އިބުރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުން އަންނަ ޖީއެމްއާރުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ހޯދެން އޮތް ގޮތަކަށް އެ ފައިސާ ހޯދާނެ ކަމަށް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ޖީއެމްއާރުން ވޭތުވެދިޔަ ތިން މަހުގެ ކޮންސެޝަން ފީ ސަރުކާރަށް ދެއްކި އިރު މަދު ކުރި، 8.2 މިލިއަން ޑޮލަރު ނުދައްކާ މައްސަލާގައި ސަރުކާރުން އަމަލުކުރައްވާނީ ކޮންގޮތަކަށްތޯ ސަން އޮންލައިނު ކުރި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ޖީއެމްއާރާ އެކު ސަރުކާރުން ކޮންޓްރެކްޓެއް ހަދާފައިވާ ކަމަށާއި އެފަދަ ކަންކަމުގައި ސަރުކާރުން އެންމެ ބޮޑަށް އިސްކަން ދޭނީ ކޮންޓްރެކްޓްގައި ދެ ފަރާތުން ވެސް އެއްބަސްވެފައިވާ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށާއި ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ވާ ނަމަ އެ ފައިސާއެއް ހޯދުމަށް ސަރުކާރުން ކުރެވެން އޮތް މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

"ދައުލަތަށް ލިބެން ޖެހޭ ހުރިހާ އެއްޗެއް ހޯދުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ފުރިހަމަ ޔަގީން ކަން އަރުވަން. ތި[އަށް މިލިއަން] އެކަންޏެއް ނޫން ތިޔަ އަށް ވުރެ އިތުރަށް ލިބެން ޖެހޭ އެއްޗެއް އޮތުމަކީ ވެސް އެކަށީގެންވާކަމެއް. އެހެން ވީމާ ދައުލަތުގެ ފަރާތުން ހުއްޓުމެއް ނެތި އެކަން ކުރާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޖީއެމްއާރުގެ މައްސަލައަކީ ވަރަށް ހޫނު މައްސަލައެއް ކަމަށާއި އެ މައްސަލާގައި ސަރުކާރާއި އެ ކުންފުންނާ ދެމެދު ހިޔަލުތަފާތުވެފައިވާ ކަންކަން ހައްލުކުރުމަށް ވަޒީރުންގެ ޓީމަކުން އެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި އެ ޓީމްގައި ހިމެނިވަޑައިގެންނަވަނީ ފިނޭންސު މިނިސްޓަރާއި އެޓާނީޖެނެރަލާއި އެއާޕޯޓްސް ކޮމްޕެނީގެ ޗެއާމަން ކަމަށެވެ. ރައީސް ވިދާޅުވީ ޖީއެމްއާރުގެ މައްސަލައިގެ ތެރެ އަށް ސިޔާސީ ކޯޅުންތައް ވައްދަން ބޭނުންފުޅު ނުވާ ކަމަށެވެ.

"އަޅުގަނޑު ބޭނުމެއްނުވޭ އެ މައްސަލައިގެ ތެރެއަށް ސިޔާސީ ކޯޅުން ވައްދާކަށް. ދިވެހިރާއްޖެ އަށް އަންނަ ފޮރިން އިންވެސްޓްމެންޓް ކަންތަން ކުރަން ވާނީ ވިޔަފާރީގެ އުސޫލުން ބިޒުނަސް ކުރިއަށް ގެންދާ އުސޫލުން. އެއްގޮތަކަށް ވެސް އޭގެ ތެރެއަށް ސިޔާސީ ކަންކަން ވައްދައިގެން އެކަން ކުރުމަކީ ރާއްޖޭގެ މުސްތަގުބަލަށް ޓަކައި އިގުތިސާދަށް ޓަކައި ރަނގަޅުކަމެއް ކަމަށް އަޅުގަނޑު ނުދެކެން،" ރައީސް ވިދާޅުވި އެވެ.

ޖީއެމްއާރުން އަހަރުގެ ފުރަތަމަ ތިން މަހުގެ ކޮންސެޝަން ފީ ސަރުކާރަށް ދެއްކި އިރު މަދު ކުރި، 8.2 މިލިއަން ޑޮލަރު ވީ އެންމެ އަވަހަކަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އަށް ދެއްކުމަށް އެ ކުންފުނިން ޖީއެމްއާރަށް ވަނީ ސިޓީ އަކުން އަންގައިފަ އެވެ.

ޖީއެމްއާރާ ހަވާލާދީ އެއާޕޯޓްސް ކޮމްޕެނީން މީގެކުރިން ބުނެފައި ވަނީ މި އަހަރުގެ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށް އެކުންފުނިން އެއާޕޯޓުސް ކޮމްޕެނީއަށް ދައްކަން ޖެހޭ ކޮންސެޝަން ފީގެ ޖުމްލަ ފައިސާއަކީ 8.7 މިލިއަން ޑޮލަރު ކަމުގައިވީ ނަމަވެސް އެ ކުންފުނިން ދެއްކީ 525355 ޑޮލަރު ކަމަށެވެ. އަދި އެއީ 8.2 މިލިއަން ޑޮލަރު މަދު އަދަދެއް ކަމަށެވެ.

އެ ކުންފުނިން ބުނީ ޖީއެމްއާރުން އެ އަދަދަށް ފައިސާ އުނިކޮށް ކޮންސެޝަންފީ ދެއްކީ މި އަހަރުގެ ޖެނުއަރީން ފެށިގެން އެއާޕޯޓް ޑިވަލޮޕްމަންޓް ޗާޖް އޭޑީސީ ގޮތުގައި ނަގަން މަސައްކަތް ކުރި 25 ޑޮލަރުގެ ފައިސާ އަށް ޖެހޭ 7.6 މިލިއަން ޑޮލަރާއި އަދި އިންޝްއަރެންސްސާޗާޖްގެ ގޮތުގައި ނަގަމުން އައި ދެ ޑޮލަރަށް ޖެހޭ 601،148 ޑޮލަރު އުނިކުރުމަށް ފަހު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ޖީއެމްއާރުން ނެރެފައިވާ މީޑިއާ ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ ދިވެހިންގެ އަތުން އޭޑީސީ ނުނެގުމަށް ދެ ގޮތެއް ސަރުކާރަށް ހުށަހަޅާފައިވާ ކަމަށެވެ. އެއީ ދިވެހި ޕާސްޕޯޓެއްގައި ފުރާ އެއްވެސް މީހެއްގެ އަތުން 25 ޑޮލަރު ނުނަގާ ގޮތަށް ހަމަޖައްސައި ދެން ފުރާ ކޮންމެ މީހެއްގެ އަތުން 28 ޑޮލަރު ނެގުން ކަމަށެވެ. އަދި ދެ ވަނަ ގޮތެއް ކަމަށް ބުނެފައި ވަނީ ސާކުގެ ގައުމުތަކަށް ދަތުރުކުރާ މީހުންގެ އަތުން އޭޑީސީ ނުނަގައި ދެން ފުރާ އެންމެންގެ އަތުން 27 ޑޮލަރު އޭޑީސީ އަށް ނެގުމެވެ.