އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމުތައް ހިންގައި އެމެރިކާއާއި ޔޫރަޕްގެ އެހީގައި ޣައްޒާގެ އަންހެނުންނާއި ކުޑަކުދިންގެ ނަސްލު ނައްތައިލުމުގެ މަސައްކަތް މެކުހަށް ޖަހާފައިވީ ނަމަވެސް އަސީރުން މިނިވަންކުރުމަށްޓަކައި އިސްރާއީލުގެ ޖަލުތަކުގައިވާ ފަލަސްތީނު މީހުން ދޫކޮށްލުން ނޫން އެހެން ގޮތެއް އިސްރާއީލަށް ނޯންނާނެކަން މި ދަނީ ވަރަށް ބޮޑަށް ހާމަވަމުންނެވެ.

ހަމާސްއާ އެކު އިސްރާއީލާ ދެކޮޅަށް ޖިހާދުކުރާ އިސްލާމިކް ޖިހާދު ޖަމާއަތުގެ އަމީންއާންމުގެ ނައިބު ޑރ. މުހައްމަދުލް ހުނައިދީ އަލްޖަޒީރާއަށް ދެއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި އެމެރިކާއާއި ޔޫރަޕްގެ އެހީގައި އިސްރާއީލުން ކިތަންމެ ވަރަކަށް އިންސާނީ ހައްގުތަކަށް އަރައިގަނެ ގަތުލުއާންމުތައް ހިންގި ނަމަވެސް ދުނިޔޭގެ ޒަމީރާއި ދުނިޔޭގެ އާންމުންގެ ތާއީދު އޮތީ ފަލަސްތީނަށެވެ. އިސްރާއީލުގެ ފަހަތުގައި އޮތީ ހަމައެކަނި ހުޅަނގުގެ އަނިޔާވެރި އިސްތިއުމާރީ ބާރުތައް ކަމަށްވާ އެމެރިކާއާއި ޔޫރަޕެވެ.

އެމެރިކާއާއި ޔޫރަޕުގެ ގިނަ ބަޔަކަށް އިސްރާއީލުގެ ހަގީގަތް މިހާރު ވަނީ ވަރަށް ބޮޑަށް އެނގިފައެވެ. އެހެންކަމުން ހުޅަނގުގެ އާންމުންގެ ގިނަ ބަޔަކު މިހާރު ތިބީ ފަލަސްތީނު ރައްޔިތުންނާ އެކުގައި ކަމަށާއި ހުޅަނގަށް ޔަހޫދީން ފޯރުވާ ބާރާއި ނުފޫޒު ދެން ދާނީ ކުޑަވަމުން ކަމަށް ޑރ. ހުނައިދީ ވިދާޅުވިއެވެ.

އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުގައި ކުރާ މުޒާހަރާތަކުގެ ތެރެއިން --

ޑރ. ހުނައިދީ ވިދާޅުވި ގޮތުގައި ފަލަސްތީނުގެ މައްސަލައިގެ ހަގީގަތް ހުޅަނގުގެ އާންމުންގެ ގިނަ ބަޔަކަށް އެނގުނީ އިސްރާއީލުގެ މި އަނިޔާވެރިކަމުގެ ސަބަބުންނެވެ. އަނެއްކޮޅުން އަނިޔާ ލިބޭ ފަލަސްތީނު ރައްޔިތުންގެ ވޭންތަކާއި ކެކުޅުންތަކާއި އެ މީހުންގެ ކެތްތެރިކަމުގެ ސަބަބުން ކަމުގެ ހަގީގަތް ހޯދުމަށް ހުޅަނގުގެ އާންމުން މަސައްކަތް ކުރަމުން ގެންދާތީއެވެ. ޔަހޫދީންގެ ޕްރޮޕަގެންޑާތައް އެއްފަރާތްކޮށް ހަގީގަތް ހޯދުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ސަބަބުންނެވެ.

