19 May 2012, 11:13
ޒުވާނުންނާ ބެހޭ މަންހަޖު ތަންފީޒު ކުރުމަށް ކޮމަންވެލްތުން އުފައްދާފައިވާ ޔޫތު ޕްރޮގްރާމްގައި ރާއްޖެ އިން ބައިވެރިކުރާނެ ޔޫތު ކޯކަސްއެއްގެ ގޮތުގައި ދެ ޒުވާނަކު ހޯދުމަށް އިއުލާންކޮށްފި އެވެ.
މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އިން ކޮށްފައިވާ އިލާނެއްގައި ބުނެފައި ވަނީ ރާއްޖެ އިން ކޮމަންވެލްތަށް ކަނޑައަޅާފައިވާ ޔޫތު ކޯކަސްގެ ދައުތު ހަމަވުމުން، އަނެއްކާ ވެސް އިތުރު ދެ ޒުވާނުން ހޮވުމަށް މިނިސްޓްރީ ނިންމާފައިވާ ކަމަށެވެ. އެގޮތުން ޔޫތު ކޯކަސްއަކާއި ޑެޕިއުޓީ ކޯކަސްއެއްގެ ގޮތުގައި ހޮވާ ދެ ޒުވާނުންނަކީ 27 އަހަރު ފުރިހަމަވާ މީހުންނަށް ވާންޖެހޭނެ ކަމަށެވެ.
ރާއްޖެ އިން ހޮވާ ދެ ޒުވާނުންގެ ކިބައިގައި ހުންނަން ޖެހޭނެ ޝަރުތުތަކެއް ކަމަށް ކަނޑައަޅާފައި ވަނީ ވަކިފަރާތަކަށް ނުޖެހި މިނިވަން މީހަކަށް ވުމާއި ޒުވާނުންގެ ދާއިރާގައި މަސައްކަތްކޮށްފައިވާ ކަމުގެ ރެކޯޑެއް އޮތުމާއި މަދަނީ ޖަމިއްޔާއެއް ތަމްސީލު ކުރާ ޒުވާނަކަށް ވުމާއި އިނގިރޭސީ ބަހަށް ފަރިތަވުމެވެ.
ޒިންމާތަކުގެ ތެރޭގައި ކަނޑައަޅާފައި ވަނީ ސަރަހައްދީ އަދި ގައުމީ ފެންވަރުގެ ހަރަކާތްތަކުގައި ގައުމު ތަމްސީލު ކުރުމަށް ތައްޔާރަށް ހުރުމާއި ޖިންސާއި ނަސްލާއި ސަގާފަތާ އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ ގައުމެއްގައި ވެސް ކޮމަންވެލްތުގެ ގަބޫލުކުރުންތައް ފާޅުކުރުމެވެ. އަދި ކޮމަންވެލްތު ޔޫތު ޕްރޮގްރާމްގެ މަސައްކަތް ކަމަށްވާ ޔޫތު މިނިސްޓަރުންގެ ބައްދަލުވުންތަކުގައި ކުރަން ކަނޑައަޅާފައިވާ ކަންތައްތަކަށް އެހީތެރިވެދިނުމާއި އަދި ޔޫތު ކޯކަސްގެ މަސައްކަތުގައި ދިމާވާ ގޮންޖެހުންތައް ކޮމަންވެލްތުގެ ޔޫތު ޕްރޮގްރާމަށް ކޮންމެ ތިން މަހުން ރިޕޯޓް ކުރުމެވެ.
މިނިސްޓްރީ ބުނީ އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 ކުރިން ސީވީ އާއި އައިޑީކާޑު ކޮޕީއާއެކު ވެލާނާގެ ތިން ވަނަ ފަންހިފިލާގެ ކައުންޓަރަށް ސިޓީ ހުށަހަޅުއްވަން ވާނެ ކަމަށެވެ.
އިނގިރޭސިން އަޅުވެތި ކުރި 53 ގައުމުގެއް މައްޗަށް އެކުލެވޭ ކޮމަންވެލްތުގެ ކޮންމެ ގައުމުން ވެސް ޔޫތު ކޯކަސްގެ ގޮތުގައި ޒުވާނުން ކަނޑައަޅާފައިވެ އެވެ. އެ ޒުވާނުންނަށް ކޮމަންވެލްތުގެ ގައުމުތަކަށް ޒިޔާރަތްކޮށް ކޯކަސްއިންގެ މެދުގައި މަޝްވަރާކޮށް، ހިޔާލު ބަދަލު ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދެ އެވެ.