ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް އެފްގައި ޖަރުމަނު ބުންޑަސްލީގާގެ ބޮރޫޝިއާ ޑޯޓްމުންޑް އާއި އިންގްލިޝް ޕްރިމިއާ ލީގްގެ ނިއުކާސްލް ޔުނައިޓެޑް ބައްދަލުކުރި މެޗު ޑޯޓްމުންޑްއިން ކާމިޔާބުކޮށްފިއެވެ.

ޑޯޓްމުންޑްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމް ކާމިޔާބުކުރީ ދެ ލަނޑު ސުންލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ނިއުކާސްލްއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ޑޯޓްމުންޑްއިންނެވެ.

މިމެޗުގެ ފުރަތަމަ ހާފް ބޮޑަށް ކޮންޓްރޯލްކޮށްގެން ކުޅެފައިވަނީ ޑޯޓްމުންޑްއިންނެވެ. މިގޮތުން މެޗުގެ 26 ވަނަ މިނެޓްގައި ޑޯޓްމުންޑް އިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ނިކްލަސް ފުލްކްރުގްއެވެ.

މިމެޗުގައި ޑޯޓްމުންޑް އިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 79 ވަނަ މިނެޓްގައި އުފެއްދި ކައުންޓާ އެޓޭކެއްގައި ޖަހައިދިނީ ޖޫލިއަން ބްރާންޑްއެވެ. މިމެޗުގައި ނިއުކާސްލްއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ދެވަނަ ހާފުގެ ކުރީކޮޅު ލިބުނީ ޖޯލިންޓަންއަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ޑޯޓްމުންޑްގެ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ނިއުކާސްލްއަށް މިމެޗުގައި މާ ރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ނިއުކާސްލްގެ ކޯޗް އެޑީ ހޯވް ހާމަކުރިގޮތުގައި އޭނާގެ ޓީމް މިވަގުތު އޮތީ އެންމެ ރަނގަޅު ހާލަތުގައި ނޫން ކަމަށެވެ.

މިމެޗުން ލިބުނު ކާމިޔާބީއާއެކު ޑޯޓްމުންޑް މިހާރު އުޅެނީ ކުޅުނު ހަތަރު މެޗުން ލިބިފައިވާ ހަތް ޕޮއިންޓާއެކު ގްރޫޕް އެފްގެ އެއްވަނައިގައެވެ. އަދި ގިނަ އަހަރުތަކެއްގެ މެދުކެނޑުމަށްފަހު ޗެމްޕިއަންސް ލީގުން މިސީޒަންގައި ޖާގަ ލިބުނު ނިއުކާސްލް އުޅެނީ ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ އެންމެފުލުގައެވެ. އަދި ދެން ކުޅޭ މެޗުގައި ރަށުން ބޭރުގައި ޕެރިސް ސެއިންޓް ޖާމެއިން އަތުން ބަލިވެއްޖެ ނަމަ މިމުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް ނިއުކާސްލްއަށް އޮތް ފުރުސަތު ގެއްލޭނެއެވެ.