އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރަލް އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ)ގެ ރައީސްގެ މަގާމުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އިސްތިއުފާ ދެއްވައިފިއެވެ.

ޑރ. ޝަހީމް އެކަން އިއުލާނު ކުރައްވާފައި ވަނީ ރޭ ބޭއްވި އައިއޯސީސީން މިއަހަރަށް ނެރެން ކަނޑައަޅާފައިވާ އެންމެ ފަހު ފޮތް "އިސްލާމީ ނަޒަރިއްޔާތު" ނެރުމަށް އެވިޑް ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ޝަހީމް މި މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކެބިނެޓުގެ އިސް މަގާމަކަށް ވަޑައިގަތުމަށް އުޅުއްވާ ކަމުގެ އަޑު ފެތުރިފައިވަނިކޮށެވެ. އެގޮތުން ޑރ. ޝަހީމް އައްޔަން ކުރައްވަނީ އާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރުގެ މަގާމަށް ކަމަށް ވާހަކަ ދެކެވެއެވެ.

ނަމަވެސް ރަސްމީކޮށް އަދި މިކަން އިއުލާން ކޮށްފައެއް ނުވެއެވެ.

ޑރ. މުއިއްޒު ރައީސް ކަމަށް އިންތިޚާބު ކުރުމަށްޓަކައި އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ޝަހީމް ހިމެނިވަޑައިގަންނަވައެވެ.

މީގެ ކުރިން ޑރ. މުޙައްމަދު ވަހީދާއި ޕީޕީއެމްގެ ވެރިކަމުގައި ޝަހީމް ވަނީ އިސްލާމިކް މިނިސްޓަރުކަން ކުރައްވާފައެވެ.

އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ދެ ވަނަ ދައުރަކަށް ވާދަކުރެއްވިއިރު، އެ މަނިކުފާނުގެ ރަނިންމޭޓަކީ ވެސް ޝަހީމެވެ.

މީގެ ކުރިން އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ކަމާއި ވައިސް ޗާންސެލަރުކަން ވެސް ކުރައްވާފައިވާ ޑރ. ޝަހީމް ވަނީ މީގެ ކުރިން އައިއޯސީސީގެ އެޑްވައިޒަރުގެ މަގާމުވެސް އަދާކުރައްވާފައެވެ. އެއަށްފަހު އައިއޯސީސީގެ ރައީސް ކަމަށް ޑރ. ޝަހީމް އައްޔަންކުރެއްވީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.

އިސްލާމިކް ޝަރީއާގެ ރޮނގުން ޝަހީމް ޑިގްރީ ހާސިލުކުރައްވާފަ ވާއިރު އޭނާ ވަނީ އިސްލާމިކް ރިވީލްޑް ނޮލެޖު އެންޑް ހިއުމަން ސައިންސަސްގެ ދާއިރާއިން ޕީއެޗްޑީ ވެސް ހާސިލުކުރައްވާފައެވެ.