އިސްރާއީލަކީ ފަލަސްތީނަށް ވެރިވެގަނެގެން އުޅޭ އިސްތިއުމާރީ ބާރެއްކަމާއި ފަލަސްތީނުގެ ރައްޔިތުންނަކީ އިސްރާއީލުގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް ވެފައިވާތާ 75 އަހަރުވެފައިވާ ނިކަމެތި ބައެއްކަމުގެ ހަގީގަތް ހުޅަނގުގެ އާންމުންނަށް އެނގުމަކީ އެތައް ސަތޭކަ ބިލިޔަން ޑޮލަރުން ވެސް ފަލަސްތީނަށް ހާސިލް ނުކުރެވޭވަރުގެ އަގުބޮޑު އެއްޗެކެވެ.

އިސްރާއީލަށް ގެއްލިގެން މި ދިޔައީ ޒަމާނުއްސުރެ އިސްރާޢީލާއި ޔަހޫދީ ޒަޔަނިސްޓުން ހުޅަނގުގައި ބިނާކުރި މަކަރާއި ހީލަތާއި އޮޅުވާލުމުގެ ފާރެވެ. ޣައްޒާގެ އުދުވާނާ އެކު އިސްރާއީލަށާއި ޒަޔަނިސްޓް ޔަހޫދީންނަށް ގެއްލިގެން މި ދިޔައީ އެ މީހުންނަށް އެތައް ސަތޭކަ ބިލިޔަން ޑޮލަރުން ވެސް އަގު ނުކުރެވޭނެ އެއްޗެއްކަން ޑރ. ހުނައިދީ ފާހަގަ ކުރެއްވިއެވެ.

ޣައްޒާގެ ހަނގުރާމައަށް އެއް މަސް ވެފައިވާއިރު އިސްރާއީލުން ހިންގަނީ ޣައްޒާގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކެކެވެ.

މި ޖަރީމާތަކުގައި ފަލަސްތީނުގެ 10،000 އަށްވުރެ ގިނައާންމުން ޝަހީދުކޮށްލައި 33،000 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށް 2،000 އަށް ވުރެ ގިނަ މީހުން އިމާރާތްތަކުގެ ދަށުވެފައި ތިބި ނަމަވެސް ފަލަސްތީނު ރައްޔިތުންގެ މިނިވަންކަމުގެ ރޫހާއި މިނިވަންކަމަށް ކުރާ މަސައްކަތް ހުއްޓުވައި އެ މީހުން މާޔޫސްކޮށްލުމުގައި އިސްރާއީލު ވަނީ މުޅިން ނާކާމިޔާބުވެފައެވެ.

