07 Nov 2023, 15:21
ފާއިތުވި މަހެއްހާ ދުވަހު ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު މީގެ 620 ދުވަސް ކުރިން ފެށިގެން ހިނގަމުންދާ ރަޝިޔާ އާއި ޔޫކްރެއިން ހަނގުރާމައިގައި މަރާލާފައިވާ މީހުންގެ އަދަދަށްވުރެ އިތުރުވެއްޖެއެވެ.
އިސްރާއީލް ފަލަސްތީން ހަނގުރާމަ މި އަހަރުގެ އޮކްޓޫބަރު ހަތް ވަނަ ދުވަހު ފެށިއިރި، ރަޝިއާ ޔޫކްރެއިން ހަނގުރާމަ ފަށާފައި ވަނީ މިދިޔަ އަހަރު ފެބްރުއަރީ މަހު 24 ވަނަ ދުވަހުއެވެ.
ފަލަސްތީނުގެ ސިއްހީ ވުޒާރާއާ ހަވާލާދީ އަނަދޮލް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަނގުރާމައަށް އެއް މަސް ވެފައިވާއިރު، ޔަހޫދީ އިސްރާއީލުން ޣައްޒާއިން 10022 މުސްލިމުން ޝަހީދުކޮށްލާފައިވެއެވެ. އޭގެތެރޭގައި 4104 ކުޑަކުދިންނާއި، 2641 އަންހެނުން ހިމެނެއެވެ. ޒަހަމް ކޮށްލާފައިވާ މީހުންގެ އަދަދު 24000 އަށް އަރައެވެ.
ރަޝިއާ ޔުކްރެއިން ހަނގުރާމައަށް ބަލާއިރު، ހަނގުރާމަ ފެށިގެން މިދިޔަ އޮކްޓޫބަރު މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް މަރާލާފައިވާ ޔޫކްރެއިންގެ އާންމުންގެ އަދަދަކީ 9806 ކެވެ. މާނައަކީ ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ޣައްޒާގައި މަރާލި އާންމުންގެ އަދަދު ޔޫކްރެއިންގައި މިދިޔަ އަހަރުން ފެށިގެން ހިނގަމުންދާ ހަނގުރާމައިގައި މަރާލި މީހުންގެ އަދަދު 20 ގުނަ އިތުރުވެފައިވާކަމެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ހަމަލާތަކުގައި މަރާލާފައިވާ ފަލަސްތީނުގެ މީހުންގެ 40 އިންސައްތަ އަކީ ކުޑަކުދިންނެވެ. އެއީ ކޮންމެ ގަޑިއިރަކުން ފަސް ކުދިން މަރާލުން ކަމުގައިވެސް ހިސާބުތަކުން ދައްކައެވެ.
އިނގިރޭސިވިލާތުގެ އެންޖީއޯ، ސޭވް ދަ ޗިލްޑްރެންސްއިން ހާމަކޮށްފައިވާ ގޮތުން އިސްރާއީލުގެ މި ހަނގުރާމައަކީ މިހާތަނަށް ހަމަނުޖެހުންތަކުގައި މަރުވެފައިވާ ކުޑަކުދިންގެ އަދަދު އެންމެ ގިނަ ހަނގުރާމައެވެ.

ޣައްޒާގެ ހާން ޔޫނުސް އަށް އިސްރާއީލުން ދިން ހަމަލާއެއްގައި އިމާރާތްތައް ބިމާ ހަމަވެފައި ފޮޓޯ/ދަ ޑިޕްލޮމެޓް
މި ހަނގުރާމައިގައި ފަލަސްތީނުގެ ހޮސްޕިޓަލްތަކަށް އަމާޒުކޮށްދޭ ހަމަލާތައްވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ޣައްޒާގެ އެންމެ ގިނަ ދުވަސްވީ އަލް އަހްލީ އަރަބި ހޮސްޕިޓަލަށް ބޮން އަޅައި، 800 އެއްހާ މައުސޫމު ކުޑަކުދިންނާއި އާންމުން ވަނީ މަރާލާފައެވެ. ޣައްޒާގައި ހުރި އެންމެ ބޮޑު، އަލް ޝިފާ ހޮސްޕިޓަލަށްވެސް ހަމަލާތައް ދަނީ އަމާޒުވަމުންނެވެ. ޒަހަމްވެފައިވާ މީހުންނާއި ބަލި މީހުންގެ އިތުރުން ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކުވެސް އެ ހޮސްޕިޓަލްގައި އެބަ ތިއްބެވެ.
