08 Nov 2023, 10:57
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތް ނައްތައިލަން އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ނިމުމަށް ފަހު، ޣައްޒާގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ އިސްރާއީލުން ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ނަތަންޔާހޫ މިހެން ވިދާޅުވީ ހޯމަ ދުވަހު އޭބީސީ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ހަނގުރާމައަށް ފަހު ޣައްޒާގެ ވެރިކަން ކުރާނީ ކޮންބައެއްތޯ ސުވާލުކުރުމުންނެވެ. ޣައްޒާގެ ސަލާމަތީ ކަންކަމުގެ ޒިންމާ އިސްރާއީލުން ނަގާނީ މުއްދަތެއް ނެތް ގޮތަށް ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ސަލާމަތީ ޒިންމާ ޣައްޒާގައި ނެތުމުން ފެނުނީ ހަމާސްގެ ޓެރަރިޒަމް ހަރަކާތްތައް ހީވެސް ނުކުރާ މިންވަރަށް މައްޗަށް ދިއަތަން،" ހަމާސް އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ތުހުމަތު ކުރަމުން ނަތަންޔާހޫ ވިދާޅުވިއެވެ.
ނަތަންޔާހޫ މިހެން ވިދާޅުވެފައި ވަނީ ޣައްޒާއަށް އެއްގަމު މަގުން ވަދެ ހިފުމަކީ އިސްރާއީލުން ހަދާނެ ވަރަށް ބޮޑު ގޯހެއް ކަމަށް އިސްރާއީލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ނަތަންޔާހޫ ހަމާސްއާ ދެކޮޅަށް ކުރާ ހަނގުރާމައަށް ބައިޑެން ވަރަށް ބޮޑަށް ތާއީދު ކުރައްވާ ނަމަވެސް، ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ހަމަލާތައް ދިނުމާއި އިންސާނީ އެހީ ފޯރުކޮށްނުދީ ހަނގުރާމަ ހުއްޓައިނުލާ ކުރިއަށް ގެންދިއުން ފަދަ ކަންކަމުގައި ދެ ބޭފުޅުންގެ ހިޔާލު ތަފާތެވެ.
ހަމާސްގެ ބެލުމުގެ ދަށުގައި ޣައްޒާގައި ތިބި މީހުން ދޫކޮށްނުލައިހާ ހިނދަކު ހަނގުރާމަ ހުއްޓައިނުލާނެ ކަމަށް ވެސް ތަކުރާރުކޮށް ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ. ނަމަވެސް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހަނގުރާމައަށް މަޑުޖެހުމެއް ގެންނާނެ ކަމުގެ އިޝާރާތެއް ދެއްވިއެވެ.
"އިންސާނީ އެހީ ފޯރުކޮށްދެވޭނެ ގޮތްތަކެއް އަޅުގަނޑުމެން ބަލާނެ. ނަމަވެސް ހަނގުރާމަ ހުއްޓައިލާނެ ހެނެއް ހިޔެއްނުވޭ،" ނަތަންޔާހޫ ވިދާޅުވިއެވެ.
ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ހިންގަމުންދާ ގަތުލުއާންމު މިހާރުން މިހާރަށް ހުއްޓައިލުމަށް، އިސްރާއީލަށް އަންނަނީ ބައިނަލްއަގުވާމީ ޕްރެޝަރު ބޮޑުވަމުންނެވެ.
ޣައްޒާއަކީ މިހާރު ކުޑަކުދިންގެ ގަބުރުސްތާނެއް ކަމަށާއި، ހަނގުރާމަ މިހާރުން މިހާރަށް ހުއްޓައިލުމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވެސް ހޯމަ ދުވަހު ވަނީ ގޮވާލައްވައިފައެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 10,022 އަށް އަރާފައެވެ. އޭގެ ތެރޭގައި 4,000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 24,000 އަށް އަރާފައެވެ.