މިދިޔަ އަހަރު ވަޒީފާ އިން ވަކިކުރި ކަސްޓަމްސްގެ އޮފިސަރަކަށް އަލުން ވަޒީފާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.

ވަޒީފާއާ ބެހޭ ޓަރައިބިއުނަލުން އެގޮތަށް އަމުރުކުރީ ކަސްޓަމްސް އޮފިސާ 2ގެ މަގާމުން ހ. ބަރަބޯމާގޭ، އިސްމާއިލް ރިމާހު މިދިޔަ އަހަރުގެ އޭޕްރީލް މަހު ވަޒީފާ އިން ވަކިކުރުމުން އޭނާ ސިވިލް ސާވިސް ކޮމިޝަނާ ދެކޮޅަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ޓްރައިބިއުނަލްގެ ނިންމުމުގައި ބުނަނީ އޭނާގެ ވަޒީފާ، ހުކުމް ކުރި ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި، ހަމަޖައްސައި ޓްރައިބިއުނަލަށް އަންގަން ޖެހޭނެ ކަމަށް ވެސް އަމުރުކޮށްފައިވެ އެވެ.

އިސްމާއީލު ރިމާހު ކަސްޓަމްސް އިން ވަޒީފާ އިން ވަކިކުރީ ކީއްވެގެން ކަން ވަނީ ސާފުކުރެވޭ ގޮތް ނުވެފަ އެވެ.
ޓްރައިބިއުނަލްގެ ނިންމުމުގައި ބުނަނީ އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށް ސާބިތުކޮށް ދިނުމުގެ ގޮތުން ސިވިލް ސާވިސް ކޮމިޝަނަށް އެއްވެސް ހެއްކެއް ގަރީނާއެއް ހުށަހެޅިފައި ނުވާ ކަމަށެވެ.
އެހެންކަމުން އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފަށް ކަމަށް މައްސަލަ ބެލި މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައި ކަސްޓަމްސްގެ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު ކަސްޓަމްސްގައި ސިވިލްސާވިސްގެ ވަޒީފާގައި ތިބި އެހެން މުވައްޒަފުންނެކޭ އެއްފަދަ އިން އޭނާގެ ވަޒީފާ ވެސް ބަދަލުވެގެން ދާންޖެހޭނެ ކަމަށް ވެސް ޓްރައިބިއުނަލްގެ ނިންމުމުގައިވެ އެވެ.