08 Nov 2023, 12:54
ފެނަކައިގެ އިދާރީ ހިންގުމަށް މި އަހަރު 700އަަށްވުރެ ގިނަ މުވައްޒަފުން އިތުރުވީ، އަލަށް ގާއިމްކުރެވުނު ސްޓޭޝަންތަކުގައި ޚިދުމަތް ފެށުމަށް ޓަކައި ކަމަށާއި، ދަރަނި އިތުރުވީ ކޮވިޑު ތެރޭގައި ވެސް މަޝްރޫއުތައް ހިންގުމުންކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ފެނަކައިން ބޭއްވި މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އޮތީ އިންތިޚާބީ ރައީސްގެ އޮފީހުން ފެނަކައާ ގުޅޭގޮތުން އާންމުކުރި މައުލޫމާތުތަކާ ގުޅިގެން އެ ކުންފުނިން ރައްދު ދިނުމެވެ.
އިންތިޚާބީ އޮފީހުގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް މީގެ ކުރިން ވިދާޅުވީ ފެނަކައިގެ އިދާރީ އަދި މާލީ ހިންގުމުގައި ކަންބޮޑުވާ މިންވަރުގެ ބޮޑެތި ގޯސްތައް ފާހަގަވެފައިވާކަމަށެވެ.
މީގެ އިތުރުން މި އަހަރު ފާހަގަވި ކަންކަމުގެ ތެރޭގައި، މާޗު މަހުގެ ފަހުން 747 މުވައްޒަފުން އިތުރުވުމަކީ އާދަޔާ ޚިލާފު ކަމެއްގެ ގޮތުގައި ފިރުޒުލް ސިފަކުރައްވައިފައިވެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމަށް ރައްދު ދެއްވައި، ސައީދު ވިދާޅުވީ މި އަހަރު ގިނަ މުވައްޒަފުންތަކެއް ނަގަންޖެހުނީ، ރަށްރަށުގައި ހިންގި މަޝްރޫއުތައް ނިމި، އެ ތަންތަން ހިންގުމަށް މުވައްޒަފުން ބޭނުންވާތީ ކަމަށެވެ.
އެއީ ސިޔާސީ ކަމެއް ނޫން ކަމަށާއި، އެއީ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަމެއްކަމަށް ސައީދު ވިދާޅުވިއެވެ.
"އެހެންވީމާ ގާނޫނުން ލާޒިމް ކުރާ ގޮތުން ވެސް އަދި އެ ޚިދުމަތް ފޯރުކޮށްދިނުމަށް ޓަކައި ވެސް ނަގަންޖެހޭ މުވައްޒަފުން އެ ޕީރިއަޑުގައި ނަގާނެ. އެއްވެސް ހާލެއްގައި އެއީ ސިޔާސީ ބޭނުމަކަށް ޓަކައި ނަގައިފައި ތިބި މުވައްޒަފުންނެއް ނޫން. އިއްތިފާގަކަށް ވެދާނެ،" ސައީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފެނާއި ނަރުދަމާއާއި ކަރަންޓުގެ ޚިދުމަތަކީ ގިނަ މުވައްޒަފުން ބޭނުންވާ ޓެކްނިކަލް މަސައްކަތެއްކަމަށެވެ.
ސައީދު ވިދާޅުވީ، ފެނަކައަށް އެއްވެސް ސިޔާސީ ނުފޫޒަކުން މުވައްޒަފުން ވައްދައިފައިނުވާ ކަމަށެވެ. އަދި އެ ފަދަ ކަމެއް ކުރައްވައިފައިނުވާކަމުގެ ޔަގީންކަން ވަނީ ދެއްވައިފައެވެ.
ހަމައެއާއެކު ކޮރަޕްޝަންގެ މައްސަލައެއް މިހާތަނަށް މި ދައުރުގައި އެ ކުންފުންނީގެ މައްޗަށް ސާބިތުކުރެވިފައި ނުވާ ކަމަށާއި ދެން ވެސް އެ ފަދަ ކަމެއް ސާބިތު ނުވާނެކަމުގެ ޔަގީންކަން ސައީދު ދެއްވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ އިންތިޚާބީ ރައީސްގެ އޮފީހަކީ ސަރުކާރު ހިންގާ އޮފީހެއް ނޫން ކަމަށެވެ. އެއީ އިންތިޚާބީ ރައީސަށް އިދާރާތަކުގެ ސައްޙަ މައުލޫމާތު ފޯރުކޮށްދިނުމަށް ގާއިމްކޮށްފައި ހުންނަ އޮފީހެއްކަމަށް ސައީދު ވިދާޅުވިއެވެ.