08 Nov 2023, 17:18
ސްޕެނިޝް ލަލީގާގެ އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ ރެއާލް މެޑްރިޑަށް ކުޅެމުންދާ ފަރަންސޭސިވިލާތުގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ އެޑުއާޑޯ ކަމަވިންގާގެ އެގްރީމަންޓް އެކްލަބުން އާކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރެއާލްއިން ކަމަވިންގާއާއެކު އެގްރީމަންޓް ސޮއިކޮށްފައިވަނީ އެކްލަބްގައި 2029 ވަނަ އަހަރުގެ ނިޔަލަށް އޭނާ ބެހެއްޓުމަށް އެއްބަސްވެއެވެ. އުމުރުން 20 އަހަރުގެ ކަމަވިންގާ ރެއާލްއާ ގުޅުނީ 2021 ވަނަ އަހަރުގެ ފަރެންޗް ލީގް އާންގެ ރެން އިންނެވެ.
ކަމަވިންގާއާއެކު ރެއާލްއިން އަލަށްވީ އެއްބަސްވުމުގައި ވަނީ އެއް ބިލިއަން ޔޫރޯގެ ރިލީސް ކްލައުސް އެއް ހިމަނާފައެވެ. ކަމަވިންގާ ރެއާލްއާ ގުޅުނު ފަހުން މިހާތަނަށްވަނީ 114 މެޗް ކުޅެދީފައެވެ. އަދި މިސީޒަންގައި މިހާތަނަށް ރެއާލް ކުޅުނު 12 މެޗުގެ ތެރެއިން އަށް މެޗްގައި ފުރަތަމަ އެގާރައިގާ ހިމެނިގެން ކުޅެފައެވެ.
މިހާތަނަށް ރެއާލްގައި އޭނާ ހޭދަކުރި ދުވަސް ކޮޅުގެ ތެރޭގައި ވަނީ ހަ ތަށި ކާމިޔާބުކޮށްފައެވެ. މީގެތެރޭގައި 2021-2022 ވަނަ ސީޒަންގައި ކާމިޔާބުކުރި ޔުއޭފާ ޗެމްޕިއަންސް ލީގުވެސް ހިމެނެއެވެ.
ދެހާސް ނަވާރަ ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އުމުރުން 16 އަހަރު ހަތަރު މަހުގައި ރެންއަށް ކުޅެން ފެށި ކަމަވިންގާ ވެފައިވަނީ އެކްލަބަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. އަދި ކަމަވިންގަވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޔުއޭފާ ނޭޝަންސް ލީގުގައި ފަރަންސޭސިވިލާތުގެ ޤައުމީ ޓީމަށް ފުރަތަމަ މެޗް ކުޅެދީ ފަރަންސޭސި ޤައުމީ ޓީމަށް 106 އަހަރުގެ ތެރޭގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ލަގަބުވެސް ހޯދައިފައެވެ.
އޭނާ ވަނީ މިހާތަނަށް ފަރަންސޭސި ޤައުމީ ޓީމަށް 12 މެޗް ކުޅެދީފައެވެ. ކަމަވިންގާގެ އިތުރުން އޭނާއާ އެކު ރެއާލްއަށް ކުޅޭ ރޮޑްރިގޯ އާއި ވިނީޝިއަސް ޖޫނިއާވެސް ވަރަށް ފަހުން އެޓީމާއެކު ހަދައިފާވާ އެއްބަސްވުން އާކޮށްފައެވެ.