ސަރުކާރު މަސް ކުންފުނި މިފްކޯއިން މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑު ކުރި ނަމަވެސް އަލުން އެ އަގު ރިވިއު ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

'ސަން' އަށް މައުލޫމާތުދެމުން މިފްކޯއިން ބުނީ މަސް ގަންނަ އަގު ބޮޑުކުރި ނަމަވެސް ދެކޮޅު ނުޖެހޭތީ އަލުން އަނެއްކާވެސް އަގު ރިވިއު ކުރަން ފަށާފައިވާ ކަމަށެވެ.

ސަރުކާރުން މަސް ގަންނަ އަގު ބޮޑުކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ދުވަސްކޮޅުގައެވެ. އޭގެ ކުރިން މިފްކޯއިން މަސް ގަންނަމުން އައީ 17 ރުފިޔާގެ މަގުންނެވެ.

މަސްވެރިން ބުނާ ގޮތުގައި މަހުގެ އަގު ބޮޑު ކުރިފަހުން ބިލަށް ފައިސާ ލިބުމުގައި ވެސް ލަސްތަކެއް އުޅެއެވެ.

އޭރު މަސް ގަންނަ އަގު ބޮޑުކުރީ ރާއްޖެއިން އިނގިރޭސިވިލާތަށާއި ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލާނެކަން ކަށަވަރުވުމާ ގުޅިގެން ކަމަށް ސަރުކާރުން ބުންޏެވެވެ.

އޭރު މިފްކޯއިން މި ނިންމުން ނިންމާފައި ވަނީ މަސްވެރިންގެ ކަންބޮޑުވުންތަކުގެ ވާހަކަ ވެސް އެހުމަށް ފަހުކަމަށް މިފްކޯއިން ވަނީ މައުލޫމާތުދީފައެވެ.

މިފްކޯއިން މަސް ގަންނަ އަގު ބޮޑު ކުރުމާއެކު އެ މަސައްކަތް ކުރާ ބައެއް ދިވެހި ކުންފުނިތަކަށް އެ އަގުގައި މަސް ނުގަނެވޭތީ އެ ކުންފުނިތަކުގެ އޮޕަރޭޝަން ހުއްޓުމަކަށް އައެވެ.

މިފްކޯއިން މިހާރު ވެސް އަންނަނީ މަސް ގަނެވޭ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިއަހަރަށް ދައުލަތުގެ ބަޖެޓުން ވަނީ 250 މިލިއަން ރުފިޔާ މިފްކޯއަށް ދޭން ކަނޑައަޅައިފައެވެ. މަސް ގަންނަ އަގަށް ގެނައި ބަދަލާއެކު މި ބަޖެޓަށް ވުރެން އިތުރަށް މިފްކޯއަށް ފައިސާ ބޭނުންވާނެއެވެ.

މިފްކޯއަކީ ވަރަށް ބޮޑަށް ދަރަނި އޮތް ކުންފުންޏެކެވެ. އެގޮތަށް އެކަން ދިމާވަނީ ދުނިޔޭގެ މާކެޓަށް ވުރެން އަގުބޮޑުކޮށް ދިވެހި މަސްވެރިންގެ އަތުން އެކުންފުނިން މަސް ގަންނަން ޖެހޭތީއެވެ.