ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރިޔާސަތު ބެލެހެއްޓުމާ ގުޅޭގޮތުން މިހާރު އުފެދިފައިވާ ޚިޔާލު ތަފާތުވުމުގައި ސުޕްރީމް ކޯޓުގެ ލަފާ އެ ކޯޓަށް ދެވޭނެކަމަށާއި، އެ ލަފާ މި ވަގުތު ކޮންމެހެން މުހިންމު ކަމަށް އެމްޑީޕީން ބުނެފިއެވެ.

މިހާރު ކޯޓުގައި ހިނގަމުން އަންނަ އަޑުއެހުމުގައި، މި މައްސަލަ ބެލުމުގެ އިހްތިޞާޞް ސުޕްރީމް ކޯޓަށް ނެތްކަމަށް ޑިމޮކްރެޓުން ތަކުރާރުކޮށް އަންނަނީ ޝަރީއަތުގައި ފާހަގަކުރަމުންނެވެ.

ސަބަބެއްގެ ގޮތުގައި ޑިމޮކްރެޓުން ބުނަނީ، ސުޕްރީމް ކޯޓުން މިފަދަ ކަމެއްގައި ނިންމާ ނިންމުން ވާނީ މަޖިލިސް ގަވައިދަށް އަންނަ ބަދަލަކަށް ކަމުގައިވުން ކަމަށެވެ. އަދި ސުޕްރީމް ކޯޓަކީ ގާނޫނު ހެެދުމުގެ ބާރު އޮންނަ ތަނެއް ނޫން ކަމަށާއި އެ ފަދަ ގަވައިދެއް އުނިއިތުރުކުރުމަކީ ގާނޫނާ ޚިލާފު ކަމެއްކަމަށް ޑިމޮކްރެޓުން ބުނެއެވެ.

މި ކަމާ ގުޅިގެން އެމްޑީޕީން ބުނީ މި މައްސަލައަކީ މަޖިލީހުގެ ނިންމުމަމާ ގުޅޭ މައްސަލައެއް ނޫންކަމަށާއި މިއީ އިދާރީ ނިންމުމެއްގެ މައްސަލައެއް ކަމަށެވެ.

"މަޖިލީހުގެ ނިންމުމެއް ހިފައިގެން ނާދެވޭނެ،" އެމްޑީޕީގެ ފަރާތުން ވަކާލާތުކުރައްވާ ވަކީލް އަހުމަދު އަބްދުﷲ އަފީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި މައްސަލައިގެ ހުކުމުގައި ހިމެނޭ ވާހަކައަކުން ވެސް މަޖިލީހުގެ ގަވައިދަށް އައު މާއްދާއެއް އިތުރުނުވާނެ ކަމަށެވެ.

"ހަމައެކަނި ވާނެ ގޮތަކީ މަޖިލީހުގެ ގަވައިދުގެ އެ މާއްދާއެއް ރީޑުކުރާނެ ގޮތް، އޭގެ އިރުޝާދުތަކެއް ކޯޓުން ދެވޭނެކަމަށް އަޅުގަނޑު މި ބަލަނީ،" އޭނާ ވިދާޅުވިއެވެ.

އަފީފު ވިދާޅުވީ، މަޖިލިސް ނައިބު ރައީސް ނެތް ހާލަތެއް ނުވަތަ އުޒުރުވެރިވާ ހާލަތެއް އައުމަކީ އެކަށީގެންވާ ކަމެއް ކަަމަށެވެ.

އެހެންކަމުން އެ ފަދަ ހާލަތަކަށް ވިސްނައި، ނައިބު ރައީސް އުޒުރުވެރިވާނަމަ ދެން އަމަލުކުރާނެ ގޮތެއް އެނގެން އޮތުމަކީ ވެސް މުހިންމު ކަމެއްކަމަށް އަފީފް ވިދާޅުވިއެވެ.

މިހާރު އެ ހާލަތުގައި އަމަލުކުރާނެ ގޮތެއް ނެތްއިރު، އެ ފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ، އެހާ ހިސާބުން މުޅި މަޖިލީހުގައި މަރުތަޅު އެެޅުވުނީކަމަށް އެމްޑީޕީން ފާހަގަކުރެއެވެ.

