ޓެރަރިސްޓުން ތިބޭ އެއްވެސް ތަނެއްގައި ގަވާއިދެއް ނޯންނާނެ ކަމަށް ބުނެ ، މިހާރު ހިނގަމުންދާ އިސްރާއީލާއި ފަލަސްތީނު ހަނގުރާމައިގައި، އިސްރާއީލަށް ތާއީދުކުރާކަން ޔޫކްރެއިންގެ ރައީސް ވޮލްދުމީރް ޒެލެންސްކީ ހާމަކުރައްވައިފިއެވެ.

މިޑްލް އީސްޓް މޮނިޓާއިން ރިޕޯޓުކުރާ ގޮތުގައި މިހާރު ހިނގަމުންދާ ހަނގުރާމައަކީ ފަލަސްތީނާއި އިސްރާއީލާއި ދެމެދު އަނދަމުން އަންނަ އަލިފާންގަޑެއް ކަމަށް ސެލްންސްކީ ވިދާޅުވިއެވެ. އެ އަލިފާންގަޑަށް ބޮޑު ކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރާ ކަމަށް ވިދާޅުވެފައިވާއިރު، ސެލްންސްކީ ވަނީ ރަޝިއާއަށްވެސް ފާޑުވިދާޅުވެފައެވެ.

އެގޮތުން އީރާނާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސްގެ ފަހަތުގައި އޮތީ ރަޝިއާ ކަމަށް ޒެލެންސްކީ ތުހުމަތު ކުރެއްވިއެވެ.

"ރަޝިޔާއާއި އީރާނަށް ޕްރެޝަރު ކުރަން ޖެހޭނެ. ހަނގުރާމައިގެ ފަހަތުގައި މި ޤައުމުތައް އޮތްކަން ގަބޫލުކުރަންޖެހޭ. އަދި އަޅުގަނޑު އެތަނަށް އުތުރު ކޮރެއާވެސް އިތުރުކުރަން." އޭނާ އިތުރަށް ވިދާޅުވިއެވެ.

އަދި ހަމާސް އަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށާއި ޓެރަރިސްޓުންގެ ހަމަލާތަކުން ދިފާއުވުމަށް ހަނގުރާމަ ކުރަންޖެހޭނެ ކަމަށްވެސް ޒެލެންސްކީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގާނޫނުތަކާއި ގަވާއިދުތަކުގެ ވާހަކަ ދައްކާއިރު، ޓެރަރިސްޓުން ތިބި ތަނެއްގައި، އެއްވެސް ގަވާއިދެއް ނޯންނާނެ. ހުރިހާ ކަމެއް ވެސް ހިނގާނީ ގާނޫނުތަކުން ބޭރުން."

ނަމަވެސް ހަނގުރާމައާ ނުބެހޭ ޣައްޒާގެ އާންމުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ޒެލްންސްކީ ވިދާޅުވިއެވެ.