އެންބީއޭ ބާސްކެޓު ބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ޑެންވާ ނަގެޓްސްއިން ނިއުއޯލިއަންސް ޕެލިކަންސް ބަލިކޮށްފިއެވެ.

ޑެންވާގެ ބޯލް އެރީނާގައި ކުޅުނު މި މެޗު ނަގެޓްސް ކާމިޔާބު ކުރީ 134 ޕޮއިންޓް 116 ޕޮއިންޓުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ދެ ކްއާޓާގައި މޮޅަށް ކުޅެފައިވަނީ ޕެލިކަންސްއިންނެވެ. ފުރަތަމަ ހާފު ނިމުނުއިރު 12 ޕޮއިންޓުން ކުރީގައި އޮތީ ޕެލިކަންސްއެވެ.

ނަމަވެސް ތިންވަނަ ކުއާޓާގައި ނަގެޓްސްއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް މެޗުގެ ލީޑު ނަގައިފައެވެ. މި ކުއާޓާ ނިމެންވާއިރަށް ނަގެޓްސްއިން ވަނީ ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. އަދި، ފަހު ކުއާޓާގައި ވެސް ނަގެޓްސްއިން ވަނީ ލީޑު އިތުރަށް ފުޅާކޮށްފައެވެ.

މެޗުގައި ނަގެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 35 ޕޮއިންޓް ހޯދައިދީ 14 ރީބައުންޑް ނަގައިދީ 12 އެސިސްޓްކޮށް ޓްރިޕްލް ޑަބަލްއެއް ހެދި ނިކޮލާ ޔޮކިޗެވެ. އަދި، ޕެލިކަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 31 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދީ ތިން އެސިސްޓް ދިން ޖޯޑަން ހޯކިންސްއެވެ.

މި މުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު ޑެލަސް މެވްރިކްސް އާއި އޯލާންޑޯ މެޖިކް ބައްދަލުކުރި މެޗު 117 ޕޮއިންޓް 102 ޕޮއިންޓުން ކާމިޔާބު ކުރީ މެވްރިކްސްއެވެ. މެޗުގައި މެވްރިކްސްގެ ލޫކާ ޑޮންޗިޗް ވަނީ 29 ޕޮއިންޓް ހޯދައިދީ ތިން ރީބައުންޑް ނަގައިދީ ހަ އެސިސްޓް ކޮށްފައެވެ. އަދި، މެޖިކަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 22 ޕޮއިންޓް ހޯދައިދީ ފަސް ރީބައުންޑް ނަގައިދީ ހަ އެސިސްޓް ދިން ޕައޮލޯ ބަންޝޭރޯއެވެ.

މީގެ އިތުރުން، ފިލަޑެލްފިއާ ސެވަންޓީ ސިކްސާސްއާއި ވޮޝިންޓަން ވިޒަޑްސް ބައްދަލުކުރި މެޗު 146 ޕޮއިންޓް 128 ޕޮއިންޓުން ކާމިޔާބު ކުރީ ސެވަންޓީ ސިކްސާސްއެވެ.

މެޗުގައި ސިކްސާސްގެ ޖޮއެލް އެމްބިޑް ވަނީ 48 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގައިދީ ހަ އެސިސްޓް ކޮށްފައެވެ. އަދި، ވިޒަޑްސްގެ ކައިލް ކުޒްމާ ވަނީ 28 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދީ ހަތަރު އެސިސްޓް ކޮށްފައެވެ.

މުބާރާތުގައި ގޯލްޑަން ސްޓޭޓް ވޮރިއާސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރި މެޗު 120 ޕޮއިންޓް 109 ޕޮއިންޓުން ވޮރިއާސް ކާމިޔާބު ކުރިއިރު ނިއުޔޯކް ނިކްސް އާއި ލޮސް އެންޖަލިސް ކްލިޕާސް ބައްދަލުކުރި މެޗު 111 ޕޮއިންޓު 97 ޕޮއިންޓުން ކާމިޔާބުކުރީ ނިކްސްއެވެ. މައޭމީ ހީޓް އާއި ލޮސް އެންޖަލިސް ލޭކާސް ބައްދަލުކުރި މެޗު 108 ޕޮއިންޓު 107 ޕޮއިންޓުން ހީޓް ކާމިޔާބުކުރިއިރު މިލްވައުކީ ބަކްސް އާއި ބްރޫކްލިން ނެޓްސް ބައްދަލުކުރި މެޗު 129 ޕޮއިންޓް 125 ޕޮއިންޓުން ކާމިޔާބުކުރީ ބަކްސްއެވެ.

ހަމައެއާ އެކު މިނެސޯޓާ ޓިމްބާވުލްވްސް އާއި ބޮސްޓަން ސެލްޓިކްސް ބައްދަލުކުރި މެޗު 114 ޕޮއިންޓް 109 ޕޮއިންޓުން ޓިމްބާވުލްވްސް ކާމިޔާބުކުރިއިރު ހިއުސްޓަން ރޮކެޓްސް އާއި ސެކްރެމެންޓޯ ކިންގްސް ބައްދަލުކުރި މެޗު 122 ޕޮއިންޓް 97 ޕޮއިންޓުން ކާމިޔާބުކުރީ ރޮކެޓްސްއެވެ. އަދި، ޝިކާގޯ ބުލްސް އާއި ޔޫޓާ ޖޭޒް ބައްދަލުކުރި މެޗު 130 ޕޮއިންޓް 113 ޕޮއިންޓުން ކާމިޔާބުކުރީ ބުލްސްއެވެ.