07 Nov 2023, 21:21
އަންހެން ޓެނިސް ކުޅުންތެރިންގެ ސީޒަން ނިންމާ މުބާރާތް ކަމަށްވާ ޑަބްލިޔުޓީއޭ ފައިނަލްސް ޕޯލަންޑްގެ އީގާ ޝްވަޓެކް ކާމިޔާބުކޮށްފިއެވެ.
މެކްސިކޯގެ ރިޒޯޓް ރަށެއް ކަމަށްވާ ކަންކޫންގައި ބޭއްވި މި މުބާރާތް ޝްވަޓެކް ކާމިޔާބުކޮށްފައިވަނީ ފައިނަލްގައި އެމެރިކާގެ ޖެސިކާ ޕެގުލާއާއި ބައްދަލުކޮށް ސީދާ ދެ ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މެޗު ޝްވަޓެކް ކާމިޔާބުކޮށްފައިވަނީ ވަރަށް ފަސޭހަކަމާ އެކު ހައެއް އެކެއް އަދި ހައެއް ސުމަކުންނެވެ.
މެޗުގައި އުމުރުން 22 އަހަރުގެ ޝްވަޓެކްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު ޕެގުލާއަށް މުޅި މެޗުގައި ވެސް ފެނިގެންދިޔައީ ހަމަޖެހިނުލެވި ދިޔަ ތަނެވެ.
ޖުމުލަ 59 މިނެޓްގެ ތެރޭގައި ނިމިގެންދިޔަ މި ފައިނަލް މެޗާ އެކު ޝްވަޓެކް ވަނީ ފުރަތަމަ ފަހަރަށް ޑަބްލިޔުޓީއޭ ފައިނަލްސް ކާމިޔާބުކޮށްފައެވެ. އަދި، ޝްވަޓެކް ވެފައިވަނީ 2011 ވަނަ އަހަރު ޕެޓްރާ ކްވިޓޯވާ މި މުބާރާތް ކާމިޔާބުކުރި ފަހުން މުބާރާތް ކާމިޔަ ބުކުރާ އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. ކްވިޓޯވާ އެ ފަހަރު މުބާރާތް ކާމިޔާބުކުރިއިރު އުމުރަކީ 21 އަހަރެވެ.
މި ކާމިޔާބީއާ އެކު ބެލަރޫސްގެ އަރީނާ ސަބަލެންކާ ފަހަތަށް ޖައްސާލާ އަނެއްކާ ވެސް ދުނިޔޭގެ ރޭންކިންގެ އެއްވަނަ މަގާމަށް ޝްވަޓެކް ވަނީ އަރައިފައެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޝްވަޓެކްވަނީ އޭނާގެ މުޅި ޓީމަށް ޝުކުރު އަދާކޮށްފައެވެ. އަދި، އޭނާގެ މުޅި ޓީމަށް ގިނަ ކާމިޔާބީއާއި ނާކާމިޔާބީއާ އެކުގައި ކުރިމަތިލެވިފައިވާ ކަމަށާއި މިގޮތުން މި ކާމިޔާބީއާއި އިތުރު ގިނަ ކާމިޔާބީތައް ކުރިއަށް އޮތް ތާނގާ ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމުގައި ޝްވަޓެކް ބުންޏެވެ.
މިދިޔަ އަހަރު 37 މެޗުން ޖެހިޖެހިގެން މޮޅުވެ ހަ ތަށި ކާމިޔާބުކުރި ޝްވަޓެކް ބުނީ މިދިޔަ އަހަރަކީ އޭނާއަށް ވަރަށް ކާމިޔާބު އަހަރެއް ކަމަށާއި އެ ކާމިޔާބީ އަލުން ތަކުރާރު ކުރެވިދާނެކަމަށް ގަބޫލު ނުކުރާ ކަމަށެވެ.