08 Nov 2023, 15:08
މި އަހަރު ބާއްވާ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ދިރާގުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވައި، އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. ދިރާގުން ބުނެފައިވަނީ މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް އެކި ތަމުރީނުތައް ލިބ،ި ވަޒީފާގެ މާހައުލުގައި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ނުހަނު ފުރިހަމަ ގޮތުގައި ލިބިގެންދާނެ ކަމަށެވެ.
މި ޕްރޮގްރާމުގައި ހިމެނޭ ދާއިރާތައް:
އެޑްމިނިސްޓްރޭޝަން
- ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް
- ކޯޕަރޭޓް ސާވިސަސް
- ޑިޕްލޮއިމަންޓް ސަޕޯޓް ސާވިސަސް
- ފައިނޭންޝަލް އެކައުންޓިން
- ހިއުމަން ރިސޯސަސް
- ނެޓްވޯކު އޮޕަރޭޝަންސް
- ޕްރޮޑަކްޓް އެންޑް ސޮލިއުޝަން ޑިވެލޮޕްމަންޓް
- ރެވެނިއު އެޝުއަރެންސް އެންޑް ބިޒްނަސް ކޮންޓްރޯލް
މި ޕްރޮގްރާމް އަމާޒު ކުރެވިފައިވަނީ އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. މީގެ އިތުރުން އޭލެވެލް ނުވަތަ ބެޗްލާސް ޑިގްރީ ހާސިލްކޮށްފައި، ވަޒީފާގެ ތަޖުރިބާއެއް ލިބިފައި ނެތް ކުދިންނަށް އިސްކަންދޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލެވިފައިވަނީ ހަމައެކަނި މާލޭގައި ދިރިއުޅޭ ޒުވާނުންނަށް އެކަންޏެއް ނޫނެވެ. މާލޭގެ އިތުރުން އައްޑޫ، ތިނަދޫ އަދި ލާމުގައި ޤާއިމުކޮށްފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި މި ޕްރޮގްރާމް ކުރިއަށް ދާނެ ކަމަށް ވަނީ ދިރާގުން ވަނީ ބުނެފައެވެ. އެހެންކަމުން އަމިއްލަ ރަށުގައި ހުރެގެން ވެސް މި ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ 2009 ވަނަ އަހަރުން ފެށިގެން ދިރާގުން ހިންގަމުންދާ ޕްރޮގްރާމެކެވެ. މިއަދާ ހަމަޔަށް ޖުމްލަ 247އަށް ވުރެ ގިނަ ޒުވާނުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފައެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށް ވެސް އެ ފަރާތްތަކުގެ ސޮފްޓް ސްކިލްސް ތަރައްގީކޮށް ވަގުތު މެނޭޖުކުރުމާއި ޕްރޮޖެކްޓްތައް ހިންގާނެ ގޮތް ފަދަ ބޭނުންވާ މުހިންމު މަޢުލޫމާތުތައް ދިރާގުގެ އެކި މުވައްޒަފުންގެ ފަރާތުން ތަމުރީނު ލިބިގެންދާނެ ކަމަށް ވަނީ ބުނެފައެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކުން މި މަހުގެ 18 ގެ ކުރިންއެޕްލިކޭށަންފޯމު ހުށަހެޅުވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.