ޔުއޭފާ ޗެމްޕިއަންސް ލީގުގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔަކަށް ޕޯޗުގަލްގެ، އެފްސީ ޕޯޓޯއަށް ކުޅެމުންދާ ޕެޕޭ ވެގެން ހިނގައްޖެއެވެ.

ޕޯޓޯގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ޕެޕޭގެ އުމުރަކީ 40 އަހަރެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ގްރޫޕް އެޗުގައި ޕޯޓޯއާއި ބެލްޖިއަމްގެ ރޯޔަލް އޭންޓްވާޕްއާ ބައްދަލުކުރި މެޗުގެ އިތުރު ވަގުތުގައެވެ.

ޕޯޓޯއިން މި މެޗު ކާމިޔާބުކޮށްފައިވަނީ 2-0 އިންނެވެ.

ރޭ ޖެހި ލަނޑާ އެކު ޕެޕޭ ވެގެން ގޮސްފައިވަނީ ޗެމްޕިއަންސް ލީގުގައި ލަނޑު ޖެހި 40 އަހަރުން މަތީގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. މީގެ ކުރިން މި ރިކޯޑް އޮތީ އިޓަލީވިލާތުގެ ކުރީގެ ކުޅުންތެރިޔާ ފްރެންޗެސްކޯ ޓޯޓީ އަތުގައެވެ. އޭނާ ލަނޑު ޖަހާފައިވަނީ 38 އަހަރާއި 59 ދުވަހުގައެވެ. އެންމެ ދުވަސްވީ ލަނޑު ޖެހުން ތެރިޔާގެ އިތުރުން ޕެޕޭއަކީ މި މުބާރާތުގައި މިހާތަނަށް ކުޅޭ އެންމެ ދުވަސްވީ އައުޓްފީލްޑް ކުޅުންތެރިޔާ ވެސް މެއެވެ. އޭނާއަށް އެ ލަގަބު ލިބިގެންދިޔައީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އޭންޓްވާޕްއާ އެކު ކުޅުނު ފުރަތަމަ މެޗުގައެވެ.

ޕޯޓޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިދީފައިވަނީ މެޗުގެ 32 ވަނަ މިނެޓުގައި ޑެ ލިމާ ބާބޯސާއެވެ. މެޗުން ލިބުނު ކާމިޔާބީއާ އެކު ޕޯޓޯ މިހާރު އުޅެނީ ގްރޫޕް އެޗްގެ ދެވަނައިގައެވެ. އެއީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބިފައިވާ ނުވަ ޕޮއިންޓާ އެކުއެވެ. އަދި، އޭންޓްވާޕް އުޅެނީ ޕޮއިންޓެއް ނުލިބި ގްރޫޕްގެ އެންމެ ފުލުގައެވެ.

ގުރޫޕުގެ އެއްވަނައިގައި އުޅޭ ސްޕެނިޝް ލަލީގާގެ އެފްސީ ބާސެލޯނާއާއި ޔޫކްރެއިންގެ ޝަކްޓާ ޑޮނެސްކް ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކުރީ ޝަކްޓާއެވެ.

އެ މެޗުގެ ހަމައެކަނި ލަނޑު، 40 ވަނަ މިނެޓްގައި ޝަކްޓާއަށް ކާމިޔާބުކޮށްދިނީ ޑަނީލޯ ސިކާންއެވެ. ގިނަ ބަޔަކަށް ހައިރާންކަން ލިބިގެންދިޔަ މި ނަތީޖާއާ އެކު މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ޓީމަށް ވުމަށް ބާސާއަށް ލިބިގެންދިޔަ ފުރުސަތު ވަނީ ގެއްލިގެން ގޮސްފައެވެ.

ބާސާ މިހާރު އޮތީ ނުވަ ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނައިގައެވެ. ޝަކްޓާއަށް މިހާރު ވަނީ 6 ޕޮއިންޓާ އެކު، ދެވަނަ ބުރަށް ދިއުމަށް ކުރާ އުންމީދު އާވެގެން ގޮސްފައެވެ. މި ގުރޫޕުގައި މިހާރު ބާކީ ދެ މެޗު ކޮންމެ ޓީމަކަށް އޮތް އިރު ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ބާސާ، ޕޯޓޯ އަދި ޝަކްޓާއަށް ވެސް އެބައޮތެވެ.