08 Nov 2023, 14:30
ޣައްޒާގައި ހުރި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް ކަމަށްވާ، ރަންތީސީ ހޮސްޕިޓަލަށް ބޮން އަޅާނެކަމުގެ އިންޒާރުދީ, ހޮސްޕިޓަލް ހުސްކުރަން އިޒްރޭލުން އަންގައިފިއެވެ.
ފަލަސްތީނުގެ ސިއްހީ ވުޒާރާގެ ތަރުޖަމާނާ ހަވާލާދީ ފަލަސްތީން ކްރޮނިކަލްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ އެ އިންޒާރާ އެކު ހޮސްޕިޓަލްގައި މި ވަގުތު ތިބި 70 ކުދިންގެ ފުރާނަ ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ.
ސިއްހީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ރަންޓީސީ ހޮސްޕިޓަލަކީ އެމެރިކާއިން ޢައްޒާގައި ހިންގާ ހޮސްޕިޓަލެކެވެ. އަދި, އެ ހޮސްޕިޓަލަކީ ޣައްޒާގެ ހަމައެކަނި ކުޑަކުދިންގެ ކެންސަރު ވޯޑު ހުންނަ ހޮސްޕިޓަލެވެ. އިއްޔެ ވެސް އިޒްރޭލުން ވަނީ އެ ހޮސްޕިޓަލުގެ ކެންސަރު ވޯޑު ހުންނަ ފަންގިފިލާއަށް ވައިގެ ހަމަލާއެއް ދީފައެވެ.
އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް 229 ފަހަރު އިސްރާއީލުން ވަނީ ހަމަލާދީފައެވެ.
ހަނގުރާމަ ފެށިތާ ދެ ހަފުތާ ތެރޭގައި އިޒްރޭލުން ވަނީ ޣައްޒާގެ އެންމެ ގިނަ ދުވަސްވީ، އަލް އަހްލީ އަރަބި ހޮސްޕިޓަލަށް ހަމަލާދީ 800 އެއްހާ ކުށެއް ނެތް އާންމުން ޝަހީދުކޮށްލައިފައެވެ. ޣައްޒާގެ އެންމެ ބޮޑު އަލް ޝިފާ ހޮސްޕިޓަލަށް ވެސް އިޒްރޭލުން އަންނަނީ އެކި ވަރުގެ ހަމަލާތައް ދެމުންނެވެ. ޒަޚަމްވެފައިވާ އެތައް ސަތޭކަ މީހުންނާއި ގެދޮރު ގެއްލިފައިވާ އެތައް ބަޔަކު ވެސް އަލް ޝިފާ ހޮސްޕިޓަލްގައި އެބަތިއްބެވެ.
އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ހެދި، ތެލާއި ކަރަންޓު ވެސް ލިބުން ދަތިވުމުގެ ސަބަބުން ޣައްޒާގައި ހުރި 35 ހޮސްޕިޓަލްގެ ތެރެއިން 16 ހޮސްޕިޓަލްގެ މަސައްކަތް ވަނީ ހުއްޓިފައެވެ. އަދި، 72 ކްލިނިކް ޣައްޒާގައި ހުންނައިރު، 46 ކްލިނިކެއްގެ މަސައްކަތް ވެސް ވަނީ ހުއްޓިފައެވެ.