07 Nov 2023, 14:25
މި ފަސް އަހަރުގެ ދައުރުގެ ތެރޭ މިނިވަން މުއައްސަސާތަކުން ދިމާވި އެންމެ ބޮޑު މައްސަލައަކީ މާލީ މިނިވަންކަން ނެތުމާއެކު މައްސަލަތަކަށް ސިޔާސީ ނުފޫޒު ފޯރުވުމަށް ސިޔާސީ ފަރާތްތަކުން މަސައްކަތް ކޮށްފައި ހުރުންކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް ވަނީ އިންތިގާލީ މަރުހަލާގެ ކޮމިޓީތަކުން މިނިވަން މުއައްސަސާތަކަށް ކުރި ޒިޔާރާތްތަކުން ހާމަވި މުހިންމު ކަންކަން ހިއްސާކުރައްވައިފައެވެ.
އެގޮތުން ފާހަގަވި ބައެއް ކަންކަމަކީ:
ބަޖެޓުގެ ދަތިކަން
- މެންޑޭޓު އަދައިނުކުރެވުން
- މެންޑޭޓު ފުށުއެރުން
- ފަންނީ މުވައްޒަފުންގެ ދަތިކަން
- އެއް މުއައްސަސާއާއި އަނެއް މުއައްސަސާއާ ދެމެދު އެއްބާރުލުމާއި ގުޅުން ކުޑަވުން
- ގާނޫނީ ބާރު ނެތުން
- އެކަށީގެންވާ މަޝްވަރާ ނުކުރުން
- ސިޔާސީ ނުފޫޒު
ފިރުޒުލް ވިދާޅުވީ މުއައްސަސާތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބަޖެޓުގެ ދަތިކަން ކަމަށެވެ. އެގޮތުން އެ މުއައްސަސާއަކަށް ކަނޑައެޅިފައިވާ ބަޖެޓު ދޫކުރުމުގައި ހިފެހެއްޓުންތަކެއް ހުރިކަން ފާހަގަވާކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ބޭފުޅުން އެދޭ ބަޖެޓު އެއްވެސް އަހަރެއްގެ ދައުލަތުގެ ބަޖެޓުގެ ތެރެއިން އެލޮކޭޓް ވެގެން ނުދިޔުމުގެ ނަތީޖާއެއްގެ ގޮތުން ބޮޑެތި ދަތިތައް ކުރިމަތިވެގެންދޭ ޖުމްލަކޮށް އޯވަރޮލްކޮށް ހުރިހާ ފަހަރެއްގައި ވެސް ބަޖެޓުގެ ދަތިކަން، ތާށިިކަން ފާހަގަވަމުންދޭ،" ފިރުޒުލް ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ޚަރަދުކުޑަކުރުމަށް ސަރުކާރުން ކުރާ ބައެއް ކަންކަމުގެ ސަބަބުން، އަހަރުގެ ވަކި ހިސާބަކުން ކުރިން ކަނޑައެޅިފައިވާ ބަޖެޓްގެ ބައެއް އުނިވެ، ތާވަލުކޮށްފައި ހުންނަ މަސައްކަތް ހުއްޓާލަން ޖެހޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންވެ އެ މުއައްސަސާތަކުގެ ބަޖެޓުގެ 70 ނުވަތަ 60 ޕަސެންޓް ހޭދަވަނީ މުސާރައާއި އިދާރީ ހިންގުމަށްކަމަށް އެ މުއައްސަސާތަކުން ބުނެފައިވާކަމަށް ވިދާޅުވިއެވެ.
ނަތީޖާއެއްގެ ގޮތުން އެންމެ އެކަށީގެންވާ ގޮތަށް އެއްވެސް މުއައްސަސާއަކަށް އެ މުއައްސަސާއެއްގެ މެންޑޭޓު ފުރިހަމަ ގޮތުގައި އަދައިކުރެވިފައިނުވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވި ގޮތުގައި އައު ސަރުކާރުން މިނިވަން މުއައްސަސާތައް އިސްލާހުކުރުމަށް ކުރާނެ ކަންކަން:
މާލީ މިނިވަންކަން އިތުރުކޮށްދިނުން
- އޮފީސް ހިންގަން، ކުލީގެ ގޮތުގައި ކުރާ ޚަރަދު އިންވެސްޓްކުރުން
- ގާނޫނުތައް އިސްލާހުކުރުން
- ޖަވާބުދާރީކުރުވުމާއި ޖަވާބުދާރީވުމުގެ ނިޒާމު ހަރުދަނާކުރުން
- މުއައްސަސާތަކަށް ހުށަހަޅަންޖެހޭ މައްސަލަތައް މަދުކުރުން
އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތްތައް ނިންމައި ކޮމިޓީތަކުގެ ރިޕޯޓުތައް މިހާރު ހުށަހަޅަމުން އަންނަ އިރު މީގެ ކުރިން ފިރުޒުލްވަނީ ސަރުކާރުގެ ބައެއް ކުންފުނިތަކުން ފާހަގަވި ކަންކަން ވެސް މީގެ ކުރިން ހިއްސާކުރައްވައިފައެވެ.
އިންތިޚާބީ ރައީސް ހުވައިކުރެއްވުމުގެ ކުރިން މި މަސައްކަތް ނިންމުމަަށް އަމާޒު ހިފާއިރު، އައު ސަރުކާރުގެ ސިޔާސަތުތައް އެކުލަވައިލާނީ މި ކޮމިޓީތަކުން އެއްކުރާ މައުލޫމާތަށް ބަލައިފައެވެ.