08 Nov 2023, 13:14
ފަލަސްތީނުގު ޣައްޒާގައި ވަގުތީ ހޮސްޕިޓަލެއް ގާއިމުކުރަން ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އިން ނިންމައިފިއެވެ.
ފަލަސްތީނު ރައްޔިތުންނަށް ސިއްހީ ފަރުވާ ދިނުމަށް ގާއިމުކުރާ މި ހޮސްޕިޓަލްގައި 150 އެނދު ހުންނާނެ ކަމަށާއި އޮޕަރޭޝަންތައް ކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިފައި ހުންނާނެ ކަމަށް ޔޫއޭއީގެ ދައުލަތުގެ މީޑީއާ، މިނާ ނޫހުން ރިޕޯޓުކުރެއެވެ.
މި ހޮސްޕިޓަލު ގާއިމުކުރަން ބޭނުންވާ ސާމާނާއި ހޮސްޕިޓަލަށް ބޭނުންވާ ތަކެއްޗާއެކު ފަސް ކާގޯ ފްލައިޓް މިހާރު ވަނީ މިސްރަށް ގޮސްފައެވެ. އަދި މިސްރު މަގުން މި ތަކެތި ޣައްޒާއަށް އެތެރެކުރަން ހަމަޖެހިފައިވާއިރު ޔޫއޭއީއިން މިކަން ކުރަނީ އިސްރާއީލުގެ ހުއްދަ ލިބިގެން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
އިސްރާއީލާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާއި ދެމެދު އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހުން ފެށިގެން ކުރަމުންދާ ހަނގުރާމައަކީ ޣައްޒާގެ ހޮސްޕިޓަލްތަކަށް އެންމެ ގިނަ ހަމަލާތައް އަމާޒުވާ ހަނގުރާމައެވެ.
ޣައްޒާގެ ހޮސްޕިޓަލުތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ތެޔޮ ބޭނުންވާއިރު އިސްރާއީލުން އޮތީ ޣައްޒާއަށް ތެޔޮ އެތެރެކުރުން ވެސް މަނާކޮށްފައެވެ. ތެޔޮ ހުސްވުމުގެ ސަބަބުން މިހާރު ވެސް ޣައްޒާގެ 35 ހޮސްޕިޓަލުގެ ތެރެއިން 16 ހޮސްޕިޓަލެއް ވަނީ ބަންދުކޮށްފައެވެ. އޭގެތެރޭގައި ޣައްޒާގައި ހިންގާ ހަމައެކަނި ކެންސަރު ހޮސްޕިޓަލުވެސް ހިމެނެއެވެ.

އިސްރާއީލުގެ ހަމަލާތަކުގައި ޒަހަމްވެފައިވާ ކުޑަ ކުއްޖެއް ފޮޓޯ/ސީއެންއެން
މިދިޔަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 10،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައެވެ. މީގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.