ވޮޝިންގޓަން (މޭ 18): އެމެރިކާގެ ހައުސް އޮޮފް ރެޕްރެޒެންޓެޓިވް އިން އެޤައުމުގެ ދިފާއީ ބަޖެޓް ފާސްކޮށްފި އެވެ. އިދިކޮޅު ރިޕަބްލިކަން ޕާޓީގެ އަޣްލަބިއްޔަތުއޮންނަ ހައުސް އޮޮފް ރެޕްރެޒެންޓެޓިވް އިން ދިފާޢީ ބަޖެޓް ފާސްކުރީ ރައީސް ބަރަކް އޮމާބާގެ ސަރުކާރުން ހުށަހެޅުއްވި ގޮތާ ޚިލާފަށް އެއަށް ބަދަލުތަކެއް ގެނައުމަށްފަހުގަ އެވެ.

މީގެތެރޭގައި ޕެންޓަގަންގެ މަދަނީ ބޭނުންތަކަށް ހުރި ފައިސާގެ ތެރެއިން ބޮޑުބައެއް ހަނގުރާމައިގެ ބަޖެޓަށް ބަދަލުކުރުން ފަދަ އެތަށްކަމެއް ހިމެނެ އެވެ. މިބަދަލުތަކާ ގުޅިގެން ރައީސް ބަރަކް އޮބާމާ ވަނީ ހައުސް އޮޮފް ރެޕްރެޒެންޓެޓިވް އިން ފާސްކުރި މިބަޖެޓް ތަސްދީޤު ނުކުރައްވާނެކަމުގެ ބިރުވެސް ދައްކަވާފަ އެވެ. ހައުސް އޮޮފް ރެޕްރެޒެންޓެޓިވް އިން ފާސްކުރި އެމެރިކާގެ ދިފާޢީ ބަޖެޓަކީ 643 ބިލިޔަން އެމެރިކާ ޑޮަލަރުގެ ބަޖެޓެކެވެ.

އެމެރިކާގެ ދިފާޢީ ބަޖެޓަކީ މުޅިދުނިޔޭގައި ވެސް އެންމެ ބޮޑު ދިފާޢީ ބަޖެޓެވެ. ދިފާޢީ ބަޖެޓްގައި ހިމެނޭ ހަނގުރާމައިގެ ޚަރަދުތައް ކުޑަކުރުމަށް އޮބާމާ ކުރެއްވި މަސައްކަތަށް އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެންބަރުން ވަނީ ހުރަސްއަޅުއްވާފަ އެވެ. ބަޖެޓްގައި އަފްޣާނިސްތާނުގައި އެމެރިކާ ކުރަމުންގެންދާ ހަނގުރާމަ އަށް 5.8 ބިލިޔަން ޑޮލަރު އެކަށައަޅާފައިވެ އެވެ. އަދި އީރާނަށް ޙަމަލާދޭންޖެހިއްޖެ ނަމަ އެކަމަށް ބޭނުންވާ ޚަރަދު ވެސް ހިމަނާފައިވެ އެވެ. މިއީ މިފަދަ ޚަރަދެއް އެމެރިކާގެ ބަޖެޓްގައި ހިމެނި ފުރަތަމަ ފަހަަރެވެ.

އެމެރިކާގެ މިބަޖެޓުން އެމެރިކާ ގެންގުޅޭ ހަނގުރާމައާއި ތަޅާފޮޅުމާ އަދި އެހެން ޤައުމުތަކަށް އަރައިގަތުމުގެ ހަރުކަށި ވިސްނުން އަދިވެސް އެޤައުމު ދޫނުކުރާކަން ހާމަވާކަމަށް ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ. އޮބާމާގެ ވެރިކަމުގެ އެމެރިކާގެ ހަރުކަށިކަން ތަންކޮޅެއް ކުޑަވިނަމަވެސް އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް މިޓްރުމްނީ އެމެރިކާގެ ރިޔާސީ ރޭސް ކާމިޔާބުކުރައްވައިފި ނަމަ ދުނިޔޭގެކަންކޮޅުތަކުގައި އަނެއްކާ ވެސް އެމެރިކާ ހަނގުރާމަތަކެއް ފަށާނެކަމުގެ ބިރާ ކުރިމަތިވާނެ ކަމަށްވަނީ ބެލެވިފަ އެވެ. (ނޫސްއެޖެންސީތައް)