ދުނިޔޭގެ ގައުމުތަކުގެ އާންމު ރައްޔިތުން އިސްރާއީލުގެ ބޮޑުވަޒީރު ސިފަ ކުރާގޮތް

އެވްރެޖްކޮށް މުޖާހިދުންގެ އަތްދަށުން ރެއަކާއި ދުވާލެއްގެ މައްޗަށް އިސްރާއީލު ސިފައިންގެ ފަސް މީހަކު މަރައިލެވޭ ކަމަށާއި މިއީ އިސްރާއީލަށް މާ ގިނަ ދުވަހު ތަހައްމަލު ކުރެވޭނެ ކަމެއް ނޫންކަން ހުނައިދީ ފާހަގަ ކުރެއްވިއެވެ. އަނެއްކޮޅުން އިސްރާއީލުގެ އެތައް ހަތިޔާރުތަކެއް ކޮންމެ ދުވަހަކު މުޖާހިދުންގެ ހަމަލާތަކުގައި ހަލާކު ކޮށްލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމާސްއިން ޣައްޒާގެ އަޑީގައި 500 ވަރަކަށް ކިލޯމީޓަރުގެ ބިންގަރާސްތައް ހަދާފައިވާއިރު އެ ތަންތަނުން ވަދެ ނުކުމެ އިސްރާއީލު ސިފައިންނަށް ހަމަލާދިނުމަށް އެތައް ހާސް ދޮރުތަކެއް (ލޯވަޅުތަކެއް) ހަދާފައިވެއެވެ. ބިންގަރާސްތަކުގައި ދެ އަހަރު ދުވަހު ހަނގުރާމަ ކުރެވޭވަރަށް ހަތިޔާރާއި ކާބޯތަކެއްޗާއި ތެލާއި ބޭސް ރައްކާކޮށްފައި އެބަހުއްޓެވެ. ޖުމުލަ 40،000 އާއި 50،000 އާ ދެމެދުގެ އަދަދެއްގެ ޒުވާން މުޖާހިދުން (ވަރަށް ވަރުގަދަ ތަމުރީން ހަދާފައި) ބިން ގަރާސްތަކުގައި މިނިވަންކަމުގެ ރޫހާއި ޖޯޝުގައި އެބަ ތިއްބެވެ.

މިދިޔަ މަހުގެ ހަތްވަނަ ދުވަހު ހަމާސްގެ މުޖާހިދުން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގައި އިސްރާއީލުގެ 1،600 އަށްވުރެ ގިނަ މީހުން މަރާލާފައިވާއިރު އިސްރާއީލުގެ 260 ވަރަކަށް މީހުން ވަނީ ހަމާސްގެ އަތްދަށުގައި އަސީރުންގެ ގޮތުގައި ހައްޔަރުވެފައެވެ. މި ހަމަލާތަކާ އެކު އިސްރާއީލަކީ ބަލިކަށި ގައުމެއް ކަމާއި އިސްރާއީލަކީ އެ ގައުމުން އަޑުއަރުވާފަދަ ބާރުގަދަ ގައުމެއް ނޫން ކަމާއި އިސްރާއީލުގެ ޖާސޫސީ އިދާރާއަކީ ވެސް އެހާ މޮޅު އެހާ ގާބިލު އިދާރާއެއް ނޫންކަން ވަނީ ދުނިޔެއަށް ހާމަވެފައެވެ.

އިސްރާއީލުން ހިންގާ ނަސްލު ނައްތާލުމުގެ ޝިކާރައަކަށްވާ ފަލަސްތީނުގެ ކުޑަކުދިން --

މިދިޔަ އޮކްޓޯބަރު މަހު ފެށުނު ޣައްޒާގެ ހަނގުރާމައިގާ މިހާތަނަށް އިސްރާއީލު ސިފައިންގެ 345 ވަރަކަށް މީހުން މުޖާހިދުންގެ އަތްދަށުން މަރުވެފައިވާއިރު 5،000 އަށް ވުރެ ގިނަ ސިފައިން ވަނީ ޒަޚަމްވެފައެވެ. މި 345 ސިފައިންގެ ތެރެއިން 30 ވަރަކަށް މީހުންނަކީ މިދިޔަ ހަފުތާގައި އިސްރާއީލު ސިފައިން ހަމާސްއާ ދެކޮޅަށް ފެށި އެއްގަމު ހަނގުރާމައިގާ މަރުވި ސިފައިންނެވެ.

މި ހުރިހާ ސިފައިން މަރުވެފައިވާއިރު ހަމާސްއިން އަސީރުކޮށްގެން އުޅޭ އިސްރާއީލުގެ އެކަކު މިނިވަންކުރުމުގައި ވެސް އިސްރާއީލު ނާކާމިޔާބުވެފައިވުމަކީ އަސީރުން މިނިވަން ކުރުމުގައި އިސްރާއީލުގެ މަގުސަދު އެއްވެސް ވަރަކަށް ހާސިލްނުވާކަމުގެ ހެއްކެކެވެ.

