ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުގެ މައްސަލަ ހުށަހަޅާފައިވާ ގަރާރު މަޖިލީހުގައި ކުރިއަށް ނުގެންދެވި އޮތް އޮތުމަށް، މަޖިލީހުގެ ނިޒާމުގެ ތެރެއިން ހަތަރު ހައްލެއް އެބަ އޮތް ކަމަށް މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ މިއަދު ސުޕްރީމް ކޯޓުގައި ވިދާޅުވެއްޖެއެވެ.

ނަޝީދުގެ އިތުބާރުގެ މައްސަލަ މަޖިލީހުން ކުރިއަށް ނުގެންދުވުނު ކަމަށް ބުނެ އެމްޑީޕީން ސުޕްރިމް ކޯޓަށް ހުށަހެޅި މައްސަލައިގެ ދެވަނަ އަޑުއެހުން މިއަދު ހެނދުނު 09:00ގައި ފެށިގެން ކުރިއަށް ދިޔަ އިރު، އެ މައްސަލައަށް ތަދައްހުލްވެފައިވާ ޑިމޮކްރެޓްސްއިން ބުނީ އެ މައްސަލައަކީ ކޯޓަށް ހުށަހަޅައިގެން ހައްލު ހޯދަން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށެވެ. ޑިމޮކްރެޓްސްއިން ބުނި ގޮތުގައި އެއީ މަޖިލީހުގެ ތެރެއިން ހައްލު ހޯދެން އޮތް މައްސަލައެކެވެ.

އެ މައްސަލައިގެ ތެރެއަށް ސުޕްރީމް ކޯޓުން ވަންނަން ޖެހޭ ހާލަތެއް ނެތްކަން ތަކުރާރުކޮށް ފާހަގަކުރާތީ ފަނޑިޔާރުން ވަނީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފައެވެ.

އެއާއެކު މަޖިލީހުގެ އަމީން އާންމުގެ ހައިސިއްޔަތުން އެއްޗެއް ފާހަގަކުރަން ބޭނުންވާ ކަމަށް ވިދާޅުވެ، ފާތިމަތު ނިއުޝާ ވަނީ ފުރުސަތަކަށް އެދިވަޑައިގެންފައެވެ.

އެ ފުރުސަތުގައި އަމީން އާންމު ނިއުޝާ ވަނީ މަޖިލީހުގެ އިދާރާއިން އެ މައްސަލަ ކުރިއަށް ގެންދާނެ ހަތަރު ގޮތެއް ހުށަހަޅުއްވާފައެވެ. އެއީ:

  1. މަޖިލީހުގެ ގަވާއިދުގެ 108 ވަނަ މާއްދާގެ (ށ) ދަށުން މަޖިލީހުގެ އާންމު ކޮމިޓީގެ އަމިއްލަ އިސްނެންގެވުމުގެ މަތިން ގަވާއިދަށް ގެންނަ އިސްލާހެއް ނިންމައި މަޖިލީހުގެ ތަޅުމަށް ހުށަހެޅުން.

  2. މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ހިންގުމުގެ އުސޫލަށް ބަދަލު ގެނައުމަށް އާންމު މެމްބަރަކު ގަރާރެއް ހުށަހެޅުން.
  3. މަޖިލީހުގެ ގަވާއިދުގެ 249 މާއްދާގެ (ށ)ގެ ދަށުން ގަވާއިދަށް ގެންނަން ފެންނަ އިސްލާހު މައްސަލައެއްގެ ގޮތުގައި ހުށަހެޅުން.
  4. ގަވާއިދުގެ 205 މާއްދާގައި މިހާލަތުގައި އަމަލުކުރާނެ ގޮތެއް ނެތުމުން އެކަމާ މެދު އަމަލުކުރާނެ ގޮތަކާ މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުން.

ނިއުޝާ ވިދާޅުވީ، ޖަލްސާގައި އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް ގަވާއިދުގައި ބުނަނީ، ޖަލްސާއަށް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުން ކަމަށެވެ. އަދި މައްސަލަ ހުށަހެޅުން ކަމަށް ބަލަނީ މަޖިލީހުގެ ގާނޫނީ ޖަލްސާއަކަށް އެ މައްސަލައެއް ހުށަހެޅުމުން ކަމަށް ވެސް ނިއުޝާ ވިދާޅުވިއެވެ.

އެހެންކަމުން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަދި ޖަލްސާއަކަށް ހުށަހަޅާފައި ނުވާތީ މަޖިލީހުގައި އިތުރު މަސައްކަތްތައް ކުރެވޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ގަބޫލު ކުރެއެވެ.