ދަތް އުނގުޅާ ބޭސްކަމަށް ހީކޮށް މީހަކު، ތަދުކަނޑުވާ ބޭހުން ދަތް އުނގުޅައިފިއެވެ.

މިއާ ކިޓްލްސަން ކިޔާ މީހަކު އޭނާގެ ޓިކްޓޮކްގައި ޙިއްސާކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައިވަނީ، އޭނާގެ ލޯބިވެރިޔާއާ އެކު ނެޓްފްލިކްސްގެ ޕްރޮގްރާމް ''ބެކަމް" ބަލަން ތިބެފައި، ދަތް އުނގުޅާ ބޭސް ކަމަށް ބޭނުން ކުރެވުނީ، "ޑީޕް ހީޓް" ތަދު ކަނޑުވާ ބޭސް ކަމަށެވެ.

ޑީޕް ހީޓުން އޭނާއަށް ދަތް އުނގުޅުމާ އެކު އެ ކަން އިހުސާސް ކުރެވިގެން އޭނާގެ ލޯބިވެރިޔާ ކައިރީ ބުނުމުން، ހާސްވެގެން ލޯބިވެރިޔާ ވަގުތުން ގުޅީ 'ޕޮއިޒަން ކޮންޓްރޯލް"އަށް ކަމަށް ވެސް އެ ވީޑިއޯގައި ބުނެފައިވެއެވެ. ޕޮއިޒަން ކޮންޓްރޯލަކީ ވިހަވުމުގެ ހާދިސާތަކުގައި އަންގާ އިދާރާ އެކެވެ.

ދަތް އުނގުޅާ ބޭސް ކަމަށް ޑީޕްހީޓް ތަދު ކަނޑުވާ ބޭސް ބޭނުން ކުރެވުނު ކަމަށް ބުނެ މިއާ ކިޓްލްސަން ޓިކްޓޮކްގައި ޙިއްސާކޮށްފައިވާ ވީޑިއޯ 10 މިލިޔަން މީހުން ބަލާފައިވެއެވެ. އަދި، މިވީޑިއޯއަށް ކޮމެންޓު ކުރި މީހުން ވެސް ވަނީ ޕޮއިޒަން ކޮންޓްރޯލްއަށް ގުޅުމުން، އެކަން ފާހަގަކޮށްފައެވެ.