08 Nov 2023, 13:33
ދެން އަންނަ ސަރުކާރުން މައްސަލައެއް އުފަންކޮށްގެން ނޫނީ ފެނަކައިގެ އެއްވެސް މައްސަލައެއް ނުފެންނާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަޚްމަދު ސައީދު މުޚައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ފެނަކައިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީ ސައީދު ވިދާޅުވީ، އެ ކުންފުނީގެ ކޮރަޕްޝަންގެ ވާހަކައަކީ އެންމެން ވެސް ދައްކާ ވާހަކައެއް ކަމަށެވެ. ނަމަވެސް މިހާތަނަށް އައިއިރު އޭގެން އެއްވެސް ކަމެއް ސާބިތުވެފައެއް ނޯންނާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
އަދި އެ ކުންފުނިން ހުރިހާ ކަމެއް ވެސް ކުރަމުން އައީ ގާނޫނާއި ގަވާއިދުގެ ދަށުން ކަމަށާއި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމުގެ ޔަގީން ސައީދު ދެއްވިއެވެ.
ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ އަލަށް ވެރިކަމާ ހަވާލުވާ ސަރުކާރުން އުފަންކޮށްގެން ނޫނީ އެއްވެސް ކޮރަޕްޝަންގެ އަމަލެއް ފެންނަން ނޯންނާނެ ކަމަށެވެ.
"އަޅުގަނޑުމެން މިތާ ކަންކަން އޮންނާނީ ދިވެހިރާއްޖޭގެ ގާނޫނާ ފެނަކައިން އަމަލުކުރަމުންދާ ޕޮލިސީތަކާ އެއްގޮތަށް. ނޯންނާނެ އެ ނޫން އެއްވެސް ގޮތަކަށް އެއްވެސް ކަމެއް ކޮށްފައެއް،" ސައީދު ވިދާޅުވިއެވެ.
"ކަމެއް އުފަންކޮށްގެން ކުރެވިދާނެ ކަމަށް އަޅުގަނޑުމެން ބަލަނީ. އެ ނޫން ކަމެއް ނޯންނާނެ،"
ސައީދު މިފަދައިން ވިދާޅުވެފަ ވަނީ ފެނަކައިގެ އިދާރީ އަދި މާލީ ހިންގުމުގައި ކަންބޮޑުވާ މިންވަރުގެ ބޮޑެތި ގޯސްތައް ފާހަގަވެފައިވާ ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން މި ފަހުން ބުނެފައިވަނިކޮށެވެ. އެގޮތުން މި އަހަރުގެ މާޗު މަހުގެ ފަހުން މިއަދާ ހަމައަށް އިތުރު 747 މުވައްޒަފުން ފެނަކައަށް އިތުރުކޮށްފައިވާކަން އެ އޮފީހުން ފާހަގަކުރިއެވެ.

އުތީމުގައި އާ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް
އެކަމަށް ރައްދު ދެއްވައި ސައީދު ވިދާޅުވީ އެ ކުންފުންޏަށް މީހުން ވެއްދުމުގައި އެއްވެސް ސިޔާސީ ނުފޫޒެއް ނޯންނާނެ ކަމަށާއި އެ ކުންފުނިން އެއަށްވުރެ ހަރުދަނާ ނިޒާމެއްގެ ދަށުން އެކަން ކުރަމުންދާ ކަމަށެވެ.
"ކަނޑައެޅިގެން ބުހުތާނު ދޮގު. މި ސަރުކާރުން މިހާތަނަށް އައިއިރު ކޮރަޕްޝަންގެ އެއްވެސް ކަމެއް ސާބިތުވެފައެއް ނެތް. އަދި ނުވެސް އޮންނާނެ،" ސައީދު ވިދާޅުވިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ މުވައްޒަފުން ތިބީ ފެނަކައިގައި ކަމަށާއި އެ ކުންފުނީގައި މިހާތަނަށް 7،000 އަށް ވުރެ ގިނަ މުވައްޒަފުން ތިބި ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތަކުން ވެސް ދައްކައެވެ.
ސަރުކާރު ކުންފުނިތަކާ އެ ކުންފުނިތަކަށް މުވައްޒަފުން އިތުރުވުމަކީ ކަންބޮޑުވުން ބޮޑު މައްސަލައެއްގެ ގޮތުގައި ސަރުކާރާ އިދިކޮޅު ޕާޓީތަކުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. ޚާއްސަ ގޮތެއްގައި ރިޔާސީ އިންތިޚާބާ ގާތްކޮށްފައި ސަރުކާރުގެ އިތުރު ވަޒީފާތައް އުފެއްދުމަކީ ކޮރަޕްޝަނެއްގެ ގޮތުގައި އެ ޕާޓީތަކުން ވަނީ ސިފަކޮށްފައެވެ.