މަގުބޫލު ތަމަޅަ އެކްޓަރު ކަމަލް ހާސަން ހިމަނައިގެން ކުޅަދާނަ ޑައިރެކްޓަރު ވަރަށް ވަރުގަދަ އެކްޝަން ފިލްމެއް އުފައްދަން ތައްޔާރުވެއްޖެއެވެ.

ސައުތު ސިނަމާގެ އެންމެ ނުފޫޒު ގަދަ އެކްޓަރާއެކު މަނީ ރަތުނަމް ފިލްމެއް އުފައްދަން މި ނިންމީ ދެ މީހުން އެކީގައި މަސައްކަތް ކުރިތާ 36 އަހަރު ފަހުންނެވެ.

ދާދިފަހުން ރިލީޒްވި ތަމަޅަ ފިލްމު "ޕޮނީޔިން ސެލްވަން"ގެ މޭސްތިރި ކަމަށްވާ މަނީ ރަތުނަމްއާ އެކު ކަމަލް ހާސަން މަސައްކަތް ކޮށްފައިވާ ފިލްމު "ނަޔާކަން" އަކީ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ވަރަށް މަޝްހޫރު ތަމަޅަ ފިލްމެކެވެ.

ޢުމުރުން އިއްޔެ 69 އަހަރު ފުރުނު ކަމަލް ހާސަންގެ އުފަންދުވަހާ ގުޅުވައިގެން ފުރަތަމަ ޓީޒާވެސް ދައްކާލާފައިވާ އާ ފިލްމުގެ ނަމަކީ "ތަގް ލައިފް"އެވެ.

މަނީ ރަތުނަމް ޑައިރެކްޓްކުރާ މި ފިލްމުން ކަމަލް ހާސަން އާއެކު ސައުތު ސިނަމާގެ މަގުބޫލު އެކްޓަރުން ކަމަށްވާ ދަލްކޯރު ސަލްމާން، ޖަޔަމް ރަވީ، ބަތަލާ ތުރިޝާ އަދި އަބީރާމީ މުހިއްމު ރޯލްއިން ފެންނާނެއެވެ.

ވަރަށް ތަފާތު މޮޅު ވާހަކަތަކެއް ސިނަމާއަށް ގެނެސްދީފައިވާ މަނީ ރަތުނަމް އާއި ކުޅަދާނަ އެކްޓަރު ކަމަލް ހާސަންގެ މި ފިލްމު "ތަގް ލައިފް" އަންނަ އަހަރު ރިލީޒްކުރުމަށް ރޭވިފައިވާއިރު މިއީ ބެލުންތެރިން އަންނަ އަހަރު އެންމެ ބޮޑަށް އިންތިޒާރު ކުރާނެ އެއް ފިލްމެވެ.

މަނީ ރަތުނަމްގެ އެހެން ފިލްމުތަކެކޭ އެއްގޮތަށް މި ފަހަރުގެ ފިލްމަށްވެސް މިއުޒިކް ތައްޔާރު ކޮށްދޭނީ އިތުރު ތަޢާރަފަކަށް ބޭނުން ނުވާ މިއުޒީޝަން އޭއާރް ރަޙްމާންއެވެ.

ކަމަލް ހާސަންއާ އެކު ފިލްމު "ކަލްކީ"ގައި ފެންނާނެ ފިލްމީ ތަރިން

ފިލްމު "ތަގް ލައިފް"ގެ އިތުރުން އަންނަ އަހަރު ކަމަލް ޙަސަންގެ އިތުރު ދެ ފިލްމެއް ސިނަމާތަކަށް އަންނާނެއެވެ. އެއީ 1996ވަނަ އަހަރު ކަމަލް ހާސަން ކުޅުނު ފިލްމު "އިންޑިއަން"ގެ ސީކުއަލް "އިންޑިއަން2" އަދި ނާގް އަޝްވިންގެ ފިލްމު "ކަލްކީ2898 އޭޑީ" އިންނެވެ.