އިންޑިއާގެ އަސްކަރިއްޔާގެ ތާރީޚުގައި ދުށް އެންމެ ވަރުގަދަ އެއް ލީޑަރު ކަމަށްވާ ސޭމް މަނެކްޝޯގެ ޙަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމު "ސޭމް ބަހާދުރު"ގެ ޓްރެއިލާ އާއްމުންނަށް ދައްކާލައިފިއެވެ.

ބޮލީވުޑްގެ ފިލްމީ ތަރި ވިކީ ކޯޝަލް ލީޑް ރޯލް ކުޅެފައިވާ މި ފިލްމަކީ، ޑައިރެކްޓަރު މެގްނާ ގުލްޒާރުގެ އުފެއްދުމެކެވެ. ރޮނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ މި ފިލްމު ގެނެސްދޭނީ އޭނާގެ އަމިއްލަ ފިލްމު ކުންފުނި އާރްއެސްވީޕީ އިންނެވެ.

ވިކީ ކޯޝަލް، ސޭމް މަނެކްޝޯގެ ރޯލް ފިލްމުގައި ކުޅޭއިރު އުއްމީދީ ބަތަލާ ފާތިމާ ސަނާ ޝޭހް މި ފިލްމުގައި ކުޅެފައި ވަނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާނދީގެ ރޯލެވެ. އަދި ސޭމް މަނެކްޝޯގެ އަންހެނުންގެ ރޯލްއިން ބަތަލާ ސާނިޔާ މަލްހޯތުރާ މި ފިލްމުން ފެންނާނެއެވެ.

ފިލްމުގެ ޓްރެއިލާ ޕޯސްޓުކުރުމަށްފަހު ވިކީ ކޯޝަލް ބުނެފައި ވަނީ "ސޭމް ބަހާދުރު"އަކީ މިއީ އިންޑިއާގެ އަސްކަރިއްޔާއަށާއި ޤައުމަށްޓަކައި ބޮޑެތި ޤުރުބާނީތަކެއް ވެފައިވާ ހީރޯއެއްގެ ވާހަކަ އެންމެ ފުރިހަމައަށް ކިޔައިދޭނެ ފިލްމެއް ކަމުގައެވެ.

އިންޑިއާގެ އަސްކަރިއްޔާ އޮފިސަރު ސޭމް މަނެކްޝޯ އަދި އެކްޓަރު ވިކީ ކޯޝަލް

މިއީ 1960އިގެ އަހަރުތަކުގައި އިންޑިއާގެ އަސްކަރިއްޔާގައި ކަން ހިނގާދިޔަގޮތް ގެނެސްދޭނެ ހަނގުރާމަ މަތީގެ ގިނަ ވާހަކަތަކެއް ސިނަމާތަކަށް ގެނެސްދޭނެ މުހިއްމު ފިލްމެއްގެ ގޮތުގައި ވިކީ ކޯޝަލް ވަނީ ސިފަކޮށްފައެވެ.

ޑައިރެކްޓަރު މޭގްނާ ގުލްޒާރާއެކު ވިކީ ވަނީ ކެރިއަރުގެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ރާޒީ"ގައި ވެސް މަސައްކަތް ކޮށްފައެވެ. ހަމައެއާއެކު ވިކީއަށް ޤައުމީ އެވޯޑް ހާސިލުކުރެވުނު ފިލްމު "އުރީ:ދަ ސާޖިކަލް ސްޓްރައިކް"އަކީ ޕްރޮޑިއުސަރު ރޮނީ ސްކްރޫވާލާގެ އަމިއްލަ ކުންފުނީގެ ފިލްމެކެވެ.

ފިލްމު "ސޭމް ބަހާދުރު"ގެ ހީރޯ ސޭމް މަނެކްޝޯ އިންޑިއާގެ އަސްކަރިއްޔާގައި ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާއިރު އޭނާގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ 1971 ވަނަ އަހަރު އިންޑިއާ-ޕާކިސްތާން ހަނގުރާމައިގެ ސަބަބުން ބަންގްލަދޭޝް އުފެދުމަށް މަގުފަހިވި ކާމިޔާބީގައި އިސްކޮށް ހުންނެވިކަމެވެ.

މީގެ އިތުރުން ސޭމް މަނެކްޝޯއަކީ، ފީލްޑް މާޝަލްގެ ރޭންކަށް ޕްރޮމޯޓްވި އިންޑިއާގެ އަސްކަރިއްޔާގެ ފުރަތަމަ އޮފިސަރުވެސް މެއެވެ.