ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް ޖީގައި ބާކީ ދެ މެޗު އޮއްވައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ދެވަނަ ބުރުން ސިޓީ ޖާގަ ހޯދީ އަމިއްލަ ދަނޑުގައި ސްވިޓްޒަލަންޑްގެ ޔަންގް ބޯއިޒްއާ ބައްދަލުކުރި މެޗު 3-0 އިން ކާމިޔާބު ކޮށްގެންނެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އެ ޓީމުން ޔަންގް ބޯއިޒްގެ މައްޗަށް ކުރި ހޯދި ދެވަނަ ފަހަރެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ގިނަ އިރު ބޯޅަ ގެންގުޅެ ހުރިހާ ހަމަލާއެއް އުފައްދާފައިވަނީ ސިޓީންނެވެ. މެޗުގައި ސިޓީން ޔަންގް ބޯއިޒްގެ ގޯލަށް 27 ހަމަލާ އުފެއްދި އިރު ޔަންގް ބޯއިޒްއަށް އެންމެ ހަމަލާއެއް ވެސް އުފެއްދިފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ލަނޑު ސިޓީން ކާމިޔާބުކުރީ މެޗުގެ 23 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އާލިން ހާލަންޑްއެވެ. ހާލަންޑް ވަނީ މެޗުގެ 51 ވަނަ މިނެޓްގައި އިތުރު ލަނޑެއް ޖަހައި ސިޓީގެ ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑު އޭނާ ޖަހާފައިވަނީ ޕެނަލްޓީ އޭރިއާ ބޭރުން ކަމުން މިއީ އޭނާގެ ކެރިއަރުގައި ވެސް ޕެނަލްޓީ އޭރިއާ ބޭރުން ލަނޑު ޖެހި ތިންވަނަ ފަހަރެވެ. އަދި، މެޗުގައި ކާމިޔާބުކުރި ދެ ލަނޑާ އެކު އޭނާ މިހާރު ވަނީ ޗެމްޕިއަންސް ލީގުގައި ކުޅުނު 34 މެޗުގައި 39 ލަނޑު ޖަހައިފައެވެ.

މެޗުގައި ސިޓީން ދެން ކާމިޔާބު ކުރި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދީ ފިލް ފޯޑެންއެވެ.

މި ކާމިޔާބީއާ އެކު މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން އެންމެ ފުރަތަމަ ޖާގަ ހޯދި ދެ ޓީމުގެ ތެރޭގައި ސިޓީ ވަނީ ހިމެނިގެން ގޮސްފައެވެ. ސިޓީން މިހާރު ވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް ލިބިފައިވާ 12 ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނައިގައެވެ.

ރޭގެ މެޗުން ބަލިވި، ޔަންގް ބޯއިޒް އުޅެނީ އެއް ޕޮއިންޓާ އެކު ގްރޫޕްގެ އެންމެ ފުލުގައެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޖާގަ ހޯދި ދެވަނަ ޓީމަކީ މި ގްރޫޕްގެ ދެވަނައިގައި އުޅޭ ޖަރުމަނު ބުންޑަސްލީގާގެ އާރްބީ ލެއިޕްޒިގެވެ. ލެއިޕްޒިގް ވަނީ ރެޑް ސްޓާ ބެލްގްރޭޑްއާ ރޭ ބައްދަލުކުރި މެޗު ރަށުން ބޭރުގައި 2-1ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. ރޭގެ މޮޅާ އެކު އެ ޓީމަށް ވަނީ ދެ ޕޮއިންޓު ލިބިފައެވެ.