އިސްރަށްވެހިންގެ ޖަމިއްޔާއިން ކޮންމެ އަހަރަކު ވެސް އިޖްތިމާއީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކުރާ ދަތުރުގައި މި އަހަރު ކ. ހުރައަށް ގޮސްފިއެވެ.

އެ ޖަމިއްޔާއިން ހުރައަށް ދަތުރުކުރީ ހޮނިހިރު ދުވަހެވެ.

"ސަން"އާ ވާހަކަދައްކަވަމުން އިސް ރަށްވެހިންގެ ޖަމިއްޔާގެ ރައީސް އަހްމަދު އަލީ މަނިކު ވިދާޅުވީ އެ ޖަމިއްޔާއިން ކުރަމުން އަންނަ ދަތުރުތަކުގައި ކ. އަތޮޅުގެ ގިނަ ރަށްތަކަކަށް މިހާރު ދެވިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިއީ ޖަމިއްޔާގެ ފަރާތުން އަތޮޅު ތެރޭގެ އިސް ރަށްވެހިންނާ ބައްދަލުކުރުމުގެ ބޭނުމުގައި ކުރާ ދަތުރުތަކެއް ކަމަށެވެ.

އިސް ރަށްވެހިންގެ ޖަމިއްޔާއިން ހުރާ ކައުންސިލާ ބައްދަލުކުރުން -- ސަން ފޮޓޯ

"އަތޮޅު ތެރޭގެ އިސް ރަށްވެހިންނާ ބައްދަލުކޮށްލައި އެ ބޭފުޅުންނާ އެއްކޮށް ހަމަ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް، ދެން އެ ބޭފުޅުންގެ ހުރި ކަންތައްތައް ސާފުކޮށްލުމާއި އެ ކަހަލަ ކަންކަން،" މަނިކު ވިދާޅުވިއެވެ.

މި ދަތުރުތަކުގައި އެ ރަށެއްގެ ކައުންސިލާއި، އިސް ރަށްވެހިންނާ އެ ޖަމިއްޔާގެ މެންބަރުން ބައްދަލުކުރެއެވެ. އެގޮތުން މި ދަތުރުގައި ހުރާގެ ކައުންސިލާއި، އެ ރަށު އިސް ރަށްވެހިންނާ ބައްދަލުކޮށްފައިވެއެވެ.

ހަމައެއާ އެކު، އެ މީހުންނާ ވާހަކަދައްކައި މައުލޫމާތު ސާފުކުރުމުގެ ސެޝަންތަކާއި، ކުޅިވަރު ހަރަކާތުގެ ސެޝަންތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ޖަމިއްޔާގެ ހަރަކާތުގައި ބައިވެރިވި އެ ރަށު އިސް ރަށްވެހިން މި ވަގުތުތައް ސިފަކުރީ ވަރަށް އުފާވެރި، ހިތްގައިމު ވަގުތުކޮޅެއްގެ ގޮތުގައެވެ. އަދި، އެ މީހުންގެ ނަފުސާނީ ދުޅަހެޔޮކަން އިތުރުވި، އަދި މުހިންމު މައުލޫމާތުތަކެއް ލިބުނު ވަގުތުކޮޅެއްގެ ގޮތުގައެވެ.

އިސް ރަށްވެހިންގެ ޖަމިއްޔާއިން ހުރާ އިސް ރަށްވެހިންނާ އެކުގައި ހިންގި ހަރަކާތެއްގެ ތެރެއިން -- ސަން ފޮޓޯ

"މިއީ ވަރަށް ރަނގަޅު ކަމެއް. އަޅުގަނޑުމެން ހަމަ އަބަދު ވެސް އެދެން މި ފަދަ ޖަމިއްޔާތަކުން އައިސް އަޅުގަނޑުމެންގެ އަޑު އަހައި، އަަޅުގަނޑުމެން އެދޭ ކަންކަމުގައި އެހީތެރިވެ ދިނުމަށް. ވަރަށް އުފާވެރި ވަގުތުކޮޅެއް މިއީ،" ހުރާގެ އިސް ރަށްވެއްސަކު ބުންޏެވެ.

މި ދަތުރުގައި މޯލްޑިވްސް ސްކައުޓްސް އެންޑް ގައިޑްސް ފެލޯޝިޕުން ވެސް ވަނީ ބައިވެރިވެފައެވެ. މިއީ އިސް ރަށްވެހިންގެ ޖަމިއްޔާއަށް ހަރަކާތްތައް ހިންގުމުގައި އެކި ގޮތްގޮތުން އެހީތެރިވެދޭ ޖަމިއްޔާއެކެވެ.

އިސް ރަށްވެހިންގެ ޖަމިއްޔާއަކީ އިސް ރަށްވެހިންގެ ހައްގުތައް ހިމާޔަތް ކުރުމަށް އުފައްދައިފައި އޮތް ޖަމިއްޔާއެކެވެ. އެ ގޮތުން އިސް ރަށްވެހިންނަށް ލިބެން ޖެހޭ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ޓަކައި ވަކާލާތުކުރުމަކީ މި ޖަމިއްޔާގެ މަގްސަދެކެވެ.