07 Nov 2023, 16:56
ސަރުކާރުން މިހާރު ކުރިއަށް ގެންދާ މަޝްރޫއުތައް ނިންމަން ކޮންޓްރެކްޓަރުންނަށް ދީފައިވާ މުއްދަތު އިތުރު ހަ މަސް ދުވަހަށް ދަންމައިލަން ސަރުކާރުން މިއަދު ނިންމައިފިއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއި ކުރައްވައި މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ، ކޮންޓްރެކްޓަރުންނަށް ދިމާވެފައިވާ އެކިއެކި ދަތިތައް ހައްލު ކުރުމަށް، 2020 ވަނަ އަހަރު ކޮވިޑުގެ ހާލަތު އިއުލާނު ކުރެވުނު ފަހުން އަދި، މި އަހަރުގެ މޭ މަހުގެ 30 ގެ ކުރިން ސޮއިކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން މިހާރު ވެސް ކުރިއަށްދާ މަޝްރޫއުތަކަށް އިތުރު ހަ މަސް ދުވަސް އިތުރު ކޮށްދޭން ސަރުކާރުގެ އިކޮނަމިކް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
އެކަމަކު، މުއްދަތު އިތުރު ކޮށްދޭނީ މުއްދަތު އިތުރު ކޮށްދިނުމަށް އެދި ހުށަހަޅައި ކުންފުނިތަކަށް އެކަންޏެވެ.
އެހެންވެ، ޕީއެސްއައިޕީ މަޝްރޫއުތަކުގައި ބައިވެރިވެފައިވާ ކުންފުނިތަކުން މުއްދަތު ހަ މަސް ދުވަހަށް ވުރެ އިތުރު ނުވާ ގޮތަށް، މި މަހު 16 ގެ ކުރިން މުއްދަތު އިތުރު ކުރަން އެދެން ވަނީ އަންގައިފައެވެ. މުއްދަތު އިތުރު ކޮށްދޭން އެދެން ޖެހޭނީ މަޝްރޫއު ކުރިއަށް ގެންދާ އޮފީހެއްގައެވެ.
އަދި، މުއްދަތު އިތުރު ކޮށްދޭން އެދޭ ކުންފުނިތަކާ އެކު ވެފައިވާ އެއްބަސްވުން މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތަށް ބަދަލު ކޮށްދޭން މިނިސްޓްރީން ވަނީ އެދިފައެވެ.