓީމް ވަނީ ހަ ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައަށް ކުރިއަށް ޖެހިލައިފައެވެ. އަދި އިއްޔެގެ މެޗުން ލިބުނު ބައްޔާއެކު އީގަލްސް އޮތީ ފަސް ވަނައިގައި ފަސް ޕޮއިންޓާއެކު އެވެ.

އީގަލްސް ކޮޅަށް ވީބީން އިއްޔެ ޖެހި އެޓީމުގެ ހަލަނޑުގެ ތެރެއިން ބިދޭސީ ފޯވާޑް އަބޫޑެސްމަންޓް މަންސާރީ ހަތަރު ގޯލް ކާމިޔާބު ކޮށްދިން އިރު، އަނެއް ދެގޯލް ކާމިޔާބު ކޮށްދިނީ އަހުމަދު ނާޝިދު (ނާއްޓޭ) އާއި ހަސަން ސޮލާހެވެ.

އިއްޔެގެ މެޗުގައި ވީބީކޮޅަށް، އީގަލްސްއިން ޖެހި އެޓީމުގެ ތިން ގޯލުގެ ތެރެއިން، އީގަލްސްގެ އަހުމަދު އިމާޒް (އާއްކޮ) ދެގޯލް ކާމިޔާބު ކޮށްދިންއިރު، އަނެއް ގޯލް ކާމިޔާބު ކޮށްދިނީ މުހައްމަދު އާރިފް (ބަކާ) އެވެ.

ލީގުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާ ދެޓީމަކީ އެއް ވަނައިގައި ޕޮއިންޓުގެ ގޮތުން އެއްވަރު ވެފައި އޮތް ވިކްޓަރީ އާއި ހަ ވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތް ކުލަބް ވެލެންސިއާ އެވެ.