ތެހެރާން (މޭ 19): އިންޓަރނޭޝަނަލް އެޓަމިކް އެނަރޖީ އެޖެންސީ (އައިއޭއީއޭ)ގެ ވެރިޔާ ޔުކިޔާ އަމާނޫ މިއަދު އީރާނަށް ވަޑައިގަންނަވާނެކަން އެއެޖެންސީން ހާމަކޮށްފި އެވެ.

އައިއޭއީއޭ އިން ނެރުނު ބަޔާނެއް ބުނާ ގޮތުން އަމާނޫ އީރާނަށް ވަޑައިގަންނަ ވަނީ ނިއުކްލިޔާ މުހިއްމު މައްސަލަތަކެއްގައި އީރާނުގެ މަސްއޫލުވެރިންނާ މަޝްވަރާ ކުރެއްވުމަށެވެ. މި މައްސަލަތަކުގެ ތަފްސީލެއް ނުދެ އެވެ. އީރާނުގެ ނިއުކްލިޔާ ސައިޓްތައް ބަލައި ފާސްކުރުމަށް އީރާނުން ހުށަހެޅި ޝަރުތުތައް ޤަބޫލުކުރުމަށް އިންޓަނޭޝަނަލް އެޓަމިކް އެނަރޖީ އެޖެންސީން ދާދިފަހުން ވަނީ ދެކޮޅު ހަދާފަ އެވެ. މިޝަރުތުތައް އީރާނުން ހުށަހެޅީ އެޤައުމުގެ ނިއުކްލިޔަރ ޕްރޮގްރާމާބެހޭ ގޮތުން އިންޓަނޭޝަނަލް އެޓަމިކް އެނަޖީ އެޖެންސީގެ މަސްއޫލުވެރިންނާ އެކު ވިއެނާގައި މިދިޔަ ހަފްތާގައި ބޭއްވި ވާހަކަތަކުގަ އެވެ.

އީރާނުގެ ޝަރުތުތަކުގެ ތެރޭގައި، އެޤައުމުގެ ނިއުކްލިޔާ ސައިޓްތައް ބަލައި ފާސްކުރުމަށް ފޮނުވާ އިނިސްޕެކްޓަރުން ނިސްބަތްވާ ޤައުމު ކަނޑައެޅުމުގެ އިޚްތިޔާރު އީރާނަށް ދިނުމާއި ކުއްލިކުއްލިއަށް އީރާނުގެ އިތުރުތަންތަން ބަލައިފާސްކުރުމަށް އެޓަމިކް އެޖެންސީން ނޭދުން ހިމެނެ އެވެ. އީރާނުގެ ނިއުކްލިޔާ ސައިޓްތައް ބަލައި ފާސްކުރުމަށް ފޮނުވާ އިނިސްޕެކްޓަރުންގެ ބައެއް މީހުން އެމެރިކާ ފަދަ އީރާނުގެ ދުޝްމަން ޤައުމުތަކަށް ޖާސޫސުކޮށްދޭކަމުގެ ބިރުއޮންނާތީ މިފަދަ މީހުން ނިސްބަތްވާ ޤައުމުތައް ކަނޑައެޅުމުގެ އިޚްތިޔާރު ލިބުމަކީ އީރާނުގެ ޙައްޤެއްކަމަށް އެޤައުމުން ބުނެ އެވެ.

ކުއްލިކުއްލިއަށް އީރާނުގެ އެކިތަންތަން ބަލައި ފާސްކުރުމަށް އައިއޭއިއޭން އެދުމުގެ ބޭނުމަކީ ނިއުކްލިޔާ އިންސްޕެކްޝަންގެ ނަމުގައި އީރާނުގެ ޢަސްކަރީ އަދި ޤައުމީ ސިއްރުތައް ހޯދުންކަމަށް ވެސް އީރާނުން ވަނީ ތުހުމަތުކޮށްފަ އެވެ. އީރާނުގެ މިޝަރުތުތައް ޤަބޫލުކުރުމަށް އިންޓަނޭޝަނަލް އެޓަމިކް އެނަރޖީ އެޖެންސީން ދެކޮޅުހަދާފައިވާތީ މިމައްސަލަ އަދި ޙައްލު ކުރެވިފައެއްނުވެ އެވެ.

އަމާނޫއަކީ އެމެރިކާގެ ފިއްތުންތަކުގެ ދަށުގައިވާ އަދި އޭނާގެ މައްޗަށް އެމެރިކާގެ ބާރާއި ނުފޫޒު ހިނގާ ބޭފުޅެއްކަމަށް ވެސް އީރާނުން ވަނީ ތުހުމަތު ކޮށްފަ އެވެ. (އަލްޖަޒީރާ)