"މިސާލަކަށް މި ހާލަތު ކުރިމަތިވެފައި އޮއްވައި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަވަހާރަވީ، ދެން އަޅުގަނޑު އެހެން ދިމާވާކަށް ބޭނުމެއް ނޫން އެއްވެސް ބޭފުޅަކަށް. އެހެންނަމަވެސް އެ ހާލަތު ދިމާވީ، ދެން ކިހިނެއްތޯ ހަދާނީ. އެ މައްސަލަ ކުރިއަކަށް ނުގެންދެވޭނެ، އިސްލާހެއް ނުގެނެވޭނެ މަޖިލީހުގެ ނައިބު ރައީސް ނެތިއެއް. ތަޅުލެވުނީ އެ،" އަފީފު ފާހަގަކުރެއްވިއެވެ.

މަޖިލިސް ގަވައިދުގެ 205ވަނަ މާއްދައިގައި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭނެ ހާލަތެއް އައިސްފިނަމަ އަމަލުކުރާނެ ގޮތެއް ނޯވެއެވެ. އެމްޑީޕީން ސުޕްރީމް ކޯޓުގައި އެދެނީ ނައިބު ރައީސް ނޫނަސް، އެހެން މެމްބަރަކު ރިޔާސަތުގައި އިންނަވައިގެން އެ މައްސަލަ ނިންމޭނެ ގޮތެއް ކަނޑައަޅައިދެއްވުމަށެވެ.

އެއާއެކު ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ވަނީ ސުޕްރީމް ކޯޓަށް މި މައްސަލަ ބެލެމުގެ އިހްތިޞާސް އޮތްކަމަށް އެމްޑީޕީން ބުނާ ސަބަބު ތަފްސީލް ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަފީފް ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުބަލައިހާ ހިނދަކު މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވިފައި އޮތް އޮތުމަކީ އާންމު މަސްލަހަތަށް އޭގެ ގެއްލުން ވެސް ވާ ކަމެއް ކަމަށެވެ.

އެގޮތުން ބަޖެޓުގެ މަސައްކަތް ހުއްޓިފައި އޮތުމަކީ މި ވަގުތު މަޖިލީހުގައި އާންމު މަސްލަހަތާ ގުޅުންހުރި އެންމެ ބޮޑު މަސައްކަތް ކަމަށާއި އެ މަސައްކަތް، އިތުބާރުގެ މި މައްސަލައާ ހެދި ހުއްޓިފައި އޮތުމަކީ، މި މައްސަލައިގައި ސުޕްރީމް ކޯޓުން ހައްލަކަށް އެދެވޭނެ ސަބަބެއްކަމަށް އެމްޑީޕީން ބުނެއެވެ.

އެއާއެކު ދައުލަތުން ވެސް ބުނީ މި މައްސަލައަކީ މަޖިލީހުގެ އިދާރާއިން ގަވައިދު މާނަކުރުމުގައި އުފެދުނު ޚިޔާލު ތަފާތުވުމަކާ ހެދި ހުށަހެޅިފައި އޮތް ދުސްތޫރީ މައްސަަލައެއް ކަމަށެވެ.

"...އެހެންނަމަވެސް މިހާރު މި ހުށަހެޅިފައިވާ މައްސަލައަކީ އެ އެހެން ގާނޫނު އަސާސީއާ މަޖިލިސްގެ ގަވައިދުގައި އެ ދެއްްވާ މާއްދާ މާނަކުރުން، މަޖިލިސް އިދާރާއިން ދެއްވާ މާނަކުރުމާ ގުޅޭ މައްސަލައެއް ކަމުގައިވާތީއާ، އަދި މި ހާލަތުގައި 88ގެ (ށ)ގައި މި ބަޔާންކުރާ މަފްހޫމަކާ އެ ފޯލެއް ނުވޭ، އެއީ ސީދާ މަޖިލިސް ތަޅުމުން ނިންމައިފައިވާ މައްސަލައަކަށް ނުވާތީ،" ބަންޑާރަ ނައިބު އޮފީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް ވިދާޅުވިއެވެ.