07 Nov 2023, 21:51
ޓްރީ ޓޮޕް ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް އެއްމާބަނޑު ބަލިވެ އިނުމަކުން ދެ ކުދިން ދެ ވަގުތެއްގައި ވިހެއުމުގެ ޕްރޮސީޖަރެއް ކަމަށްވާ އެސިންކްރޮނަސް ޓްވިން ޑެލިވަރީ (އޭޓީޑީ) ކާމިޔާބުކަމާ އެކު ފުރިހަމަ ކޮށްފިއެވެ.
އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ މިއީ ވަރަށް މަދު ހާލަތެއްގައި ދިމާވާ ކަމަކަށް ވުމުން، ދިމާވެދާނެ ހާލަތްތައް އަވަހަށް ދެނެގަތުމުގެ ގޮތުން މައިމީހާއަށް ފަރުވާ ފޯރުކޮށްދިނުމަށް މުހިންމު އިސްކަމެއް ދީފައިވާނެ ކަމަށެވެ.
މި ޕްރޮސީޖާ ކާމިޔާބު ކުރުމަށް ހޮޕިޓަލުގެ ޑޮކްޓަރުންގެ ޓީމުން ވަނީ ސްވިފްޓް އެމަޖެންސީ ސިޒޭރިއަނެއް ފުރިހަމަ ކޮށްފައެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ މި ޕްރޮސީޖާ ނިންމައިލީ ބަލިވެ އިނުމުގެ މަރުހަލާތަކަށް ފަރުވާތެރިކަމާ އެކު ގަވާއިދުން ބަލައިގެން ކަމަށެވެ. އަދި، މިއީ ތަފާތު ރިސްކު އެކުލެވިގެންވާ ޕްރޮސީޖަރެއް ކަމުން މައިމީހާއަށާއި ދަރިފުޅަށް ޑޮކްޓަރުންގެ ޓީމުގެ ހާއްސަ ސަމާލުކަމެއް ދީފައިވާނެ ކަމަށެވެ.
ތުއްތު ދަރިފުޅަށް ފަރުވާ ދީފައިވަނީ ހޮސްޕިޓަލުގެ ގާބިލު ކުޑަކުދިންގެ ޑޮކްޓަރުންނެވެ. ތުއްތު ދަރިފުޅު ދުޅަހެޔޮ ސިއްހަތެއްގައި ގެޔަށް ދޫކޮށްލާފައިވަނީ ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ)ގައި އެންމެ އެކަށޭނަ ފަރުވާ ދިނުމަށް ފަހުގައެވެ.
މި ޕްރޮސީޖާ ކާމިޔާބު ކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އޯބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީގެ ކޮންސަލްޓަންޓް ޑރ. މާރިއާ ކްރިސްޓީނާ އަލްމޮންޓޭ އާއި އޭނާގެ ޓީމާ އެކު ނިއޯނެޓޮލޮޖިސްޓުން ކަމުގައިވާ ޑރ.އިންގްރިޑް، ޑރ. ބިޕިން، ޑރ. މުސްތަފާ އަދި ކުޑަކުދިންގެ ޑޮކްޓަރުން ކަމުގައިވާ ޑރ. އެލެސަންދްރާ އަދި ޑރ. ސުބިންއެވެ.
މި ޕްރޮސީޖާ ކާމިޔާބުކަމާ އެކު ނިންމައިލެވުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބިގެން ދިޔަ ޝަރަފުވެރި ކުރިއެރުމެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އެހެންކަމުން ހިދުމަތް ހޯދަން ދާ ކޮންމެ މެހެމާނަކަށް ހާއްސަކޮށް މާބަނޑު އަންހެނުނަށް ބޭނުންވާ ފަރުވާ އެންމެ ފުރިހަމައަށް ފޯރުކޮށްދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.