ޔަހޫދީ އިސްރާއީލުން އަންނަނީ ޣައްޒާގެ އާންމުންނަށް ސީދާ ހަމަލާތައް ދެމުންނެވެ. އާންމުން ދިރިއުޅޭ ތަންތަނަށް އެއްވެސް އިންޒާރެއް ދިނުމެއްނެތި ބޮން އަޅަމުންދާއިރު، ޣައްޒާގެ ނިކަމެތި ރައްޔިތުން ވަނީ ފެނާއި، ކަރަންޓާއި، ކާނާގެ އިތުރުން ތެލަށްވެސް ޖެހިފައެވެ. އިސްރާއީލުން އަންނަނީ އާންމުންނަށް ބޭނުންވާނެ އެންމެ އަސާސީ ތަކެތި ފޯރުކޮށްދިނުމަށްވެސް ހުރަސް އަޅަމުންނެވެ. އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތީއެވެ.
މީގެ 74 އަހަރު ކުރިން 1949 ވަނަ އަހަރު އާންމުކޮށްފައިވާ ޖެނީވާ މުއާހަދާތަކުގައިވާ ގޮތުން ޒަހަމްވެފައިވާ މީހުންނާއި ބަލި މީހުންނާއި، ބަލިކަށި މީހުންނާއި، ވިހެއުމުގެ މައްސަލަތަކަށް ފަރުވާ ދިނުމަށް އިންތިޒާމުކޮށްފައިވާ އާންމު ހޮސްޕިޓަލްތަކަކީ އެއްވެސް ހާލަތެއްގައި ހަމަލާއެއްގެ އަމާޒަކަށް ވެގެން ނުވާނެއެވެ. އެ ހޮސްޕިޓަލްތަކަށް އިހުތިރާމްކޮށް ރައްކާތެރިކަން ދޭންޖެހޭނެއެވެ.
ނަމަވެސް އިސްރާއީލުން އަންނަނީ މިފަދަ އެއްވެސް ގާނޫނަކަށް ބެލުމެއްނެތި ރަހުމު ކުޑަކޮށް ޣައްޒާގެ އާންމުން މަރަމުންނެވެ.
ރަޝިއާ ޔޫކްރެއިން ހަނގުރާމަ ފަށައިގެން މިހާތަނަށް އައި އިރުވެސް ހުޅަނގުގެ ގައުމުތަކުން އަންނަނީ ރަޝިއާގެ އާންމުން މެރުން ކުށަކަށް ހަދައި، ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. ނަމަވެސް އެއްވެސް ކުށެއްނެތް ޣައްޒާގެ އާންމުން މަރަމުންދާ ތަނެއް ހުޅަނގަކަށް މިއަދު ނުފެނެއެވެ. އޭގެބަދަލުގައި ދުނިޔޭގެ އެންމެ ބޮޑު ބާރު ކަމަށް ދައުވާކުރާ އެމެރިކާއިން އަންނަނީ ފާޅުކަން ބޮޑު ގޮތެއްގައި ހަނގުރާމަ ހުއްޓާނުލުމަށް އިސްރާއީލަށް ބާރުއަޅައި މަދަދުވެރިވަމުންނެވެ.
ޣައްޒާގެ އާންމުންނަށް ހަމަލާތައްދޭން އިސްރާއީލަށް މިހާރު ވެސް ހަތިޔާރުތައް ފޮނުވަމުންދާ އެމެރިކާ އިން ބުނަނީ ހަމަލާތައް ހުއްޓައިލަން ތާއީދު ނުކުރާ ކަމަށާއި އެކަމަށް އިޒްރޭލަށް ބާރު ވެސް ނާޅާނެ ކަމަށެވެ. ހަމަލާތައް ހުއްޓާލައިފި ނަމަ ނުވަތަ މެދުކަނޑާލައިފި ނަމަ، ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސްގެ ހަނގުރާމަވެރިން އިހުނަށްވުރެ ބާރު ގަދަވެ، އިޒްރޭލަށް އިތުރު ހަމަލާތައް ދޭނެ ކަމަށް އެމެރިކާއިން ބުނެއެވެ.
އަނެއްކޮޅުން ޔަހޫދީ ދައުލަތުގެ ވެރިޔާ ބެންޖަމިން ނަތަންޔާހޫވެސް ބުނަމުން އަންނަނީ ހަނގުރާމަ ނުހުއްޓާނެ ކަމަށެވެ. އަދި ހަމާސްގެ ބެލުމުދަށުގައި ތިބި އެމީހުންގެ މީހުން ދޫކޮށްނުލަނީސް ހަނގުރާމަ ނުހުއްޓާނެ ކަމަށް ނަތަންޔާހޫ ބުނެއެވެ. ހަނގުރާމައިގެ ދެވަނަ މަރުހަލާއަކަށް ތައްޔާރުވުމަށްވެސް ނަތަންޔާހޫ ވަނީ ބުނެފައެވެ.
ފަލަސްތީނުގެ ޣައްޒާ އަށް އިސްރާއީލް ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، "އަގްސާ ފްލަޑް" ގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައިގެ ރައްދުގައި ކަމަށްބުނެއެވެ.