ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ މައްސަލާގައި ދިވެހި ދެ ފިރިހެނަކު ހޯދުމަށް ފުލުހުން މިއަދު އިއުލާނު ކޮށްފިއެވެ.

ފުލުހުން ހޯދަން އިއުލާން ކުރީ ކ. މާލެ / މއ. ކޮޓްންވިލާ، އަޙްމަދު ސަފްނީޒް، 40، އާއި ގއ. ކޮލަމާފުށި / އަސަރީގެ، މުޙައްމަދު ސާއިފް ޢަލީ، 23 އެވެ.

މީގެ ތެރެއިން ސަފްނީޒް ހޯދަން އިއުލާން ކޮށްފައިވަނީ ހުއްދަނޫން ގޮތުގައި ޖިންސީ މުޢާމަލާތެއް ކުރުމުގެ ކުށުގެ ތުހުމަތުގައެވެ.

ސާއިފް ހޯދަމުން ދަނީ ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ ތުހުމަތުގައެވެ.

ފުލުހުން ބުނީ، މި ދެ މީހުން ވެސް ހޯދަމުން ދަނީ ކުށުގެ މައްސަލަ އާއި ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން މި އަންނަ ހޯމަދުވަހުގެ 9:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.

މި މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.