ޑރ. ހުނައިދީ ވިދާޅުވި ގޮތުގައި އިސްރާއީލަށް ކުރެވޭ ކަމަކީ ޣައްޒާގެ ހަތިޔާރު ނެތް އާންމުންގެ ބޮލަށް ބޮންއަޅައި އާންމުން މެރުމެވެ. ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އާންމުންގެ ގެދޮރަށް ބޮންއަޅައި އާންމުން މެރުމެވެ. މިއީ ހަމާސްގެ ކުއްލި ހަމަލާތަކުގައި އިސްރާއީލު އަސްކަރީ ގޮތުން ބަލިކަށިވެ ބޭޒާރުވުމުން އިސްރާއީލަކީ ބާރުގަދަ ގައުމެއްކަން ދައްކަން އިސްރާއީލާއި އެމެރިކާ ގުޅިގެން އެމެރިކާގެ އެހީގައި ހިންގާ ގަތުލުއާންމުތަކެއް ކަމަށާއި ނަމަވެސް ހަތިޔާރު އެޅި ބަޔަކާ ކުރިމަތިލައިފި ނަމަ އިސްރާއީލު ވަނީ ބަލިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އާންމުންގެ ގެދޮރާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކަށް ބޮންއަޅައި އެ ތަންތަން ހަލާކޮށް އަންހެނުންނާއި ކުޑަކުުދިން މަރައި އެ މީހުންގެ ނަސްލު ނައްތާލައިގެން އިސްރާއީލުގެ އަނިޔާވެރިކަން ދުނިޔެއަށް ހާމަވެގެންދާކަން ހުނައިދީ ފާހަގަ ކުރެއްވިއެވެ. އިސްރާއީލު ހިންގާ ގަތުލުއާންމުތަކުގެ ސަބަބުން ފަލަސްތީނުގެ އާންމުންގެ 10،000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިގެން ދިޔަ ނަމަވެސް މި ކަމުގެ ސަބަބުން ފަލަސްތީނު މައްސަލައިގެ ހަގީގަތް އެމެރިކާއާއި ޔޫރަޕްގެ އާންމުންނަށް އެނގިގެން ހިނގައްޖެކަން ހުނައިދީ ފާހަގަ ކުރެއްވިއެވެ.

މިގޮތުން އިސްރާއީލަކީ އަނިޔާވެރި އެންޓިޓީއެއްކަން ހުޅަނގުގެ އާންމުންނަށް އެނގި ހައްގުގައި ތިބީ ފަލަސްތީނު މީހުން ކަމާއި ފަލަސްތީނު ރައްޔިތުންނަކީ އެ މީހުންގެ ގައުމު މިނިވަންކަމަށް މަސައްކަތް ކުރާ ބައެއް ކަމާއި އެއީ އިސްރާއީލު ބުނާ ފަދަ ޓެރަރިސްޓުން ނޫން ކަމަށް ހުޅަނގުގެ އާންމުންނަށް އެނގި ޔަހޫދީ ޒަޔަނިސްޓުން ޒަމާނުއްސުރެ ހުޅަނގުގައި ބިނާކޮށްފައިވާ ދޮގާއި މަކަރާއި އޮޅުވާލުމުގެ ފާރު ފުނޑުފުނޑުވެގެން ހިނގައްޖެ ކަމަށާއި މިއީ ފަލަސްތީނުގެ ހައްގުތަކަށާއި މިނިވަންކަމަށް ލިބުނު އާދަޔާ ޚިލާފު ކާމިޔާބީއެއް ކަމަށް ޑރ. ހުނައިދީ ވިދާޅުވިއެވެ.

