ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދިނުމުގައި ހިޔާނާތްވެ، އެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދަށު ކޯޓުން ކުރި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ ނުދައްކާތީ، ދައުލަތުން އުފުލި ދައުވާގެ ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

އާރަށުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު 25 ގައެވެ. އެކަމަކު، ހުކުމާ އެއްގޮތަށް ޔާމީން ޖޫރިމަނާ ފައިސާ ދައްކައިފައެއް ނުވެއެވެ.

އެހެންވެ، ދައުލަތުގެ ފަރާތުން ބަންޑާރަނައިބުގެ އޮފީހުން ވަނީ އެ ހުކުމް ތަންފީޒު ކުރުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފައެވެ.

ޔާމީން ޖޫރިމަނާގެ އެއްވެސް ފައިސާއެއް ދައްކައިފައެއް ނުވެއެވެ.

ސިވިލް ކޯޓުގައި އެ މައްސަލަ ބެއްލެވި ގާޒީ އަބްދުﷲ އިޙްސާން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ ޔާމީންގެ އެދިވަޑައިގަތުމަށް ޖޫރިމަނާ ފައިސާ ފަސް ކުރުމުގެ އަމުރެއް ހައިކޯޓުން ނެރެދީފައިވާ ކަމަށެވެ. އެހެންވެ، ޖޫރިމަނާ ފައިސާ ނުދައްކާ ކަމަށް ބުނެ ދައުލަތުން ހުށަހެޅި މައްސަލަ ބެލޭނެ ޖާގައެއް ނެތް ކަމަށް ވަނީ ކަނޑައަޅައިފައެވެ.

ދަށު ކޯޓުން އެ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވި ހުކުމް، އެ މަނިކުފާނުގެ ފަރާތްޕުޅުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

އެކަމަކު، އެ މައްސަލައާ ހައިކޯޓުގައި ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. އެ މައްސަލަ ކުރިއަށް ނުދާތާ މިހާރު ވެސް ދުވަސްތަކެއް ވެފައިވާއިރު، ހުކުމަކާ ހިސާބަށް ވާސިލުވެވޭނެ ދުވަހެއް ނޭނގެއެވެ.