08 Nov 2023, 11:22
އިންޑިއާގައި މިހާރު ކުރިއަށްދާ އައި.ސީ.ސީ. ކްރިކެޓް ވޯލްޑް ކަޕްގައި ބަންގްލަދޭޝް އާއި ސްރީލަންކާ ބައްދަލުކުރި މެޗް ބަންގްލަދޭޝް ކާމިޔާބުކޮށްފިއެވެ.
އިންޑިއާގެ ވެރިރަށް ދިއްލީގައި ކުޅުނު މި މެޗް ބަންގްލަދޭޝް ކާމިޔާބު ކޮށްފައި ވަނީ ތިން ވިކެޓުންނެވެ. މި މެޗްގެ ޓޮސް ދިމާވުމުން ބަންގްލަދޭޝްއިން ނިންމީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ.
މި ގޮތުން ސްރީލަންކާއިން އެންމެ ފުރަތަމަ ކުޅެން އަރާ 49 އޯވަރު ތިން ބޯޅައަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 279 ލަނޑެވެ. ސްރީލަންކާއަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 108 ލަނޑު ހަދައިދިން ޗަރިތު އަސަލަންކާއެވެ. މީގެ އިތުރުން ޕަތުމް ނިސާންކަ އާއި ސަދީރާ ސަމަރަވިކްރަމައިން ކުރެ ކޮންމެ ކުޅުންތެރިޔަކުވަނީ 41 ލަނޑު ހަދައިދީފައެވެ.
މި އީނިންގްސްގައި އެންމެ ފާހަގަ ކޮށްލެވޭ އަދި ހައިރާން ކުރުވަނިވި ކަމަކަށް ވެގެންދިޔައީ ސްރީލަންކާއިން ހަތް ވަނައަށް ކުޅެން އެރި އެންޖެލޯ މެތިއުސް ޓައިމް އައުޓް ވެގެން ފައިބަން ޖެހުނު ޖެހުމެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅުންތެރިއެއް ނުބައިވުމުން ދެން އިންނަ ކުޅުންތެރިޔާ ދަނޑަށްއަރާ ކުޅެން ތައްޔާރުވާން ދީފައިވަނީ ދެ މިނެޓްގެ ވަގުތެކެވެ. ނަމަވެސް މެތިއުސް ތައްޔާރުވެ ދަނޑަށް އަރާ ބޯޅައަށް ތައްޔާރުވެ ހެލްމެޓްގެ ވާގަނޑު ބާރުކޮށްލިވަގުތު ވާގަނޑު ކަނޑައިގެންދިއުމާއެކު އޭނާ ހެލްމެޓް ބަދަލުކުރަން އިތުރު ވަގުތަށް އެދުނު ނަމަވެސް ބަންގްލަދޭޝްގެ ކެޕްޓަން ޝަކީބް އަލް ހަސަން ވަނީ އެކަމަށް އަމްޕަޔަރު ކައިރީ އެޕީލް ކޮށްފައެވެ. އަދި މެތިއުސް އެދުމުންވެސް ޝަކީބް ވަނީ އޭނާގެ ނިންމުން ބަދަލު ކުރަން ބޭނުން ނުވާކަމަށް ބުނެފައެވެ. ނަތީޖާއަކަށް ވެގެންދިޔައީ ޓައިމް އައުޓްވެ އޭނާ ދަނޑުން ފޭބުމެވެ. މިއާއެކު އޭނާ ވެފައިވަނީ ބައިނަލްއަޤްވާމީ ކްރިކެޓް މެޗެއްގައި ޓައިމް އައުޓްވި ފުރަތަމަ ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ.
މި އީނިންގްސްގައި ސްރީލަންކާ ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ 10 އޯވަރު 80 ލަނޑަށް ތިން ވިކެޓް ނަގައިދިން ތަންޒީމް ހަސަންއެވެ. އަދި ޝަކީބް އާއި ޝޮރީފުލް އިސްލާމްއިން ކުރެ ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ވިކެޓް ނަގައިދީފައެވެ.
ޖަވާބުގައި ބަންގްލަދޭޝްއިން ކުޅެން އަރާ 41 އޯވަރު އެއް ބޯޅައަށް ހަތް ކުޅުންތެރިން ނުބައިވެގެން 282 ލަނޑު ހަދާ މެޗް ކާމިޔާބު ކުރިއެވެ. އެ ޓީމަށް އެންމެ ރަނގަޅަށް ކުޅުނީ 90 ލަނޑު ހަދާދިން ހޮސެއިން ޝަންޓޯއެވެ. އަދި ޝަކީބް ވަނީ 80 ލަނދު ހަދައިދީފައެވެ. ސްރީލަންކާ ޓީމަށް މި އީނިންގްސްގައި އެންމެ ރަނގަޅަށް އުކައިފާ ވަނީ 10 އޯވަރު 69 ލަނޑަށް ދެވިކެޓް ނަގައިދިން ދިލްޝާން މަދުޝަންކާއެވެ.
މި ކާމިޔާބީއާއެކު ބަންގްލަދޭޝްއަށް އަށް މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު ސްރީލަންކާއަށް ވެސް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އެހެން ކަމުން މި ދެ ޓީމަށްވެސް ސެމީފައިނަލްގެ ޖާގައެއް ހޯދުމުގެ ފުރުސަތެއް މިހާރު ނެތެވެ.