ޙަމާސްގެ އަތްދަށުގައިވި އިސްރާއީލު ސިފައިން ---

ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތަކުގެ ސަބަބުން އިސްރާއީލަކީ މުޖުރިމު ގައުމެއް ކަމާއި އިސްރާއީލުގެ ދިފާއުގައި މަސައްކަތް ކުރާ އެމެރިކާއާއި ޔޫރަޕްގެ ބާރުތަކަކީ އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމުގެ ކަންފުޅެއް ވެސް ނެތް ގައުުމުތަކެއް ކަމާއި އިންސާނީ ހައްގުތަކުގެ ވާހަކަތަކަކީ ހުޅަނގުން ސިޔާސީ ބޭނުމެއްގައި ދައްކާ އަސާސެއްނެތް ބިލާހެއްކަން ދުނިޔެއަށް ހާމަވެފައިވާ ކަމަށް ވެސް ޑރ. ހުނައިދީ ވިދާޅުވިއެވެ.

މި ހަފުތާގެ ބަންދުގައި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ މަގުތަކާއި މައިދާންތައް ވަނީ އިސްރާއީލާ އިދިކޮޅު އަދި ފަލަސްތީނުގެ ހައްގުތަކަށް ގޮވާލައި އިސްރާއީލަކީ ކުށްވެރި އަދި ގަތުލުއާންމު ހިންގާ ނުބައި ގައުމެއްކަން ސިފަކުރާ އެތައް މިލިޔަން ބައެއްގެ މުޒާހަރާތަކުން ފުރާލައިފައެވެ.

މި މުޒާހަރާތަކަކީ އެ ގައުމުތަކުގެ ރައްޔިތުންގެ މުޒާހަރާތަކެކެވެ. އެމެރިކާގެ ޔަހޫދީން މިއަދު ވަނީ އެމެރިކާގެ ނިއުޔޯކްގެ ސްޓެޗޫ އޮފް ލިބަޓީ ހުންނަ ސަރަހައްދު ފުރާލައި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލައި ޣައްޒާގެ އާންމުން މެރުން ހުއްޓާލުމަށް ގޮވާލައިފައެވެ.

އެމެރިކާގެ އާންމުން މިހާރު ގެންދަނީ އިސްރާއީލާ އަދި އިސްރާއީލުގެ ޖަރީމާތަކަށް ވާގިވެރިވާ އެމެރިކާ ސަރުކާރާ ދެކޮޅަށް ހަތަރު މިލިޔަން މީހުންގެ މުޒާހަރާއެއް މި ހަފުތާގެ ބަންދުގައި ވޮޝިންޓަންއާއި ނިޔުޔޯކްގައި ބޭއްވުމަށް ތައްޔާރުވަމުންނެވެ.

ހަމާސްއިން ވަނީ އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ އެތައް ހާސް ބަޔަކު މިނިވަން ކުރާ ގޮތަށް އެ ޖަމާއަތުގެ އަތްދަށުގައި ހައްޔަރުވެފައިވާ އަސީރުން މިނިވަންކުރަން ތައްޔާރަށް އޮތްކަން އެތައް ފަހަރަކު ހާމަކޮށްފައެވެ. ނަމަވެސް އިސްރާއީލު ބޭނުން ވަނީ އިސްރާއީލުން ހައްޔަރުކޮށްފައިވާ ފަލަސްތީނު މީހުން މިނިވަންނުކޮށް ހަނގުރާމަކޮށް ހަމާސް ބަލިކޮށްގެން އަސީރުން މިނިވަން ކުރުމަށެވެ. ނަމަވެސް ހަމާސްއާ ހަނގުރާމަ ކުރާ ކަމަށް ބުނެ އިސްރާއީލު ބޮންއަޅައި މަރަމުން ގެންދަނީ ފަލަސްތީނުގެ ހަތިޔާރު ނެތް އާންމުންނެވެ.

