ދައުލަތުން ހަވާލުކޮށްފައިހުރި އެކި މަޝްރޫއުތައް ކޮވިޑް19ގެ ބަލިމަޑުކަމާ ހެދި ނުނިމިހުރި ކަމަށް ބުނެ، އެ ނިންމުމަށް ސަރުކާރުން އިތުރު ހަ މަސް ދުވަސް ދިނުމާ ގުޅިގެން، އެ ކަންކަން ކުރުމަށް އެކަށީގެންވާ މުއްދަތެއް އޮތް ކަމަށް ބުނެ އިންތިޚާބީ ރައީސްގެ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިއްޔެ ސަރުކާރުން ވަނީ ދައުލަތުން ކުރިއަށް ގެންދާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ލުއި ހޯދައިދިނުމަށް 2020ވަނަ އަހަރުގެ ފަހާއި، މި އަހަރުގެ މޭ މަހުގެ 30ގެ ކުރިން ސޮއިކޮށްފައިވާ މަޝްރޫއުތަކުގެ މަސައްކަތު މުއްދަތަށް އިތުރުކޮށްދިނުމަށް އެދުނު ކޮންޓްރެކްޓަރުންނަށް ހަ މަސް ދުވަސް އިތުރުކޮށްދީފައެވެ.

މި ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ފިރުޒުލް ވިދާޅުވީ އެ ފަދަ ނިންމުންތަކަކީ އިކޮނޮމިކް ކައުންސިލުން ނިންމަންޖެހޭ ނިންމުންތަކެއް ނޫންކަމަށާއި އެއީ އެ ކައުންސިލްގެ މެންޑޭޓުގައި ހިމެނޭ ކަމެއް ވެސް ނޫންކަމަށެވެ.

މިއީ ފިނޭންސް މިނިސްޓްރީއަށް ވެސް ލިބިފައި އޮންނަ ބާރެއް ނޫންކަމަށް ފިރުޒުލް ވިދާޅުވިއެވެ. އެ ފަދަ ނިންމުމެއް ނިންމުމުގެ ބާރު އޮންނަނީ މާލިއްޔަތު ގަވައިދުގައި ކަނޑައަޅައި ވަކި ފަރާތަކަށްކަމަށް އޭނާ ވިދާޅުވިއެވެ.

އެ ފަދަ ހުއްދައެއް ދެވޭނީ އެ ދިނުމުގެ ކުރިން ކޮންމެ ޕްރޮޖެކްޓެއް ބަަލައި ވަކިވަކިން ރިވިއުކުރުމަށްފަހު ކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ.

"އަދި ހަމަ އެހެންމެ މުއްދަތު އިތުރުކުރާއިރު ކޮންޓްރެކްޓަރުގެ އިހުމާލުން ހިނގައިފައިވާ މުއްދަތެއް ނޫންކަން ކަށަވަރުކުރުމަށްފަހުކަން ވެސް ބަޔާންވެގެންވޭ،" ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ، ދައުލަތަށް މަންފާއެއް ލިބެން އޮންނަ ކަމެއްގައި އެހެން ގޮތަކަށް އަމަލުކުރުމަކީ ވެސް ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

އޭނާ ވިދާޅުވީ ކޮވިޑުގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުނު ފަހުން އެއް އަހަރާއި އަށް މަސް ދުވަސް ފާއިތުވި އިރު މަޝްރޫއުތައް ނިންމުމަށް އެކަށީގެންވާ ވަގުތު ލިބިފައިވާކަމަށެވެ.

"އެހެންކަމުން އެ އެއްބަސްވުންތަކުގައި ސޮއިކުރިއިރު އެނގެން ނެތް ދަތިތަކެއް ކަމަށް ބަލައި އެ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން މުއްދަތު އިތުރުކުރުމަކީ އެ ކަމުގެ ސަބަބުން ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުން ކަމަށް ބެލުމުގެ ފުރުސަތު އޮންނާނެކަމަށް އަޅުގަނޑުމެން ދެކެން،" ފިރުޒުލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އައު ސަރުކާރެއް ފެށެން ބާކީ އެންމެ އަށް ދުވަސް އޮތްއިރު އެ ފަދަ ނިންމުމެއް ނިންމުމަކީ އައު ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ދަތިވާނެ ކަމެއްކަމަށެވެ.

އެ ފަދަ ކަންކަން ނުކުރުމަށް އޭނާވަނީ ސަރުކާރަށް އިލްތިމާސްކުރައްވައިފައެވެ.