އިސްރާއީލުން ހަމަލާތައް ދެނީ ހޮސްޕިޓަލްތަކަށާއި ސްކޫލްތަކަށާއި އާންމުންގެ ގެތަކަށެވެ. ހަމާސްގެ މުޖާހިދުންނާ ކުރިމަތިލައިގެން އިސްރާއީލު ވަނީ ނާކާމިޔާބެވެ. އިސްރާއީލު މިނިވަންކުރަން ބޭނުންވާ އަސީރުންގެ އެކަކު ވެސް މިނިވަނެއް ނުކުރެވެއެވެ. އަނެއްކޮޅުން ޣައްޒާގައި އިސްރާއީލު ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް މުޅި ދުނިޔޭގެ ކަޅި ވަނީ ހުއްޓިފައެވެ.

އަދި, އިސްރާއީލަކީ ނުބައި ޓެރަރިސްޓް ގައުމެއް ކަމާއި އިސްރާއީލުގެ ވެރިންނަކީ ބައިނަލްއަޤްވާމީ އަދާލަތަށް ހާޒިރުކުރަން ޖެހިފައިވާ މުޖުރިމުންކަމާއި އެކަން ނުކުރެވެނީ ހުޅަނގުގެ ބޮޑެތި ބާރުތަކުގެ ސަބަބުންކަން ވެސް ދުނިޔެއަށް ވަނީ ހާމަވެފައެވެ. އިންސާނީ ހައްގުތަކާއި މިނިވަންކަމާއި ޑިމޮކްރަސީއާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ހުޅަނގުން ދައްކާ ވާހަކަތަކީ ވެސް އަސާސެއް ނެތް ބިލާހެއްކަން ހާމަވެ ހުޅަނގުގެ ސޮފްޓް ޕަވާ ދުނިޔޭގެ އާންމުންގެ މެދުގައި ވަނީ ގެއްލިފައެވެ.

މި މަހުގެ ހަތްވަނަ ދުވަހު ހަމާސުން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގައި އިސްރާއީލުގެ ސިފައިންގެ ބަލިކަށިކަން ހާމަވެފައިވާއިރު އަނެއްކޮޅުން ޣައްޒާގައި ހަމާސްއާ ދެކޮޅަށް ހަނގުރާމަކޮށްގެން އަސީރުން މިނިވަންކުުރުމުގައި އިސްރާއީލަށް ކާމިޔާބު ނުލިބޭތީ އިސްރާއީލުގެ އާންމުންގެ ގިނަ ބަޔަކުވަނީ ޔަހޫދީ ސިފައިންގެ ލަޝްކަރުތަކަކީ މުޖާހިދުންގެ ކުރިމަތީގައި އަމިއްލަ ނަފްސު ދިފާއު ކުރެވޭވަރުގެ ބައެއް ނޫން ކަމަށް ދެކި އިސްރާއީލު ދޫކޮށް އެ މީހުންގެ އަމިއްލަ ގައުމުތަކަށް އަލުން ދިޔުމުގެ މަސައްކަތް ފަށާފައެވެ.

މިހާތަނަށް 270،000 އަށް ވުރެ ގިނަ ޔަހޫދީ ވަޒަންވެރިން ވަނީ ފާއިތުވި އެއް މަސް ތެރޭގައި އިސްރާއީލު ދޫކޮށް ގޮސްފައެވެ. އަނެއްކޮޅުން ހަމާސްގެ ރޮކެޓް ހަމަލާތައް ހުއްޓުވުމުގައި ވެސް އިސްރާއީލު ވަނީ ނާކާމިޔާބުވެފައެވެ. މި ކަމުގެ ސަބަބުން އިސްރާއީލުގެ އެއާޕޯޓްތަކާއި ކާރުޚާނާތަކާއި ދިރިއުޅުމުގެ އާންމު ހާލަތުވަނީ ހުއްޓުމަކަށް އައިސްފައެވެ. ސަބަބަކީ ކޮންމެ ވަގުތަކު ވެސް ހަމާސްގެ ރޮކެޓެއް ކޮންމެ ތަނަކަށް ވެސް ވެއްޓިދާނެކަމުގެ ބިރު އޮންނާތީއެވެ.